ފާފު އަތޮޅު ވިއްކުމާ ދެކޮޅު ޝުޢޫރުފާޅުކުރުންތައް ފުލުހުން ހުއްޓުވައިގެން ނުވާނެ

ފާފު އަތޮޅު ވިއްކާލުމަށް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާފައިވާތީ އެކަމާ އިހުތިޖާޖްކުރުމުގެ ގޮތުން ށ.ބިލެތްފަހީގައި އެރަށުގެ ރައްޔިތުން ފޮތިގަނޑުތައް ދަމާ، ޞުލްޙަވެރިކަމާއެކު ޝުޢޫރުތައް ފާޅުފކުރުމުން އެކަން ޤާނޫނު އަސާސީއާ ޚިލާފަށް ހުއްޓުވައި ޚިޔާލުފާޅުކުރުމުގެ ޙައްޤު ނިގުޅައިގަނެ ބިރުއްދެއްކުމަށް އެރަށުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި މަސައްކަތްކުރާ އެމް.ޑީ.ޕީގެ އިސްފަރާތްތައް ފުލުހުން ހާޒިރުކޮށް ބަޔާން ނަގައި އިންޒާރުދީފައިވާތީ އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ކުށްވެރިކުރަމެވެ.

މި ހަފްތާގެ އާދީއްތަ ދުވަހު ށ.ބިލެތްފަހީގެ ބަނދަރުމަތީގައި “ފާފު އަތޮޅު ވިއްކާނުލާ” ލިޔެފައިވާ ފޮތިގަނޑެއް ބަޔަކު ދަމާފައިވާތީ ޤާނޫނާ ޚިލާފަށް އަމުރުކޮށް ފުލުހުން އެ ފޮތިގަނޑު ނެގުމަށް އަންގައި އެފޮތިގަނޑުތައް ނަގުވާފައިވެއެވެ. އެހެންނަމަވެސް ހަމަ އެދުވަހުގެ ހަވީރު ފުލުހުން ށ.ބިލެތްފައްސަށް ގޮސް އެ ފޮތިގަނޑުތައް ހުރިތޯ ވެސް ވަނީ ބަލާފައެވެ. އާދީއްތަ ދުވަހުގެރޭ އަނެއްކާ އެ ރަށުގެ ރައްޔިތުން ފާފު އަތޮޅު ވިއްކާނުލުމަށް ލިޔުންތައް ލިޔެ ޝުޢޫރުފާޅުކުރިއެވެ. މިކަމާ ގުޅިގެން 6 ވަނަ ދުވަހު 10 ވަރަކަށް ފުލުހުން ބިލެތްފައްސަށް ގޮސް އެމް.ޑީ.ޕީ ކެމްޕޭން ޙަރަކާތްތަކުގައި އެންމެ އިސްކޮށް މަސައްކަތްކުރާ 3 މީހުން ޤާނޫނީ އިމުގެ ބޭރުން ހާޒިރުކޮށް، ބަޔާންތައް ނަގައި 3 ގަޑިއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބުމަށްފަހު ފާފު އަތޮޅާ ބެހޭގޮތުން އެއްވެސް އިދިކޮޅު ޙަރަކާތެއް ރޭވުމުގައި ބައިވެރިނުވާނެކަމަށާއި އެފަދަ އެއްވެސް ވާހަކައެއް ނުދެއްކުމަށް އިގްރާރުވެ ބަޔާނުގައި ސޮއިކުރުވިއެވެ. އަދި އެފަދަ އެއްވެސް ކަމެއް ތަކުރާރުކޮށްފިނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ފުލުހުން ދިނެވެ.

ފާފު އަތޮޅު ވިއްކުމާ ދެކޮޅަށް އިހްތިޖާޖުކުރުމުގެ ޙައްޤު ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމުގައި ފުލުހުންނަށް ހަނދާކޮށްދެމެވެ. ފުލުހުންގެ ދައުރަކީ ޤާނޫނީ އިމުގެތެރެއިން ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމަށް މަގުފަހުކޮށްދިނުން ކަމުގައިވާއިރު އެފަދަ ޝުޢޫރުފާޅުކުރުން ހުއްޓުވައި ރައްޔިތުންނަށް ބިރުދެއްކުމަކީ ޤާނޫނު އަސާސީއާ އަދި ފުލުހުންގެ ޤާނޫނާ ޚިލާފް ކަމެކެވެ. އަދި މިފަދަ ނާތަހުޒީބު ކަންކަމުން ފުލުހުން ދުރުވެ، ޤާނޫނީ އިމުގެ ތެރެއިން ޢަމަލުކުރުމަށް އިލްތިމާސް ކުރަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކެޓޭރިއެޓް
ތާރީޚް: 7 މާޗް 2017