ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ނިޒާމެއް ކަމަށާއި، އެ ނިޒާމް ހިންގަން އެނގޭނީ އެމްޑީޕީ އަށް ކަމަށް ރައްޔިތުންގެ މަޖިލީހުގe ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ ޅ.ނައިފަރުގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ޝާހިދު ވިދާޅުވީ މާލޭގައި ފިނި ކޮޓަރީގައި ތިބެގެން ރައްޔިތުންނަށް ޚިދުމަތް ކޮށްދެވޭނެ ކަމަށް މިސަރުކާރުގެ ވަޒީރުން އަދިވެސް ހީފުޅުކުރައްވާ ކަމަށާއި، އެހެން ނަމަވެސް އެކަން އެ ގޮތަށް ނުކުރެވޭނޭ ކަމަށެވެ.
” އަދިވެސް މި ސަރުކާރު ހިންގަވަން ތިއްބަވާ ވަޒީރުންނަށް ހީވާ ކަހަލަ އަތޮޅުތަކުގައި ދިރިއުޅުއްވާ ބޭފުޅުންނަކީ ހަމަ ރާއްޖެތެރޭ މީހުންނޭ. ބުނިހާ ގޮތެއް ހަދާނެއޭ. ބުނިހާ އެއްޗެއް ގަބޫލުކުރާނެއޭ. އެއީ ރާއްޖެތެރޭ މީހުންނޭ. އެމްޑީޕީން ގެނައި އެމްޑީޕީގެ ނިޒާމެއް ލާމަރުކަޒީ ނިޒާމަކީ. އެ ނިޒާމް ހިންގަން އެނގޭނީ އެމްޑީޕީއަށް. އެއީ ހިތުގެ އަޑިން އެ ނިޒާމް ގަބޫލުކުރާ ބަޔަކީ އެމްޑީޕީ ކަމުގައިވާތީ”. ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރަށްރަށުގެ މަގުތަކުގައި ތާރުއަޅަން ބޭނުމިއްޔާ ނުވަތަ ބަނަދަރެއް ހަދަން ބޭނުމިއްޔާ ސަރުކާރަށް އެރަށެއްގެ ކައުންސިލްގެ މެޖޯރިޓީ ދޭށޭ ބުނާއިރު، މާލޭ ސިޓީ ކައުންސިލް އަކީ ބޮޑު ތަނުން އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލެއް ކަމަށާއި، މާލޭގެ މެންބަރުންގެ ގޮތުގައި ގިނައިން ތިއްބެވީ އެމްޑީޕީގެ މެންބަރުންނަށް ވީ ނަމަވެސް މާލޭގައި ސަރުކާރުން ތަރައްގީގެ ނަމުގައި ކުރައްވާ ކަންތައްތައް ނުހުއްޓާ ކަމަށެވެ. އޭނާ ވިދާޅުވީ ރަށްރަށުގައި އަޅަނީ އެންމެ ތިން ލައްކައެއްހާ ރުފިޔާ ޚަރަދުކޮށްގެން އަޅާ ފުޓުސަލް ދަނޑު ކަމަށާ، އެހާ ކުޑަކުޑަ ކަމެއް ކޮށްފައި، ސަރުކާރުން ވޯޓަށް ޑިމާންޑް ކުރާ ކަމަށެވެ. އަދި ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަކީ ޤާނޫނު އަސާސީން ސަރުކާރަށް ލާޒިމްކުރާ ކަމެއް ކަމަށާއި، އެކަންކަމުގެ ބަދަލުގައި ވޯޓުދޭން ނުޖެހޭނޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މި ސަރުކާރު މިއޮތީ ބަލިވެފައި ކަމަށާ، އިންތިޚާބު ފަސްކުރަނީ ބިރުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ލަސް ކުރިޔަސް ފަސްކުރިޔަސް މި އިންތިޚާބާއި، ކުރިއަށް ހުރި ހުރިހާ އިންތިޚާބުތަކެއްގައި ސަރުކާރު ބޮޑު ތަނުން ބަލިކުރާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ދިވެހިރައްޔިތުންގެ ރައީސް މުޙަންމަދު ނަޝީދާއި، ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި، ޖުމުހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ޤާސިމް އިބްރާހީމް އާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ، މިހާރު މި އޮތް ސަރުކާރަށް ނޫނެކޭ ބުނެ އެކުގައި މަސައްކަތް ފެއްޓެވުމަކީ ދިވެހިންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު އުފާވެރިކަމެއް ކަމަށެވެ. އަދި އެމްޑީޕީން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައްޔިތުން ބޭނުންވާ ރައްޔިތުންގެ ވެރިކަން ގެނެސްދީފައި ކަމަށާއި، ރައްޔިތުން އެދޭ ވެރިކަމަކީ ރައްޔިތުންގެ ރައީސް، ރައީސް މުޙަންމަދު ނަޝީދު އަލުން އަނބުރައި ދިވެހިރާއްޖޭގެ ވެރިކަމަށް އިންތިޚާބުކުރުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޕީޕީއެމްއަށް ދޭ ކޮންމެ ވޯޓަކީ އަނިޔާވެރިކަމަށް ހިތްވަރު ދިނުމަށް ދެވޭ ވޯޓެއް ކަމަށާއި، ހަނޑޫ ހަކުރު ފުށުން ފެށިގެން ގޮސް ހުރިހާ ގޮތަކުން މި ސަރުކާރު ދަނީ ރައްޔިތުންނަށް އަނިޔާވެރިވަމުން ކަމަށް އޭނާ ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ދިވެހިންގެ ގެއްލިފައިވާ ހުރިހާ ހައްގުތަކެއް ހޯދައިދީފައި ނޫނީ އެމްޑީޕީން މަސައްކަތް ހުއްޓާ ނުލާނޭ ކަމަށެވެ.