2010 ވަނަ އަހަރު ދިވެހިރާްއްޖޭގެ ދިފާޢީ ބާރުގެ ބެއްލެވުމުގެ ދަށުން މިހާރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި އަބްދުﷲ ޔާމީން ކ. އާރަށުގައި ބެހެއްޓިކަމަށް ބުނާ މައްސަލައިގައި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޕްރޮސެކިިއުޓަރ ޖެނެރެލްގެ އޮފީހަށް މިހާރު ފޮނުއްވާފައިވާ މައްސަލައަކީ ސިޔާސީ މަޤްޞަދެއް ހާސިލްކުރުމަށް ދައުލަތުން ކުރައްވަމުން ގެންދަވާ ކަމެއް ކަމުގައިވާތީ ޕްރޮސެކިއުޓަރ ޖެނެރެލްގެ ޤަނޫނީ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރައްވައި އެ މައްސަލަ އަނބުރާ ފޮނުވާލުމަށް ގޮވާލަމެވެ.
ޓެރަރިޒަގެ ކުށުގެ އެއްވެސް ޢަމަލެއް ރައީސް މުޙައްމަދު ނަޝީދު ހިންގާފައިނުވާ ކަމާއި ޓެރަރިޒަމްގެ ކުށުގެ ދަޢުވާއެއް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެއް ނޫނެވެ. ވަކިން ޙާއްޞަކޮށް ކުރިން ޢަމަލުކުރަމުން ގެންދިޔަ ޓެރަރިޒަމް ގާނޫނު މިހާރު އުވާލެވިފައިވާހިނދު، ބާޡިލްކޮށްފައިވާ ޤާނޫނެއްގެ ދަށުން ދަޢުވާއެއް ކުރަން އުޅުމަކީ ޤާނޫނީ އުޞޫލުތައް ނިޔާކުރާ ގޮތުން ހަމަޖެހޭ ކަމެއް ނޫނެވެ.
ރައީސް ޔާމީން އިންތިޚާބުވެވަޑައިގަތުމަށްފަހު ސިޔާސީ ދައުވާތައް އިންތިހާއަށް އިތުރުވެ، ޤާނޫނު އަސާސީގައި ބަޔާންކުރާ ތިން ބާރު ވަކިވެފައިވާ ނިޒާމު ގަޑުބަޑުކުރައްވައި ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނާއި، ސިޔާސީ ލީޑަރުންނާއި، ސިޔާސީ ޕާޓީތަކުގެ ހިންގުން ހުއްޓުވައި ޑިމޮކްރަޓިކް ނިޒާމް ނެތިކޮށްލާފައިވާކަމީ ދިވެހިންނަށް ލިބޭ ނިކަމެތިކަމެކެވެ. މިފަދަ ކަންކަމުގެ މެދުވެރިންނަށް ދައުލަތުގެ މުވައްސަސާތައް ވެވަޑައިގަތުމުން ދުރުވެ ޤާނޫނުގެ ވެރިކަން ހިންގެވުމަށް ބާރު އެޅުއްވުމަށް ގޮވާލަމެވެ.