ރެކޯޑް އަދަދަކަށް ވޯޓު ހޯއްދަވައިގެން އާދިލް ސަލީމް ވިލިނގިލި، ކޮލަމާފުށި ހިމެނޭ ދާއިރާގެ ރައީސަކަށް …

2 އޮކްޓޯބަރ 2010

އިއްޔެ ބޭއްވި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިޚާބުގައި މިއިންތިޚާބުގައި ކެންޑިޑޭޓަކު ހޯދި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ގއ.ކޮލަމާފުއްޓާއި ވިލިނގިލި ހިމެނޭ ވިލިނގިލި ދާއިރާގެ ރައީސަކަށް އާދިލް ސަލީމް ހޮވިވަޑައިގެންފިއެވެ.
އާދިލް ސަލީމްއާ ވާދަކުރި ގއ. ކޮލަމާފުއްޓަށް އުފަން ސ.މަރަދޫ ހަސަން ވަހީދަށް 53 ވޯޓު ލިބިލެއްވި އިރު އާދިލް ސަލީމަށް 934 ވޯޓު ލިބި ވަޑައިގެންފައިވެއެވެ. ނަމަވެސް ހަސަން ވަހީދު ވަނީ އިންތިޚާބުގެ ކުރިން ކެމްޕެއިންކުރުން ހުއްޓަވާލައްވާފައިކަން ފާހަގަކޮށްލަން ޖެހެއެވެ.
އާދިލް ސަލީމަކީ ކޫއްޑޫގެ ގިނަ މުވައްޒަފުންނާއި ހުވަދު އަތޮޅުގެ މަސްވެރިންގެ މެދުގައި ވަރަށް މަޤްބޫލު ފަރާތަކަށް ވުމުން މިނަތިޖާއަކީ އެހާ ހައިރާންކުރުވަނިވި ނަތިޖާއެއްގެ ގޮތުގައި އެދާއިރާގެ މީހުން ނުދެކޭ ކަމަށް ކޮލަމާފުށީ ކައުންސިލަރު ވިދާޅުވިއެވެ.
ރައީސް ކަމުގެ މަޤާމް ފިޔަވައި ވިލިނގިލި ދާއިރާގެ އެހެން ހުރިހާ މަޤާމެއް ކާމިޔާބުކޮށްފައިވަނީ ކޮލަމާފުއްޓަށް ވުރެ އާބާދީގެ ގޮތުން 2 ގުނަ ބޮޑު ވިލިނގިލީގެ މެންބަރުންނެވެ.
ކޮލަމާފުއްޓާއި ވިލިނގިލި ހިމެނޭ ދާއިރާއަކީ އެމްޑީޕީގެ މެންބަރުންގެ އަދަދު 2 ވަނައަށް އެންމެ ގިނަ ދާއިރާއެވެ. މި ދެ ރަށުގައި އެމްޑީޕީގެ 2178 މެންބަރުން ރަޖިސްޓްރީކޮށްފައިވެއެވެ.
އެމްޑީޕީގެ މެންބަރުން އެންމެ ގިނަ ދާއިރާއަކީ އައްޑުއަތޮޅު މަރަދޫ ދާއިރާއެވެ.