އެމްޑީޕީގެ އިސް ވަފްދެއް އައްޑޫ ސިޓީއަށް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް ވަފްދެއް މިއަންނަ ހުކުރު ދުވަހު އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެއެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގައި އެމްޑީޕީގެ ނައިބު ރައީސް މުހަންމަދު ޝިފާޒް އާއި، އެމްޑީޕީގެ ޗެއަރޕާސަން ނައިބު (އިދާރީ) ޢަލީ ޝިޔާމް އާއި، އެމްޑީޕީގެ ތަޢުލީމާއި ބެހޭ ކޮމިޓީގެ މުޤައްރިރު ޑރ. މުސްޠަފާ ލުތުފީގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، ޤައުމީ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި އައްޑޫ ސިޓީ ކައުންސިލަށް ކުރިމަތިލައްވާ ބޭފުޅުންނަށް ތާޢީދުހޯއްދެވުމަށް ކުރައްވާ މި ދަތުރުފުޅުގައި މިއަންނަ ހުކުރުދުވަހު ހަވީރު އައްޑޫ ސިޓީގައި ބާއްވާ ސުލްހަވެރި އިޙްތިޖާޖުގައި އެމްޑީޕީ ވަފްދުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ދޮރުންދޮރަށް ހިނގައި އެމްޑީޕީ ކެންޑިޑޭޓުންނަށް ތާޢީދު ހޯއްދެވުމަށް މަސައްކަތް ކުރެއްވުމުގެ އިތުރުން ހުކުރު ދުވަހުގެ ރޭ ހުޅުމީދޫގައި ބާއްވާ ޖަލްސާއާއި، ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީ އެމްޑީޕީ ހަރުގޭގައި ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެމްޑީޕީގެ ވަފްދު މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަންނަވާނީ އާދީއްތަ ދުވަހު އެވެ.