އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކާމިޔާބު ހޯއްދެވި ފަރާތްތަކަށް ޗެއަރޕާސަން މަރުހަބާ ވިދާޅުވެއްޖެ

3 އޮކްޓޯބަރ 2010

ލިޔުނީ: ރާމިޒް

mari

މިދިޔަ ހުކުރު ދުވަހު ބޭއްވި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިޚާބުގައި ކާމިޔާބު ލިބިވަޑައިގެންނެވި ފަރާތްތަކަށް އެޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ މަރުހަބާ ވިދާޅުވެއްޖެއެވެ.
މީގެ އިތުރުން ވެސް މި އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރުދަންނަވަމުން ޗެއަރޕާސަން ވިދާޅުވީ މިއިންތިޚާބު ޙަޤީޤަތަކަށް ހެއްދެވުމަށް ވަރަށް ގިނަ ފަރާތްތަކަކުން ބުރަ މަސައްކަތްތަކެއް ކޮށްދެއްވި ކަމަށެވެ. އެގޮތުން ކެންޑިޑޭޓުންނާއި އެބޭފުޅުންނަށް ސަޕޯޓުކުރެއްވި ފަރާތްތަކާއި އެމްޑީޕީ ސެކްރެޓޭރިއަޓާއި ޕާޓީގެ އެހެނިހެން ގުނަންތަކުގެ އެހީއާއެކު އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ވެފައިމިވަނީ ވަރަށް ވާދަވެރި އެހާމެ ފޯރިގަދަ އިންތިޚާބަކަށް ކަމުގައި މާރިޔާ ވިދާޅުވިއެވެ.
ބޯކޮށް ވާރޭ ވެހެމުންދިޔަ ނަމަވެސް ވޯޓުގެ ކަންތައް ފުރިހަމައަށް ގެންގޮސްފައިވާކަން ފާހަގަކުރައްވަމުން ޗެއަރޕާސަން އިތުރަށް ވިދާޅުވީ “ވޯޓަކީ އެމްޑީޕީން ވަރަށް އިސްކަންދޭ ކަމަކަށްވާތީ އާންމު މެންބަރުން ވެސް މިކަމަށް ސަމާލުކަން ދެއްވައި ވޯޓުގައި ބައިވެރިވެވަޑައިގެން ދެއްވުމަކީ” އެކަމަނާގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ