ޤާނޫނު އަސާސީއާ ޚިލާފަށް ސަރުކާރުން ކުރަމުންދާ ކަންތައްތައް މިހާރުން މިހާރަށް ހުއްޓާލުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ގޮވާލައްވައިފި

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ ޚިލާފަށް މި ސަރުކާރުން އެތައް ކަމެއް ކުރަމުން ގެންދާ ކަމަށާއި، އެކަންތައްތައް މިހާރުން މިހާރަށް ހުއްޓަވައިލެއްވުމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ގޮވާލައްވައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުނޫޒުގައި ބޭއްވި އިދިކޮޅު އިއްތިހާދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަން ފަދަ އަސާސީ ހައްގުތައް ނިގުޅައިގަނެ، މިނިވަން މުވައްސަސާތަކުގެ ބާރުކަނޑުވާލުމާއި، ސިޔާސީ ބޭނުމަށް، އިދިކޮޅު ސިޔާސީ ފަރާތްތައް އެކަހެރިކުރުމަށް އެބޭފުޅުން ދަތިއަޅުވައި ވައްޓައިލުމަށް ފުލުހުންގެ މުވައްސަސާއާއި، ކޯޓުތައް ބޭނުންކުރުން ފަދަ ކަންތައް މި ސަރުކާރުން ކުރަމުންދާ ކަމަށާއި، އެކަންތައްތައް މިހާރުން މިހާރަށް ހުއްޓާލުމަށެވެ.

ރޭގެ ޖަލްސާގައި މާރިޔާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ މައްޗަށް ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުއްވި ކަމުގެ ތުހުމަތުގައި އެއްވެސް އަސްލެއް ނެތްކަން 27 މާރޗުގެ ވޯޓުން ވަރަށް ރަނގަޅަށް ސާފުވާ ކަމަށާއި، އެ ދުވަހު އިދިކޮޅަށް ތިއްބެވީ ހަމަ އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީގެ މެންބަރުން ކަމަށެވެ. އަދި ޕީޕީއެމްއަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން އިދިކޮޅަށް ތިބީ ވެސް ކުރިން ވެސް ފާޅުގައި އިދިކޮޅަށް ތިއްބެވި ބޭފުޅުން ކަމަށެވެ. އެހެން ނަމަވެސް ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތްކުރެއްވި ކަމުގެ ތުހުމަތުގައި ގާސިމް ފުލުސް އޮފީހަށް ހާޒިރުކޮށް އެއް މަސް ދުވަސް ވަންދެން ރާއްޖޭން ބޭރަށް ފުރާވަޑައިގަތުން މަނާކުރުން ފަދަ ކަންތައް ކޮށްފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ފުލުސް އޮފީހަށް ސިޔާސީ ފަރާތްތައް ހާޒިރުކުރީމާ ފުލުހުން ވެސް މިހާރު ތިބެނީ އުނދަގޫ ވެފައި ކަމަށާއި، ކުރިން އެންގުމަކާއި ނުލައި އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީން ލިބިދީފައިވާ ހައްގަކަށްވީއިރު، އެ ހައްގު މި ސަރުކާރުން ނިގުޅައިގަނެ، ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަމިއްލަ މުދަލާއި ގެދޮރުގެ މިނިވަންކަމުން ވެސް ރައްޔިތުން މަޙްރޫމް ކުރަމުންދާ ކަމަށެވެ. މާރިޔާ ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވައިދުގައި ވަރަށް ސާފު އިބާރާތުން އެ ޕާޓީގެ މުސްތަޝާރަކީ ސިޔާސީ ކަންކަމާ ބެހިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ނޫންކަމަށް އޮތް އިރުވެސް ފުލުހުންނާއި ކޯޓު މެދުވެރިކޮށް އެ ޕާޓީގެ ރައީސްގެ އޮފީހަށް ވަދެ، އެތަނުގެ ދިދަ ބާލުވައި، ކަންތައް ކުރުމަކީ ޤާނޫނީ އަމުރުތަކެއްގެ ދަށުން ކުރެވޭ ކަންތައްތަކެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.
ރައީސް މުޙަންމަދު ނަޝީދުގެ މައްސަލައާއި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ މައްސަލަ ހިނގައިދިޔައީ ރަނގަޅަށް ނޫން ކަމަށް އދ. ން ނިންމާފައިވުމަކީ ރާއްޖޭގައި އަސްލެއް ނެތް ގޮތަށް ޝަރީޢަތްތައް ކުރެވޭކަން ސާބިތުވެ، މުޅި ދުނިޔެއަށް ރާއްޖެ ބަދުނާމްވި ސަބަބެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން ރައްޔިތުންގެ ކުރިމަތީގައި މިނިވަން މުޥައްސަސާތަކުގެ ހައިބަތު ކުޑަވެގެން ގޮސްފައިވާ ކަމަށާއި، އެހެން ކަމުން އެފަދަ އަމަލުތައް ހުއްޓަވާލައްވައި، ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ކުރެއްވުމަށް މާރިޔާ ގޮވާލެއްވިއެވެ.