އެމް.ޑީ.ޕީގެ ޗެއަރޕާސަން ނައިބު މާލީ ޢަލީ ނިޔާޒު ހައްޔަރުކުރުން ކުށްވެރިކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕާސަން ނައިބު (މާލީ) ޢަލީ ނިޔާޒު ހައްޔަރުކުރުން ކުށްވެރިކޮށް، މި ޕާޓީ ހިންގުމަށާއި، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް މި ޕާޓީން ވަމުންދާ ތައްޔާރީތަކަށް ހުރަސް އެޅުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކުށްވެރިކޮށް މިހާރުން މިހާރަށް އެފަދަ ނާތަހުޒީބު ޢަމަލުތައް ހުއްޓާލުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ހަރުއަޑުން ގޮވާލަމެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމާ ގުޅިގެން އެކަމާ ދެކޮޅަށް އިޙްތިޖާޖުކުރުމަށް މި ޕާޓީގެ ހަރުގެ ކުރިމަތީގައި މިއަދު ހަވީރު ކުރިޔަށް ގެންދިޔަ އެއްވުމުގައި ހުންނަވަނިކޮށް ހައްޔަރުކުރުމަށްފަހު، ނިޔާޒުގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް މިރޭ 7:00 ގައި ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ގޭބަންދަށް 7 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި ޕާޓީގެ ޗެއަރޕާސަން ނައިބު މާލީ ޢަލީ ނިޔާޒަކީ ޕާޓީގެ މާލީ ކަންތައްތައް ބަލަހައްޓަވާ ފަރާތުގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބަށް ލަފާދޭން އިލެކްޝަންސް ކޮމިޝަނުން އުފައްދާފައިވާ ކޮމިޓީގައި މި ޕާޓީ ތަމްސީލްކުރައްވާ މެންބަރު ވެސް މެއެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ބާރަށް ތައްޔާރީތައް ވަމުން އަންނައިރު، އެ ބޭފުޅާ ބަންދުކުރުމުން ޕާޓީން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ވަމުން އަންނަ ތައްޔާރީތަކަށް ވަރަށް ބޮޑަށް ހުރަސް އެޅިގެންދާނެއެވެ.

މި ޕާޓީން ދެކޭ ގޮތުގައި، މިފަދަ ޚައްސާސީ ދަނޑިވަޅެއްގައި ޢަލީ ނިޔާޒު ހައްޔަރުކުރެއްވީ ސިޔާސީ ނުފޫޒެއްގެ ދަށުން ސީދާ ލޯކަލް ކައުންސިލް އިންތިޚާބަށް މި ޕާޓީން ވަމުންދާ ތައްޔާރީތައް ހުއްޓުވައި، މި ޕާޓީގައި ޗެއަރޕާސަނަކު ނެތް ދަނޑިވަޅެއްގައި ޕާޓީ ހިންގުމަށް ހުރަސް އެޅުމުގެ ބޭނުމުގައެވެ.

ޢަލީ ނިޔާޒު ހައްޔަރުކުރި ކުރުމަކީ ޤާނޫނުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ސީދާ ރައްޔިތުންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުން ކަމުގައި މި ޕާޓީން ދެކެމެވެ. އެހެންކަމުން މިފަދަ ޤަނޫނީ ހަމައެއް ނެތް ކަންކަމުގައި ފުލުހުންގެ އަގުހުރި ވަގުތު ނަގާނުލައްވައި، ޤާނޫނު އަސާސީގައިވާ ގޮތުގެ މަތީން، ޤާނޫނުގެ ތަރަހައިގެ ތެރޭގައި ފުލުހުންގެ މަސައްކަތް ބައްޓަންކޮށް ޑިމޮކްރަސީގެ އުޞޫލަށް ރުޖޫޢަވުމަށް ދިވެހި ފުލުހުންނަށް މި ޕާޓީން ގޮވާލާ ގޮވާލުން ތަކުރާރުކޮށް، ސިޔާސީ ނުފޫޒުން އެއްކިބާވެ ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ކުރިޔަށް ގެންދިއުމަށް ފުރުޞަތުދީ، ދިވެހި ރައްޔިތުންގެ ހައްޤުތައް ފުރިހަމައަށް ޙިމާޔަތް ކުރުމަށް މަސައްކަތްކުރާ ބަޔަކަށްވުމަށް ދިވެހި ފުލުހުންނަށް ގޮވާލަމެވެ.