ރައީސުލްޖުމްހޫރިއްޔާ، އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

3 އޮކްޓޯބަރ 2010

hep-india

މާދަމާ ރޭ އިންޑިޔާގެ ނިއުދިއްލީގައި ފެށޭ ކޮމަންވެލްތް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިއްޔެ ހަވީރު އިންޑިޔާއަށް ފުރާވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި، ކޮމަންވެލްތް ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ. އަދި، އިންޑިޔާގެ ރައީސާއާއި ބޮޑުވަޒީރާވެސް އެމަނިކުފާނު ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުމާ ބެހޭގޮތުންނާއި މިގުޅުން އިތުރު ދާއިރާތަކުގައި ބަދަހި ކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މީގެ އިތުރުންވެސް އިންޑިޔާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި، އިންޑިޔާގެ ބައެއް އިންވެސްޓަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ދިވެހި ސަރުކާރުގެ އިސްވަފްދެއްވެސް މިދަތުރުފުޅުގައި ބައިވެރިކުރައްވައެވެ. ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅުގައި ފުރާވަޑައިގަތީ މިދަތުރުފުޅަށް އިންޑިޔާ ސަރުކާރުން ހަމަޖައްސަވައިދެއްވި ޚާއްޞަ މަތިންދާބޯޓެއްގައެވެ.