ދިވެހި ސިފައިންނަށް ލިބިދީފައިވާ ވޯޓުލުމުގެ ޙައްޤުން މަޙްރޫމުކުރުމަށް ޤާނޫނު ބަދަލު ކުރުމަށް ނިންމި ނިންމުން ކުށްވެރިކުރުން

ދިވެހި ސިފައިންނަށް އިންތިޚާބުތަކުގައި ވޯޓު ނުލެވޭ ގޮތަށް ސިފައިންގެ ޤާނޫނު އިސްލާޙް ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގައި ޑިފެންސް މިނިސްޓަރު ވިދާޅުވެ، ވޯޓުލުމުން ސިފައިން މަޙްރޫމު ކުރުމަކީ ކަނޑައެޅިގެން ޤާނޫނު އަސާސީއާ ޚިލާފް ކަމެކެވެެ. އަދި އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އެންމެ ހަރު އަޑުން ކުށްވެރި ކުރަމެވެ.

ޤާނޫނު އަސާސީގެ 26 ވަނަ މާއްދާގައި އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ވޯޓު ދިނުމުގެ ޙައްޤު ލިބިދީ، ސިފައިންގެ ޤާނޫނުގެ 20 ވަނަ މާއްދާގައި ސިފައިންގެ ކޮންމެ މީހަކަށް ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ޙައްޤު ކަށަވަރުކުރާހިނދު އެފަދަ އެއްވެސް ޙައްޤަކަށް ދައުލަތުން އަރައިގަތުމަކީ ޤާނޫނުގެ ވެރިކަން ނަގާލުމެވެ. އަދި ޤާނޫނު އަސާސީގައި ކަށަވަރުކުރާ މިފަދަ އަސާސީ އެއްވެސް ޙައްޤަކީ ސަރުކާރުން ބޭނުންވާ ކޮންމެ ހިނދަކު ޤާނޫނު ބަދަލުކޮށްގެން ކުރެވޭނެ ކަމެއްވެސް ނޫނެވެ.

ދިވެހި ސިފައިންނަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން ދިވެހި ދައުލަތާއި ޤާނޫނީ ވެރިކަން ދިފާޢުކޮށް ޙިމާޔަތްކޮށް ހަށިފުރާނައަށް ބެލުމެއްނެތި އަބަދުމެ މަސައްކަތްކުރާ ދައުލަތުގެ އެންމެ މުހިއްމު އިދާރާ ކަމުގައިވާހިނދު، އެފަދަ ބައެއްގެ އެންމެ އަސާސީ އެއް ޙައްޤު ކަމުގައިވާ ވޯޓުލުމުގެ ޙައްޤުން މަޙްރޫމު ކުރުމަކީ ދައުލަތަށް އެކަމުގެ ނުރައްކާވެސް ބޮޑު ކަމެކެވެ. އަދި އެއީ ދިވެހި އަސްކަރިއްޔާ ސިޔާސީކޮށް އެތަން ކިލަނބުކޮށް ސަރުކާރުން ބޭނުން ކޮންމެ ގޮތެއް ހެދުމަށް ފުރުޞަތު ހުޅުވާލުމެވެ.

ޢަބްދުﷲ ޔާމީންގެ ސަރުކާރުން މިހާރު ކުރައްވާ މަސައްކަތަކީ އިންތިޚާބުތަކަށް ނުފޫޒު ފޯރުވައި، ދައުލަތުގެ މުހިއްމު އިދާރާތައް ސިޔާސީކޮށް، ޔާމީނަށް ރައްޔިތުންގެ ތާޢީދު ގެއްލިފައިވުމުން، ވޯޓު ލުމުގެ ޙައްޤު ލިިބިގެންވާ މީހުންގެ އަދަދު މަދުކޮށް އެކިއެކި މުވައްސަސާތަކަށް ނިސްބަތްވާ ފަރާތަކުގެ ވޯޓު ލުމުގެ ހައްޤު ގަނޑުކޮށް ނިގުޅައިގަތުމުގެ މަސައްކަތެވެ. އަދި މިއީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން ކަމުގައި އެމް.ޑީ.ޕީން ދެކެމެވެ. ސިފައިން ވޯޓު ލުމުގެ ޙައްޤުން މަޙްރޫމުކުރުމަށް ފަހު ދެން ދައުލަަތުގެ އެހެން އިދާރާތަކުގައިވެސް މި އުސޫލަށް ޢަމަލުކުރަން ފަށާނެއެވެ. މިފަދަ ގޮތަކަށް ރައްޔިތުންގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

އެމް.ޑީ.ޕީއަކީ ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ހޯދައިދިނުމަށް ފެށުނީއްސުރެވެސް މަސައްކަތް ކުރަމުން އައި ޕާޓީއެކެވެ. އެގޮތުން ޤާނޫނު އަސާސީ އިސްލާޙްކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ވޯޓު ލުމުގެ ޙައްޤު 18 އަހަރުން މައްޗަށް ބަދަލުކުރުމުގައި އެމް.ޑީ.ޕީން އިސް ދައުރެއް އަދާކޮށްފައިވާކަން ފާހަގަ ކުރަމެވެ.

ޤާނޫނު އަސާސީގެ 2 ވަނަ ބާބަކީ ރައްޔިތުން ބުރަ މަސައްކަތުން އެތައް އަނިޔާތަކެއް ތަޙައްމަލުކުރުމަށްފަހު ހޯދި ޙައްޤުތަކެކެވެ. ވޯޓު ލުމުގެ ޙައްޤަކީ ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދީފައި އެންމެ މުހިއްމު އެއް ޙައްޤެވެ. އެފަދަ މުހިއްމު ޙައްޤަކުން ޤައުމުގެ ދިފާޢުގައި ޝާހީދުވާން ތައްޔާރަށް ތިބިކަމުގެ ހުވާކޮށްގެން ތިބޭ ދިވެހި ސިފައިން މަޙްރޫމުކުރެވޭތަން ބަލަން ދިވެހި ރައްޔިތުން ނުތިބޭނެއެވެ. އަދި އެކަމުގެ ދިފާއުގައި އެމް.ޑީ.ޕީން ތެދުވެ އަބަދުވެސް އިހްތިޖާޖުކުރާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކެޓޭރިއެޓް
ތާރީޚް: 1 މާޗް 2017