އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ނިމި ވަގުތީ ނަތީޖާ ރޭ އިޢުލާން ކޮށްފި .

455 ކެންޑިޑޭޓުންނަށް 250 ފޮށްޓަށް ވޯޓުލާފައި ވޭ.
– ލިޔުނީ: ޢަބްދުﷲ ޖުނައިދު

455 ކެންޑިޑޭޓުން ވާދަކުރި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާ ތަކުގެ އިންތިޚާބުގެ ވޯޓުލުން ނިމި ވަގުތީ ނަތީޖާ ރޭ އިޢުލާން ކޮށްފި އެވެ.
ހުސްވި މަހުގެ 24 ވަނަ ދުވަހު އެސްއެމްއެސް މެދުވެރިކޮށް ވޯޓުލަމުން ދަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އަލުން އިއްޔެ ބޭއްވި މިއިންތިޚާބުގާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 250 ވޯޓުފޮށި ބަހައްޓާފައި ވެއެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި އެސްއެމްއެސް މެދުވެރިކޮށް ވޯޓުލި ފުރަތަމަ ފަހަރު ކަމަށްވެފައި، ހުޅަނގު މޫސުމުގެ ގަދަ ވިއްސާރަތެރޭވެސް އެންމެ ފަސް ދުވަސްތެރޭ 190 އަށްވުރެ ގިނަ ރަށަށް ވޯޓު ކަރުދާސް ޗާޕުކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ސްޓޭޝަނަރީސްތައް ފޮނުވާފައިވާތީ އެމްޑީޕީގެ ދަތުރުފަތުރުގެ ނިޒާމުގެ ފުރިހަމަކަން މިއިންތިޚާބުން ވަރަށް ރަނގަޅަށް ހާމަވެގެންދިޔައެވެ.
މިއިންތިޚާބުގާ މޯބައިލް ފޯނު ރަޖިސްޓްރީ ކޮށްގެން އެސްއެމްއެސް އިން ވޯޓު ލާފައިވަނީ 387 މީހުންނެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ ރޭ އިޢުލާންކުރިއިރު ޤަވާޢިދުގައި ބުނެފައިވާ ގޮތުން ތިން ދުވަސްތެރޭ ދާއިމީ ނަތީޖާ އިޢުލާން ކުރެވޭނެއެވެ.