ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށައަޅާ ޤަރާރު

ދީބާޖާ

މިއީ، ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް، ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްއަށް ވަނުމަށް މަޖުބޫރުކުރުވާ، ރައީސްޔާމިންގެ ޕާޓީއަށް ސޮއިނުކޮށްފިނަމަ، ވަޒީފާއިން ވަކިކުރުވާނޭކަމުގެ ބިރުދައްކާ ޤާނޫނުއަސާސީއާއި، ޤާނުނުތަކާއި، ދިވެހިރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުން ދިވެހި މަސައްކަތްތެރިންނަށް ކަށަވަރުކޮށްދޭ ހައްގުތަކުން ރައީސް ޔާމިން އާއި ސަރުކާރުގެ ވަޒީރުންނާއި، ރައީސް ޔާމިންގެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުނާއި، ސަރުކާރު ކުންފުނިތަކުގެ އެކިއެކި އިސްވެރިން، މުވައްޒިފުންގެ ހައްގުތަކަށް އަރައިގަނެއް، މުވައްޒިފުންގެ ކަރާމާތާއި އިޙްތިޔާރަށް އަރާގަންނަމުންދާތީ މި ހަޑިމުޑުދާރު އަމަލު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ބެލުމަށާއި، ސަރުކާރުން މި އަމަލު ހުޓުވުމަށް ގޮވާލައި މަޖިލީހުގެ ޤަވާޢިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޤަރާރެކެވެ.

ޤަރާރު

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 25 ވަނަ މާއްދާގައި އެއްވެސްމީހަކު އަޅުވެތިކޮށްގެނެއް ނުވާނެކަމަށާއި އަދި އެއްވެސް މީހަކުލައްވައި މަޖުބޫރުން މަސައްކަތްކުރުވައިގެން ނުވާނެކަމަށް ބަޔާންވެ އޮތް ހިނދު؛
އަދި ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި، ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި،އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާއުޞޫލުތަކަށް ރިޢާޔަތްކޮށް އެއުޞޫލުތައް ނަގަހައްޓާންވާނެކަމަށާއި، އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތް ކުރާންވާނެކަމަށް ބަޔާންވެ އޮތް ހިނދު؛
އަދި އދ.ގެ ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް (“އިންސާނީ ޙައްޤުތަކުގެ ޢާންމު ޤަރާރު”) ގައާއި، މަސައްކަތްތެރިންންނަށް ޙާއްސަ [އިންޓަނޭޝަނަލް ލޭބަރ އޯގަނައިސޭޝަން]ގައި ދިވެހިރާއްޖޭން ސޮއިކޮށްފައިވާއިރު،އަދި “އިންޓަނޭޝަނަލް ކޮވިނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް” ގައި ދިވެހިރާއްޖެ ބައިވެރިވެފައިވަނީ އެ މުޢާހަދާގައި ބަޔާން ކުރާ ފަރުދީ ހައްޤުތައް ދިވެހި ރައްޔިތުންނަށް ކަޝަވަރުކޮށްދޭން ކަމުގައި ވާހިނދު؛

ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރުވައިގެން،ވެރިކަން ކުރާޕީޕީއެމަށްސޮއިކުރުވާ، ގިނަ މުއައްޒަފުންގެ ނުރުހުމުގައި އެ ޕާޓީއަށް ގަދަކަމުން ބައިވެރިކުރުވަމުން ދާތީއާއި؛
ސަރުކާރު ހިންގާ ޕާޓީއަށް ސޮއެނުކޮށްފިނަމަ، ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރު ދައްކާ،

ވަޒީފާގެ ބިރުދެއްކުމަކީ އެންމެ މިހާ ނިކަމެތިކޮށްލާ، އެމިހާގެ ކަރާމާތް އެންމެ ބޮޑަށް ގެއްލުވާލާ އެއް އަމަލު ކަމުގައި ވާއިރު؛
ބައިނަލްއަޤްވާމީ މުޖްތަމަޢު ބަލައިގަންނަފަދަ ކަރާމަތްތެރި، އަޚްލާޤީ ގޮތުން ރިވެތި، މުދަލުގެ ގޮތުން ތިޔާގި ޤައުމެއް އުފެދިގެންދަނީ އެ ޤައުމެއްގެ މީސްތަކުންނަށް ލިބިފައިވާ މިނިވަންކަމާއި އަމިއްލަވަންތަކަމެއްގައި ހުރި އޮށްޓަރެއްގެ މައްޗަށްކަމުގައި ވެފައި، މިކަންކަން ފާޅުވެ ދެމެހެއްޓޭނީ މިނިވަންކަމާއެކު ތިމާ ބޭނުން ޖަމާޢަތެއްގައި ބައިވެރިވުމާއި ބައިވެރިވާން ބޭނުން ނޫންނަމަ، ބައިވެރިނުވުމުގެ ހައްޤު އޮންނަހާ ހިނދު، އެބާރު ތިމާއަށް އޮވެގެންކަމުގައި ވާތީއާއި؛

ދިވެހިރާއްޖޭގެ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު (2011/4) ގެ 21 އަދި 25 ވަނަ މާއްދާގައި، ވަކި ކަމެއް ކުރުމަށް ޤާނޫނުން މީހަކަށް ބާރުލިބޭކަމަށްވާނަމަ، އެ ބާރު “ހެޔޮގޮތުގައި” ތަންފީޒުކުރުމަށްޓަކައި، އޭނާއަށް ސީދާ އަދި ނުސީދާ ބާރު ލިބިގެންވާކަމަށް ބަޔާންކުރާއިރު، ދިވެހި ރައްޔިތުން ގަދަކަމުން ވަކި ޕާޓީއަކަށް ވައްދަން އުޅުމުގައި، ޕީ.ޕީ.އެމް އިން “ހެޔޮގޮތުގައި” ބާރު ތަންފީޒުކޮށްފައި ނުވާތީ؛

އެ ބާރު މި ހާލަތުގައި ބޭނުންކޮށްފައި އެ ވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފަށްކަމުގައި ވާތީ؛
މި ޢަމަލުކުށްވެރިކޮށް މި ޢިއްޒަތްތެރި މަޖިލީހުން މިކަން ހުއްޓުވުމަށް ބާރުއެޅުމަށް އިޤްރާރުވަމެވެ.

ޤަރާރު ހުށަހަޅާ މެމްބަރު: މުޙައްމަދު ފަލާޙް، މާފަންނު ހުޅަނގު
މެމްބަރުގެ ސޮއި:
ތާއީދުކުރާ މެމްބަރ: މާރިޔާ އަހްމަދު ދީދީ، މައްޗަންގޮޅި އުތުރު
މެމްބަރުގެ ސޮއި:
ތާރީޚް: 15 ފެބުރުއަރީ 2017