ދައުލަތުގެ މުވައްސަސާތަކުން ކުލަވަކިކޮށް ރައްޔިތުންނަށް ކަންކަން ކޮށްދެމުންދާ ކަމަކީ ހިތާމަހުރި ކަމެއް-އަންހުންގެ ރޫހުގެ ރައީސް- ޝިފާ މުޙައްމަދު

ދައުލަތުގެ މުވައްސަސާތަކުން ކުލަވަކިކޮށް ވަކި ކުލައަކަށް ނިސްބަތް ވާތީ ވަކި ގޮތަކަށް ކަންތައް ކުރުމަކީ ހިތާމަހުރި ކަމެއް ކަމަށް އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސް އަދި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހަންމަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އިއްތިހާދުން ކުނޫޒުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާ ވިދާޅުވީ މުޅި ދުނިޔެ ގަބޫލުކުރާ، ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ޚިދުމަތްކޮށް ދިނުމުގެ ސިޔާސަތު ދިވެހީން ބަލައިގަނެފައިވީ ނަމަވެސް މިއަދުގެ ސަރުކާރުން ފެންނަނީ ވަކި ޕާޓީއެއްގެ މީހަކަށްވީތީ، ދައުލަތުގެ މުޥައްސަސާތަކުންދޭ ޚިދުމަތް ހަމައެކަނި އެބަޔަކަށް ލިބެމުންދާ މަންޒަރު ކަމަށާއި، ޑަބިޔު އެޗްއޯ އިން ދިވެހިރައްޔިތުންނަށް ހިލޭ ފޮނުއްވި ވެކްސިން ޖެހުމުގައި ވެސް އިސްކަންދީފައިވަނީ ޕީޕީއެމްގެ ޔާމީނު ފެކްޝަނުގެ މީހުންނަށް ކަމަށް ރައްޔިތުން ވާހަކަދައްކާ ކަމަށެވެ. މީގެ އިތުރުން ބޭރު ގައުމުތަކުގައި ހުރި ރާއްޖޭގެ ކޮންސިއުލޭޓްތަކުން ރީރެޖިސްޓްރޭޝަންގެ ނަމުގައި ވަރަށް ބޮޑަށް މަކަރުވެރިވެރިކަމާއި އޮޅުވާލުން އޭގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ހިންގަމުން ގެންދާ ކަމަށް ޝިފާ ވިދާޅުވިއެވެ.

ރައްޔިތުން މިއަދު މި ތިބަ ނިކަމެތި ހާލަތަކީ މި ސަރުކާރުގެ ބޮޑާކަމާއި ކިބުރުވެރި ކަމުގެ ނަތީޖާ ކަމަށާއި، ރައީސަކަށް ހުންނަ މީހެއްގެ ގަދަރާއި، ޝަރަފް ހިފަހައްޓަން ރައްޔިތުން ބަނޑުފުރާނަ މުއްތިކުރުމަށް ބޭނުންކުރާ ހަނޑޫ ހަކުރު ފުށުން ބައެއް ސަރުކާރަށް ނަގައި ރައްޔިތުން ބިކަ ކުރަން ނުޖެހޭ ކަމަށް ޝިފާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް މުޙަންމަދު ނަޝީދުގެ ސަރުކާރުން ވަނީ ދައުލަތުގެ އާމްދަނީ އިތުރުކޮށް ރައްޔިތުންނަށް އެ އާމްދަނީން ޚިދުމަތްތައް ރަނގަޅުކުރުމަށް ޓެކްސްގެ ނިޒާމް ތައާރަފްކޮށްފައި ކަމަށާއި، މިއަދު ވެސް އެ ޓެކްސް ނަގަމުން އެބަދާ ކަމަށެވެ. އެހެން ނަމަވެސް އާސަންދަ ހޯދަން ވިޔަސް ދާންޖެހިފައި މިވަނީ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމްގެ އަރިހަށް ސަލާން ޖަހަން ކަމަށް ޝިފާ ވިދާޅުވިއެވެ.

މިހާރު މި އޮތް ވެރިކަމަކީ ރައްޔިތުން ގަބޫލުކުރާ ވެރިކަމެއް ނޫން ކަމަށާއި، ރައީސް ޔާމީނުގެ އަރިހުގައި ތިއްބެވި ހެޔޮލަފާ މަދު މީހުންގެ ބަސް އެމަނިކުފާނު އައްސަވާ ނަމަ ރައްޔިތުންނަށް މިހައި ދަތިހާލު ނުޖެއްސެވީސް ކަމަށް ޝިފާ ވިދާޅުވިއެވެ. އަދި ރާއްޖެ މިއޮތީ ބަދަލުވުމުގެ މަގުމަތީގައި ކަމަށާއި، ރާއްޖެ ހަމަ މަގަށް އަޅުވަން އިދިކޮޅު އިއްތިހާދުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި ސަރުކާރުގެ އިސް މަސްއޫލުވެރިންނަށް ރޭގެ ޖަލްސާގައި ޝިފާ ގޮވާލެއްވިއެވެ.