ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް 2017: އިންތިޚާބުތަކުގައި ބައިވެރިވާ އަންހެން ކެންޑިޑޭޓުންނަށް ކެމްޕޭން ފައިނޭންސް ފޯރުކޮށްދިނުމަށް ނިންމައިފި

އިންތިޚާބުތަކުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ ތަމްސީލް ކުރާ އަންހެން ކެންޑިޑޭޓުންނަށް ކެމްޕޭން ފައިނޭންސް ފޯރުކޮށްދިނުމަށް އެމް.ޑީ.ޕީން ނިންމައިފިއެވެ.

ދިވެހި ދައުލަތުގެ ކޮންމެ މުވައްސަސާއެއްގައި އެންމެ ޙަރަކާތްތެރި އަދި މަސައްކަތްތެރި ބަޔަކީ އަންހެނުން ކަމުގައިވީނަމަވެސް، ކަންކަން ނިންމާ ފެންވަރުގައާއި އިންތިޚާބީ މަޤާމުތަކުއި ތަމްސީލުކުރާ އަންހެނުން މަދުކަން ފާހަގަކުރަމެވެ. އެހެންކަމުން އަންހެން ކެންޑިޑޭޓުންނަށް ކެމްޕޭން ފައިނޭންސް ފޯރުކޮށްދިނުމުގެ މައިގަނޑު މަޤްޞަދަކީ ސިޔާސީ އަދި ދައުލަތުގެ އިސް މަޤާމުތަކުގައާއި އިންތިޚާބުކުރެވޭ މަޤާމުތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް މަގުފަހިކޮށްދިނުމެވެ.

ދިވެހިރާއްޖޭގައި އަންހުންނަށް މިފަދަ މަޤާމުތަކުގައި ވާދަކުރުމަށާއި އިންތިޚާބުތަކުގައި ބައިވެރިވުމަށް ތަފާތު އެކި ގޮންޖެހުންތައް ހުރިކަން ފާހަގަ ކުރަމެވެ. ރައްޔިތުންގެ މަޖިލިހާއި، ލޯކަލް ކައުންސިލްތަކާއި، ދައުލަތުގެ އެކި މަޤާމުތަކުގައި ތަމްސީލްކުރާ އަންހެނުންގެ ނިސްބަތް 5 އިންސައްތައަށްވުރެވެސް ދަށެވެ. ދިރާސާތަކުން އެނގޭ ގޮތުގައި މިފަދަ މަޤާމުތަކުގައި އަންހެނުންގެ ހިއްސާ ދަށްވަނީ މައިގަނޑު ގޮތެއްގައި އަންހެނުންނާމެދު މުޖުތަމަޢުން ދެކޭ ގޮތާއި ޢާއިލީ ޒިންމާތަކުގެ ސަބަބުންނެވެ.

ހަމަމިއާއެކު ކެމްޕޭންތަކުގައި ވާދަކުރުމަށް ބޭނުންވާ މާލީ ފޯރުންތެރިކަން ނެތުމަކީ އިންތިޚާބީ މަޤާމުތަކުގައި އެންހެނުންނަށް ވާދަކުރުމަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމުގައި އެމް.ޑީ.ޕީން ދެކެމެވެ. ފާއިތުވީ އަހަރުތަކުގެ ތެރޭގައި އެމް.ޑީ.ޕީގެ އަންހެނުންގެ ރޫޙުގެ ފަރާތުން އިންތިޒާމުކޮށްގެން އަންހެނުންނަށް ވާހަކަދެއްކުމާއި ކެމްޕޭން ކުރުމުގެ ތަމްރީންތައް ވަނީ ހިންގާފައެވެ. މިހާރު ކުރިއަށްދާ މިފަދަ ތަމްރީންތަކުގެ އިތުރުން ކެމްޕޭން ފައިނޭންސް އަންހެން ކެންޑީޑޭޓުންނަށް ފޯރުކޮށްދިނުމާއެކު ސިޔާސީ މައިދާނުގައި މަސައްކަތްކުރުމަށް އެންހުންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމުގައި އެމް.ޑީ.ޕީން އުންމީދުކުރަމެވެ.
“އެމްޑީޕީގައި ހަމަހަމަ ފުރުޞަތު އުފައްދައި، ޕާޓީ ހިންގުން އިތުރަށް ވަރުގަދަ ކުރުމުގައި އަންހެނުންގެ ދައުރު ކަށަވަރުކުރުމުގައި އެމް.ޑީ.ޕީން ދެމިތިބޭނަން. އެމް.ޑީ.ޕީގެ 50 އިންސައްތަ މެމްބަރުންނަކީ އަންހެނުން. އެމް.ޑީ.ޕީގެ އަންހެނުންގެ ރޫޙަކީ ގުނާ އަގުނުކުރެވޭނެ ގުނަވަނެއް” ޗެއަރޕާސަން އަލްއުސްތާޛް ޙަސަން ލަތީފް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ އަންހެން މެމްބަރުންނަކީ ކޮންމެ ދުވަހަކުވެސް އެންމެންގެ ޙައްޤުގައި ވަރުބަލިކަމެއްނެތި މަސައްކަތްކުރަމުން އަންނަ ބައެއް. އެމް.ޑީ.ޕީ އަންހެނުންނަކީ އަނިޔާވެރިކަމާއި، ބޭއިންސާފާއި، ބިރު ފަހަނައަޅައި އިންސާނީ ޙާއްޤުތައް ދިފާޢުކުރުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ބައެއް. ކެމްޕޭންތަކާއި ޕާޓީގެ ހުރިހާ ޙަރަކާތްތައް ރޭވުމުގައި އަޅުގަނޑުމެންގެ ދައުރު ވަރަށް ބޮޑު. އެހެންވީމާ އިންތިޚާބުތަކުގައި ބައިވެރވުމާއި ކަންކަން ނިންމާ ފެންވަރުގައި ޤައުމުގެ މުސްތަޤްބަލް ބައްޓަންކުރުމުގައި އަންހެނުން އިތުރުކުރަން ޖެހޭ” އެމް.ޑީ.ޕީ އަންހެނުންގެ ރޫޙުގެ ރައީސް ޞިފާ މުޙައްމަދު ވިދާޅުވިއެވެ.

” އެމް.ޑީ.ޕީ އަންހެނުންގެ ރޫޙަކީ ޕާޓީގެ އެންމެ މުހިއްމު އެއް ގުނަވަން. މި ޕާޓީ އުފެދުނީއްސުރެވެސް ޕާޓީ ކުރިއަރުވައި، ކޮންމެ ހިނދަކުވެސް ޕާޓީއަށް ދިރުންދެނީ އަންހެނުން. ދިވެހިރާއްޖެއާއި ޕާޓީގެ އެންމެ އިސް މަޤާމުތަކުގައި ތިބުމަށް އަޅުގަނޑުމެން އެދެނީ އަންހެނުން” އެމް.ޑީ.ޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކެޓޭރިއެޓް
ތާރީޚް: 7 މާޗް 2017