ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ސެކްޓަރީ ޖެނެރެލް އަލްއުސްތާޛް އަނަސް އަބްދުލް ސައްތާރު ހުކުރުދުވަހުގެރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.
އަނަސް އަބްދުލް ސައްތާރު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ޤާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް އެންގުމުން އެމަނިކުފާނު އަރިހުގައި ފުލުސް އޮފީހަށް ދިއުމަށް މި ޕާޓީން ޓްވީޓްކޮށްފައިވާތީކަމަށް ބުނެއެވެ. ފުލުސް އޮފީސް ކައިރިއަށް ދިއުމާއި، އެއޮފީސް ކައިރީ މަޑުކުރުމާއި، ދުވުމާއި މިފަދަ ކަންކަމަކީ އެއްވެސް ޤާނޫނަކުން މަނާކޮށްފައިވާ ކަންކަމެއްނޫނެވެ. އަދި އެ ޓްވީޓުގައި އެތަނަށް އެއްވެ، ޣައިރު ޤާނޫނީ ކަމެއްކޮށް ނުވަތަ މުޒާހަރާއެއް ކުރުމަށް ގޮވާލާފައިނުވާކަން ފާހަގަކުރަމެވެ.
އިސްވެދެންނެވުނު ޓްވީޓާ ގުޅިގެން މި ޕާޓީގެ ސެކެޓަރީ ޖެނެރެލް ފުލުސް އޮފީހަށް ހާޒިރުކުރުމުން އެމްޑީޕީން އަބަދުވެސް ފާހަގަ ކުރަމުން އަންނަ ފަދައިން މިއީ ސިޔާސީ ނުފޫޒުގެ ތެރެއިން ކުރެވޭ ދަށު ދަރަޖައިގެ ކަމެއް ކަމުގައި ތަކުރާރުކުރަމެވެ.
ފާއިތުވީ ހަފްތާއަކީ ފުލުހުން މެދުވެރިކޮށް އެކިއެކި ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކޮށް ފޯނު ހިފަހައްޓައި ބަޔާންތައްވެސްނެގުމުުގައި ރެކޯޑް ހެދި ހަފްތާއެކެވެ. މިފަދަ ޤަނޫނާ ޚިލާފަށް ކުރެވޭ އަމުރުތައް ތަންފީޒުކޮށް ފުލުހުން ސިޔާސީ ކޯޅުންގަނޑުތަކުގައި ބައިވެރިވުމުން މުޅި ފުލުހުންގެ މުވައްސަސާއަށް އެކަމުގެ ހުތުރު ނަން ލިބި ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ގެއްލުމަށް މެދުވެރިވާކަމީ މި ޕާޓީން ކަންބޮޑުވާކަމެކެވެ. އަދި ފުލުހުންގެ ވަގުތާއި ވަޞީލަތްތައް މިފަދަ ހެއްވާ ޒާތުގެ ކަންކަން ކުރުމުގައި ބޭކާރުކޮށް، ނަހަމަ ގޮތުގައި ބޭނުންކުރަމުންދާކަމީ މި ޕާޓީން ހިތާމަކުރާކަމެކެވެ.
މިފަދަ ކަންކަމަކީ ރައްޔިތުންގެ ތާޢީދު ނެތް ބޭފުޅަކު ވެރިކަމުގައި ހުންނެވުމުގެ ސަބަބުން ވެރިކަން ދިފާޢުކުރެވެން އޮތް ހަމައެކަނި ގޮތަކީ މިއީ ކަމުގައި ދެކެ ކުރަމުންގެންދާ ގޮތް ހުސްވެފައިވާ ޢަމަލުތަކެކެވެ.
ފުލުހުންގެ މުވައްސަސާއިން މިފަދަ ޣައިރު ޤާނޫނު ކަންކަން ކުރުމުން ދުރުވެ، އެ މުވައްސަސާގެ އެންމެހައި ވަގުތުތައް މިފަދަ ހެއްވާ ޒާތުގެ ކަންކަމުގައި ބޭކާރު ނުކުރުމަށް އެމްޑީޕީން ފުލުހުންނަށް އިލްތިމާސް ކުރަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކެޓޭރިއެޓް
ތާރީޚް: 1 އޭޕްރިލް 2017