ސަރުކާރުން ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓައި ފުރައްސާރަ ކުރާކުރުން ކުށްވެރިކުރުން

ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ހެލްތް، ސޯޝަލް ޕްރޮޓެކްޝަން އެންޑް ޖެންޑަރ އާއިބެހޭ ޝެޑޯވް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ކައުންސިލް މެންބަރ ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ހިފަހަށްޓައި އެކަމަނާއަށް ފުރައްސާރަ ކުރާކުރުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރުއަޑުން ކުށްވެރި ކުރަމެވެ.

ޝިދާތާ ޝަރީފް ބޭސްފަރުވާ ދަތުރުފުޅަކަށްފަހު އެނބުރި ރާއްޖެ ވަޑައިގަތްތަނާ އެކަމަނާގެ ޕާސްޕޯޓް އެއާރޕޯޓްގައި ހިފަހަށްޓައި އަދި އެކަމަނާވެސް ވަކިވަގުތެއް ވަންދެން ފުލުހުން ހިފަހަށްޓާފައި ވެއެވެ. ކޯޓް އަމުރެއްގެ ދަށުންކަމަށްބުނެ ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޮންކަމަކާއި ގުޅިގެން ކަމެއްވެސް ފުލުހުން އަންގާފައެއް ނުވެއެވެ.

ޢަބްދުﷲ ޔާމިންގެ ސަރުކާރުން ވަކި ސަބަބެއް ހާމަކުރުމެއްނެތި، ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ހިފަހަށްޓާފައި އެވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ މައްޗަށް ސަރުކާރުން މައްސަލަތައް އުފައްދައިގެން ޖަލަށްލަމުން ގެންދާ ސިލްސިލާގެ ދަށުން އެކަމަނާ ފްރޭމްކޮށް ނާއިންސާފް ދައުވާއެއްކޮށް ޖަލަށްލުމުގެ ބޭނުމުގައި ކަމަށް ދެކެމެވެ. އަދި އެކަމަނާއަށް ސަރުކާރުން މިފުރައްސާރަ ކުރަނީ އެކަމަނާއަކީ ސަރުކާރާއި ދެކޮޅަށް އަޑުއުފުލުމުގައި ހިއްވަރުފުޅުގަދަ ބޭކަނބަލަކަށް ވާތީ އެކަމަނާގެ އަޑު ކަނޑުވާލުމުގެ ގޮތުންނެވެ.

ދައުލަތުގެ މުވައްސަސާތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން ހިންގަމުންދާ މިފަދަ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ސަރުކާރަށް މިޕާޓީން އަނެއްކާވެސް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއޭޓް
ތާރީޙް: 27 ޖަނަވަރީ 2017