އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ވަރަށް ފުރިހަމައަށް ކުރިއަށް ގެންގޮސްފައިވާތީ ރައީސް މަރުހަބާ ވިދާޅުވެއްޖެ.

3 އޮކްޓޯބަރ 2010

2

މިދިޔަ ހުކުރު ދުވަހު ބޭއްވި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިޚާބު ވަރަށް ފުރިހަމައަށް ކުރިއަށް ގެންގޮސްފައިވާތީ އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރައްވާކަމަށާއި، މިއިންތިޚާބުގެ ކަންތައް މިހާ ފުރިހަމައަށް ގެންދެވީތީ ޕާޓީގެ ހިންގުންތެރިންނަށް ވަރަށް ހޫނު މަރުހަބާއެއް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތް ގޭމްސްގެ ރަސްމީ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ހަވީރު ފުރާވަޑައިގަތުމުގެ ކުރިން ރަސްމީ ފާލަމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ދާއިރާތަކުގެ ހިންގާކޮމިޓީ ހޮވުމަށް ހުކުރު ދުވަހު ބޭއްވި އިންތިޚާބު އެހާކާމިޔާބު އިންތިޚާބަކަށް ހެދުނީ އެޕާޓީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ އާއި ޗެއަރޕަސަން މާރިޔާ އަހްމަދު ދީދީ އާއި އެހެންވެސް ހިންގުންތެރިން އެކަމަށް ކުރެއްވި މަސައްކަތުންކަމަށް ޤަބޫލުކުރައްވާކަމަށާއި އެކަމަށްޓަކައި އެހުރިހާބޭފުޅުންނަށް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވާކަމަށެވެ. އަދި ސިޔާސީ ޕާރޓީއެއްގެ ފައިދާ ފެންނާނީ އެޕާޓީއެއްގެ އެތެރޭގެ ހިންގުން ހަރުދަނާވީ މިންވަރަކުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

455 ކެންޑިޑޭޓުން ވާދަކުރި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕ)ގެ ދާއިރާ ތަކުގެ އިންތިޚާބުގެ ވޯޓުލުން ނިމި ވަގުތީ ނަތީޖާ ހުކުރުދުވަހުގެރޭ ވަނީ އިޢުލާން ކޮށްފައެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ހުކުރުދުވަހުގެ އިޢުލާންކުރިއިރު ޤަވާޢިދުގައި ބުނެފައިވާ ގޮތުން ތިން ދުވަސްތެރޭ ދާއިމީ ނަތީޖާ އިޢުލާންކުރަންޖެހެއެވެ. އެހެން ކަމުން ވިހާވެސް އަވަހަށް ދާއިމީ ނަތީޖާ އިޢުލާންކުރަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ގިނަ މެންބަރުން ބުނެފައިވަނީ އެމްޑީޕީގެ ޑިކޮމްރެޓިކް އުސޫލުތައް ވަރުގަދަވެ، ކުރިއަށް ޖެހިލައިފިކަމަށެވެ. އިދިކޮޅު ސިޔާސީ ޕާޓީތަކަށް އަބަދުވެސް ނަމޫނާ ދައްކާނީ އެމްޑީޕީ އިންކަން ބުނަމުންދާ ދިއުން ކަށަވަރުވެއްޖެ ކަމަށާއި، ވޯޓުލުމުގައި ބޮޑެތި މައްސަލަތަކެއް ނުޖެހި މިހާ ބޮޑު ވޯޓެއް ނެގި ކުރިއަށްގެންދިއުމަކީ، ޤާބިލުކަން ލިބިފައިވާ ބަޔަކަށް ނޫނީ ނުކުރެވޭނެ ކަމެއް ކަމަށެވެ.