އެމް.ޑީ.ޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ފުލުސް އޮފީހަށް ހާޒިރުކޮށް، ބިރުދެއްކުމާއި ދުއްތުރާކުރުން ހުއްޓާލުމަށް ގޮވާލުން

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް އަންގާރަދުވަހުގެރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވާތީ އެކަން ކުށްވެރިކޮށް މިހާރުން މިހާރަށް އެކަން ކުރުން ހުއްޓާލުމަށް ގޮވާލަމެވެ.
އެމް.ޑީ.ޕީގެ ނައިބު ރައީސާ ސުވާލުކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 20، 2016 ގައި މިހާރު ނޫހުގައި ޝާއިއު ކުރި ޚަބަރަކާ ގުޅިގެން ކަމުގައި ވަނީ މައުލޫމާތު ލިބިފައެވެ. މި ޚަބަރާ ގުޅިގެން އަބުރު ގެއްލުނު ކަމަށް ދައުވާ ކުރާ ފަރާތެއް މައްސަލަ ހުށަހެޅުމާ ގުޅިގެން މިހާރު ނޫހުގެ ނޫސްވެރިއަކާވެސް ފުލުހުން ވަނީ ސުވާލުކޮށްފައެވެ.
މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ފާސްކޮށް މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގެ ހަގީގީ ބޭނުކަމީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލުން ކަމުގައި މިއަދު މިއަންނަނީ ހާމަވަމުންނެވެ. އެންމެ ފުރަތަމަވެސް މިޤާނޫނުގެ ދަށުން ސުވާުލުކޮށް ބަޔާން ނަގާފައިވަނީ ދިވެހިރާއްޖޭގައި އެންމެ ކުޅަދާނަ އެއް ނޫސްވެރިއެއްގެ ފަރާތުންނެވެ. އެއަށްފަހު ދެން ސުވާލުކުރުމަށް ނިންމާފައިމިވަނީ ދިވެހިރާއްޖޭގައި އެންމެ ބޮޑު އަދި އެންމެ ހަރަކާތްތެރި ސިޔާސީ ޕާޓީގެ ނައިބު ރައީސާއެެވެ. ސެޕްޓެމްބަރު 20 ވަނަ ދުވަހު މިހާރު ނޫހުން ޝާއިއުކުރި ޚަބަރުގައި އެއްވެސް ފަރާތެއްގެ ޢަބުރު ގެއްލޭ ފަދަ ވާހަކައެއް ނެތް ކަމުގައި ތަކުރާރުކުރަމެވެ.
މިފަދަ ކަންކަމަކީ ޤާނޫނުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ސީދާ ރައްޔިތުންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުމެވެ. އަދި ނޫސްވެރިކަކުގެ މިނިވަންކަމަށް އަރައިގަނެ، މިނިވަން ނޫސްވެރިކަން ނެތިކޮށްލައި ނޫސްވެރިނަށާއި ނޫސްތަކަށް ބިރު ދެއްކުން ކަމުގައި ދެކެމެވެ. އެހެންކަމުން މިފަދަ ޤަނޫނީ ހަމައެއް ނެތް ކަންކަމުގައި ފުލުހުންގެ އަގުހުރި ވަގުތު ނަގާނުލައި ޤާނޫނު އަސާސީގައިވާގޮތުގެމަތީން ފުލުހުންގެ މަސައްކަތް ބައްޓަންކޮށް ޑިމޮކްރަސީގެ އުސޫލަށް ރުޖޫޢަ ވާސިލްވުމަށް ފުލުހުންނަށް ގޮވާލަމަވެ. ސިޔާސީ ނުފޫޒުން އެއްކިބާވެ، ރައްޔިތުންގެ ހައްޤުތައް ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ބަޔަކަށްވުމަށް ގޮވާލަމެވެ.