ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ކާމިޔާބުވުމާ އެކު މި ސަރުކާރުގައި ސިއްކަ ޖެހިގެންދާނެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ގދ.ގައްދޫ ކައުންސިލާއި އެއަތޮޅު އަތޮޅު ކައުންސިލްގެ ގައްދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓަށް ތާޢީދު ހޯއްދެވުމަށް ހުކުރުވިލޭރޭ އެމްޑީޕީން ގައްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާޒު ވިދާޅުވީ އެއްވެސް ކަމެއް އޮޅުވާލައްވަން ނޫޅުއްވާ ކަމަށާއި، އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ މި އަނިޔާވެރި ސަރުކާރު ގާނޫނީ އިމުގެ ތެރެއިން ބަދަލުކުރުން ކަމަށެވެ. އަދި، މަޖިލިސް ހިސާރުކޮށްގެން އިންނެވި މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާއެކު ދައުލަތުގެ ހުރިހާ ކަމެއް ބަދަލުވެގެންދާނެ ކަމަށާއި، މިހާރު ވިކުރާ ފޮތަކަށް ހައްދަވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިނިވަންކަން ހޯއްދަވައިދެއްވައި، މިނިވަން މުވައްސަސާތަކަށް ވެސް ހަގީގީ މިނިވަންކަން ގެނެސްދެއްވާނެ ކަމަށެވެ. އެގޮތުން ޚާއްސަ ގޮތެއްގައި އިލެކްޝަންސް ކޮމިޝަނުގެ ނަން އޭނާ ފާހަގަކުރެއްވިއެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ޖަލްސާގައި ޝިފާޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތްކުރާ ތަނަކަށް ހެދުމަށް ހުރިހާ ރައްޔިތުން ވެސް މާލެ އަރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ މަސީހަށް ނޫނެކޭ ބުނެ ބޮޑު އަޤްލަބިއްޔަތަކުން އޭނާ މަޖިލީހުގެ ރައީސް ކަމުން ބޭރުކުރާއިރު ގައްދޫ ދާއިރާގެ ޝާމިލްވުން ވެސް އެކަމުގައި އޮންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެ ގޮތުން ދޮރުންދޮރަށް ހިނގުމުގައި އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓުގައި މަސީހާ ދެކޮޅަށް ވޯޓު ދިނުމަށް ގައްދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ރަޝީދަށް އިލްތިމާސް ދެންނެވުން ހަނދާންކޮށްދެއްވުން ކަމަށް ވެސް ޝިފާޒު ވިދާޅުވިއެވެ.
ފާފު އަތޮޅުގެ މަޝްރޫޢާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ ރުފިޔާ ފޮއްޗެއްގެ ކަންފުޅެއް އޮތް ކަމެއް ނަމަވެސް އެކަމެއްގައި ރައީސް ޢަބްދުﷲ ޔާމީން އުޅުއްވާ ކަމަށާއި، އެ ނޫން ކަމެއް ޔާމީނު ނުކުރައްވާ ކަމަށެވެ. އަދި ފާފު އަތޮޅަށް ހަދަން އުޅެ ގޮތުގެ އެއްވެސް ތަފްސީލެއް މިހާތަނަށް ވެސް ލިބިފައި ނުވާ ކަމަށާއި، ވިއްކަނީ މުޅި އަތޮޅު ކަމެއް ނުވަތަ އަތޮޅުން ބައެއް ކަމެއް ވެސް ބަޔަކަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކީ ގުރުބާންކުރާ ކަންބަޅިއެއް ކަމަށް ރައީސް ޔާމީނު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުން ޝިފާޒު ވިދާޅުވީ ނުހައްގުން އަދަބުދީ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމާއި، ޔާމީނުގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކަށް އިންނެވި ދިއްގަރު ދާއިރާގެ އޭރުގެ މެންބަރު އަހުމަދު ނާޒިމް ކަންބަޅިއަކަށް ހެއްދެވީ ވެސް، އަދި މި ސަރުކާރުގެ ކުރީގެ ދެ ނައިބު ރައީސުން ކަމަށްވާ ޑރ. މުޙައްމަދު ޖަމީލާއި، އަހުމަދު އަދީބު ކަންބަޅިއަކަށް ހެއްދެވީ ވެސް ޔާމީނު ކަމަށެވެ.
ގައްދޫގައި އަލަށް ހުޅުވި އެމްޑީޕީ ކެމްޕެއިން އޮފީހުގައި ބޭއްވި މި ޖަލްސާގައި ޝިފާޒު ވަނީ ލޯކަލް ކައުންސިލް އިންތިޚާބު ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކާމިޔާބުކުރާނީ ބާރުހުރި ކައުންސިލްތަކަކަށް، ކައުންސިލްތައް ހެއްދެވުމަށް ފަހު ކަމަށާއި، ރައްޔިތުންގެ ހިތްވަރަށް ރައީސް މުޙަންމަދު ނަޝީދު ޝުކުރުއަދާކުރައްވާ ކަމަށް ވިދާޅުވެ، ރައީސް ނަޝީދުގެ މެސެޖު ދިވެހިރައްޔިތުންނަށް ފޯރުކޮށްދެއްވާފައެވެ.
މި ޖަލްސާގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކައުންސިލަރުން ވެސް އެމްޑީޕީގެ ކައުންސިލެއް ހޮވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައި ވާހަކަދެއްކެވިއެވެ. އެގޮތުން ސަރުކާރާ ދެކޮޅު ކައުންސިލެއް ހޮވުމުން، ގެއްލުނު ތާއީދު އަނބުރައި ހޯދުމަށް މާ ގިނަ މަޝްރޫޢުތައް ރަށްރަށަށް އައިސް ރައްޔިތުންނަށް މާ ބޮޑަށް ފައިދާކުރާނޭ ކަން އެ ކެންޑިޑޭޓުން ފާހަގަކުރެއްވިއެވެ. އަދި ލާމަރުކަޒީ އުސޫލަކީ އެމްޑީޕީގެ ފިކުރެއް ކަމަށާއި، އެހެން ކަމުން ކައުންސިލްތަކަށް ހޮވަން ޖެހޭނީ ލާމަރުކަޒީ އުސޫލާ ރައްޓެހި، އެ ފިކުރުގެ އަހުލުވެރިންކަން އެ ކެންޑިޑޭޓުން ވަނީ ފާހަގަކުރައްވާފައެވެ.