H1N1 އާއި ގުޅިގެން ސްކޫލްތައް ބަންދުކުރުމަށްފަހު ރޯގާ ކޮންޓްރޯލް ނުވަނީސް ސްކޫލްތައް ހުޅުވުމާ ގުޅިގެން އެމްޑީޕީގެ ތަޢުލީމާއި ތަމްރީނާއިބެހޭ ކޮމިޓީން ނެރޭ ނޫސްބަޔާން.

ރާއްޖޭގައި މިހާރުފެތުރެމުންދާ H1N1 ހުމުގެ ރޯގާގެ ސަބަބުން ސްކޫލްތައް ކުއްލިގޮތަކަށް ބަންދުކުރަން ޖެހުނީ ރޯގާ ކޮންޓްރޯލް ނުވެ ކަމުގެ ނުރައްކަލުގެ މިންގަޑު ލެވެލް 3 އަށް އެރުމުންނެވެ. ނަމަވެސް އަދިވެސް ފްލޫ ކޮމިޓީން މި ދަރަޖަ ދަށްކޮށްފައިނުވާއިރު، އަދި ބަލިޖެހޭ މީހުންނާއި މިކަމުގައި ސީރިޔަސްވެ އަޅުގަނޑުމެންނާ ވަކިވެގެން ދާ ފުރާނަތަކުގެ ޢަދަދު އިތުރުމަވުން ދާ ޙާލަތެއްގައި، ދަރިވަރުންނާއި މުދައްރިސުންނާއި ސްކޫލްތަކުގައި މަސައްކަތް ކުރާ އެހެނިހެން މުވައްޒަފުން ބޮޑު ނުރައްކަލަކަށް ހުށަހަޅައި ސްކޫލުތަކުގެ ކިޔެވުން މިއަދު ފެށުމުން ބެލެނިވެރީން މިވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ މި ނިންމުމަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ނޫނެކޭބުނެފައެވެ.

މިއަދު ސްކޫލްތައް ހުޅުވިކަމުގައިވިޔަސް، ސްކޫލްތަކުގެ ޙާޟިރީ އެތައް ގުނަޔަކަށް ދަށްވުމުގެ ސަބަބުން ކިޔަވައި ނުދެވުނުވާހަކަޔަކީވެސް މީޑިޔާއިން މިހާރު ޢާއްމުވެފައިވާ ވާހަކަތަކެކެވެ. ވީމާ، ރައްޔިތުންގެ އިޙުސާސްތަކަށް އިޙްތިރާމްކޮށް، ދަރިވަރުންނާއި މުދައްރިސުންނާއި ސްކޫލްތަކުގައި މަސައްކަތްކުރާ އެހެނިހެން މުވައްޒަފުންގެ ރައްކާތެރިކަމަށް ރިޢާޔަތްކޮށް، މާތް ﷲ ގެ ވާގިފުޅާއެކު މި ރޯގާ ކޮންޓްރޯލް ކުރެވެންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް ސަރުކާރަށް މިޕާޓީން ގޮވާލަމެވެ.

އަދި މިފަދަ ސީރިޔަސް ދަނޑިވަޅެއްގައި ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލި ކަމުގައި ވިޔަސް ގެއްލިގެންދާ ފިލާވަޅުތައް އުނގަންނައިދެވޭނެ އެހެނިހެން އިނތިޒާމުތައް ހަމަޖެއްސޭނެ ވަޞީލަތާއި ވަގުތު އޮތްކަމަށްވެސް މިޕާޓީން ދެކެމެވެ.