ރައީސް މުޙައްމަދު ނަޝީދަށް ޖެނީވާ ސަމިޓްގައި ‘ ހިއްވަރު ގަދަ އެވޯޑު 2017’ ލިބިވަޑައިގެންފައިވާތީ ހޫނު މަރުޙަބާއެއް ދެންނެވުން

C5LXSdkWcAEcWO22-640x421

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް 9 ވަނަ ޖެނީވާ ސަމިޓްގައި އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީގެ ރޮގުން ‘ހިއްވަރުގަދަ އެވޯޑު 2017 ‘ ލިބިވަޑައިގެންފައި ވާތީ އެމަނިކުފާނަށް އެމް.ޑީ.ޕީއިން ހޫނު މަރުޙަބާއެއް ދަންނަވަމެވެ. އަދި އެއީ މި ޕާޓީ އަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެކެވެ.

އެމަނިކުފާނަށް މި ޚާއްސަ އިނާމް ލިބިވަޑައިގެންފައި ވަނީ އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީގެ ރޮނގުގައި އެމަނިކުފާނު ސާބިތުކަމާއިއެކު ކުރައްވަމުންގެންދަވާ މަތިވެރި މަސައްކަތްޕުޅުތައް ފާހަގަކުރުމުގެ ގޮތުންނެވެ.

ޖެނީވާ ސަމިޓްގައި ރައީސް މުޙައްމަދު ނަޝީދަށް މި ޚާއްސަ އިނާމް އަރުވަމުން ފަހަގަކޮށްފައި ވާގޮތުގައި އެމަނިކުފާނަކީ މިނިވަންކަމަށާއި ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދިފާއުގައި އާދަޔާއި ޚިލާފު ހިއްވަރެއް ދެއްކެވުމުގެ ސަބަބުން އެމަނިކުފާނުގެ ކިބައިން މުޅި ދުނިޔެއިންވެސް ހިއްވަރު ލިބިގަންނަމުންދާ ޝަހުސިއްޔަތެއްކަމަށެވެ.

ޖެނީވާ ސަމިޓްގައި އިންސާނީ ޙައްޢޤުތަކާއި ޑިމޮކްރަސީގެ ރޮނގުން ހިއްވަރުގަދަ އިނާމް ލިބިވަޑައިގެން ހަމައެކަނި ދިވެހި ޝަހުސިއްޔަތަކީ ރައީސް މުޙައްމަދު ނަޝީދުކަން ފާހަގަކުރަމެވެ. އިންސާނީ ހައްޤުތަކާއި ޑިމޮކްރަސީ އާއި އަދި ތިމާވެށިގެ ރޮނގުން ރައީސް މުޙައްމަދު ނަޝީދު ދުނިޔޭގެ ފެންވަރުގައި އަދާކުރައްވަމުންގެންދަވާ ދައުރާއި ، ދައްކަވަމުން ގެންދަވާ ލީޑާރޝިޕްގެ ސަބަބުން އެމަނިކުފާނަށް މީގެ ކުރިންވެސް ބައިނަލްއަޤުވާމީ އެތަކެއް ޝަރަފުވެރި އިނާމު ލިބިވަޑައިގެންފައިވެއެވެ. އަދި ރާއްޖޭގެ އެހެން އެއްވެސް ރައްޔިތެއްގެ ނަން ދުނިޔޭގެ ކުރިމަތީގައި ވިދާލައިފައި ނުވާ މިންވަރަށް އެމަނިކުފާނުގެ ނަންފުޅު ދުނިޔޭގެ ކުރިމަތީގައި ވިދާލައިފައިވާކަން ފާހަގަކުރަމެވެ.

އެމަނިކުފާން ކުރައްވަމުނެގެންދަވާ މި މަތިވެރި މަސައްކަތްޕުޅުގައި އިތުރު ކާމިޔާބަކަށް މި ޕާޓީއިން އެދެމެވެ.
ބަޔާން ނެރުނީ: އެމް.ޑީ.ޕީގެ ސެކްރެޓޭރިއަޓް
ތާރީޙް: 23 ފެބްރުއަރީ 2017