ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛާ މަރްޔަމް ވަޙީދު ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި ޤާޟީކަން ކުރެއްވުމުގެ ޙައިޞިއްޔަތު ސްޕްރީމް ކޯޓުން ނިގުޅައިގަނެފައިވާ މައްސަލާގައި ނެރޭ ނޫސްބަޔާން

އިންސާފާއި ތަހުޒީބުގެ ހަމަތަކުގެ މައްޗަށް ބިނާވެގެންވާ އެއްވެސް ޤައުމެއްގައި މިހާތަނަށް ޢަމަލުކޮށްފައިނުވާ ޢަމަލަކުން ފަނޑިޔާރެއްގެ ކިބައިން ޝަރީޢަތްކުރުމުގެ ޙައިޞިއްޔަތު ނިގުޅައިގަނެފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމެވެ.

ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛާ މަރްޔަމް ވަޙީދު ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި ޤާޟީކަން ކުރެއްވުމުގެ ޙައިޞިއްޔަތު ސްޕްރީމް ކޯޓުން ނިގުޅައިގަނެފައިވަނީ ބޮޑުމޮހޮރާގެ މައްސަލާގައި އޭނާ ކުރެއްވި ތަންފީޒީ ޙުކުމެއްގެ ސަބަބުންކަމާއި އަދި އެނޫން އެއްވެސް ސަބަބަކާހުރެ ނޫންކަން ކަނޑައެޅިގެން ބަޔާންކުރެވިގެންކަން ފާހަގަކުރަމެވެ. އެހެންކަމުން އެއީ، އޭނާގެ ކުށަކާނުލައި އޭނާއަށް ދީފައިވާ އަދަބެއްކަން އެނގެއެވެ. ޤާޟީ މަރްޔަމް ވަޙީދުގެ މައްޗަށް އެވަރުގެ ހަރުކަށިކަމެއް ދައްކާފައި އެވަނީ ރައީސް ޢަބްދުﷲ ޔާމިނުގެ ސަރުކާރު ނުރުހޭގޮތަކަށް މައްސަލައެއް ނިންމެވީތީ، އެކަމުގައި ސީދާ ރައީސް ޢަބްދުﷲ ޔާމިން ނުފޫޒު ހިންގަވައިގެންކަމަށް ދެކެމެވެ.

ޤާޟީ އަލްއުސްތާޛާ މަރްޔަމް ވަޙީދާމެދު އެފަދަ ހަރުކަށި ފިޔަވަޅެއް އެޅިގެން ނުވާނޭކަން ހަމައެކަނި އަންނަނިވި ހަމަތަކުގެ މައްޗަށް ބަލާލުމުން ވެސް އެނގެއެވެ.

1. ޤާޟީ މަރްޔަމް ވަޙީދާމެދު ފިޔަވަޅުއަޅާފައިވަނީ އޭނާ ޤާޟީކަމުގައި ދެމިހުންނަވަނިކޮށް އޭނާގެ މައްޗަށް އެއްވެސް ތަޙްޤީޤެއް ކުރެވި، ދަޢުވާއެއް އުފުލެވި، އަދި ޝަރީޢަތެއް ހިންގުމެއް ނެތި، އަދި އޭނާއަށް ދިފާޢުވުމުގެ ފުރުސަތެއް ލިބިވަޑައިގަތުމެއް ނެތިކަމުގައިވުން.

2. ޤާޟީ މަރްޔަމް ވަޙީދާމެދު ފިޔަވަޅުއަޅާފައިވަނީ ޤާޟީއަކާ މެދު ފިޔަވަޅު އެޅުމަށް ޤާނޫނު އަސާސީގައި ބަޔާންކުރާ ހަމައެކަނި 2 މުވައްސަސާ ކަމުގައިވާ ޖުޑިޝަލް ސަރވިސް ކޮމިޝަން ނުވަތަ ރައްޔިތުންގެ މަޖިލިސްގެ އެއްވެސް ދައުރެއްނެތިކަމަށްވުން.

3. ސަރުކާރު ނުރުހޭ ގޮތަކަށް ބޮޑުމޮހޮރާ މައްސަލާގައި ސިވިލް ކޯޓުން ޙުކުމް ކުރުމުން ސްޕްރީމް ކޯޓުން ޤާޟީ މަރްޔަމް ވަޙީދުގެ ކިބައިން ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީޢަތްކުރުމުގެ ޙައިޞިއްޔަތު ނިގުޅައިގަނެފައިވީ ނަމަވެސް، އެ މައްސަލާގައި ސިވިލް ކޯޓުން ނުވަތަ ޤާޟީ މަރްޔަމް ވަޙީދު އިއްވަވާފައިވާ އެއްވެސް ޙުކުމެއްގެ މައްސަލަ މިހާތަނަށް މަތީ ކޯޓަކުން ބަލައި، އެއިން ޙުކުމެއް ބާތިލުކޮށްފައި ނުވާކަން އެނގެން އޮތުން.

4. ސިވިލް ކޯޓުން އިއްވި ޙުކުމުގެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމަށްފަހު ދައުލަތުން އެ މައްސަލަ އަނބުރާ ގެންގޮސްފައިވާއިރު، އެ ކޯޓުން އެންމެ ފުރަތަމަ ނިންމި ތަންފީޒީ މައްސަލަ ވެސް ދައުލަތުން ހައިކޯޓަށް ހުށަހެޅުމަށްފަހު އަނބުރާ ގެންގޮސްފައިވާކަން އެނގެން އޮތުން.

5. ހަމަ އެފަދައިން ދައުލަތުން ސްޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓަށް ބަލައި ނުގަނެވޭނޭ މައްސަލައެއްކަމަށް އެ ކޯޓުން ނިންމާފައިވުން.

6. އެހެންކަމުން ބޮޑުމޮހޮރާ މައްސަލާގައި މިހާތަނަށް ދެމިއޮތް ޙުކުމްތަކަކީ ހަމައެކަނި ސިވިލް ކޯޓުގެ ޙުކުމްތައް ކަމުގައިވުން.

މި ޙަޤީޤަތްތައް މިހެން ހުރުމުން އެނގެނީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛާ މަރްޔަމް ވަޙީދު ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި ޤާޟީކަން ކުރެއްވުމުގެ ޙައިޞިއްޔަތު ސްޕްރީމް ކޯޓުން ނިގުޅައިގަނެފައިވަނީ އިންސާފާއި ތަހުޒީބުގެ ހަމަތަކުގެ މައްޗަށް ބިނާވެގެންވާ އެއްވެސް ޤައުމެއްގައި، އަދި ދިވެހިރާއްޖޭގައި ވެސް މިހާތަނަށް ޢަމަލުކޮށްފައިނުވާ ގޮތަކަށްކަމެވެ. އަދި އެއީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ބައިނަލްއަޤުވާމީ މުއާހަދާތަކާ ކަނޑައެޅިގެން ޚިލާފަށް ފަނޑިޔާރަކާމެދު އަޅާފައިވާ ފިޔަވަޅެކެވެ. އެހެންކަމުން އެއީ، ރާއްޖޭގައި މުސްތަޤިއްލުކަމާއެކު ފަނޑިޔާރުކަންކުރައްވާ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއްކަމަށް ދެކެމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 19 ފެބްރުއަރީ 2017