އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާރޓީތަކަށް އެނގުމަކާ ނުލައި އިންތިޚާބާ ގުޅޭ ތާރީޚުތަކަށް ކުއްލި ބަދަލުގެނައުން ކުށްވެރިކުރުން

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާރޓީތަކަށް އެނގުމަކާ ނުލައި އިންތިޚާބާ ގުޅޭ ތާރީޚުތަކަށް ކުއްލި ބަދަލުތައް ގެންނަމުންދާދިއުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުން ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީޚަކީ 15 ނޮވެމްބަރ ކަމަށް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރުމަށް ފަހު، އަދި އެއަށްވުރެ ފަހުގެ ތާރީޚަކަށް އެކަން ބަދަލުކުރުމަށް ޤާނޫނީގޮތުން ވެސް ތަނެއް ނުދޭކަމަށް އެ ކޮމިޝަނުން ޕާރޓީތަކުގައި ބުނުމަށްފަހު، އެބުނުމާ ވެސް ޚިލާފަށް އެ ކޮމިޝަނުން މިހާރު ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުން ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީޚަކީ 1 ޑިސެމްބަރ ކަމަށް ނިންމާފައެވެ.

މި ތާރީޚު މިގޮތަށް އިލެކްޝަންސް ކޮމިޝަނުން ކުއްލިއަކަށް ފަސްކޮށްފައި މިވަނީ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާރޓީކަމުގައިވާ އެމް.ޑީ.ޕީ އާއި އަދާލަތު ޕާރޓީއާއި އެނޫން ވެސް ޕާރޓީތަކުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ފުރިހަމައަށް ތައްޔާރުވެ، ކެންޑިޑޭޓުން ހޮވާފައި ވީހިނދު، ސަރުކާރު ހިންގާ ޕާރޓީ ޕީ.ޕީ.އެމް ގެ ރައީސް ޢަބްދުﷲ ޔާމިންގެ ފެކްޝަނުން ކެންޑިޑޭޓުން ނެރުމުގެ ކަންތައް މިހާތަނަށް ވެސް ހަމަޖެހިފައިނުވާތީ ރައީސް ޢަބްދުﷲ ޔާމިނަށް ކޮށްދިން ކަމެއްގެ ގޮތުގައިކަމަށް ދެކެމެވެ. އަދި އެކަމަކީ އިލެކްޝަންސް ކޮމިޝަން ވަކި އަތަކަށްޖެހި ނުވަތަ ވަކި ފަރާތެއްގެ ނުފޫޒުގައި ޖެހިފައިވާކަން ހާމަވާކަމެކެވެ.

އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަން ގެއްލިފައިވާކަން ހާމަވާގޮތަށް އެކޮމިޝަނުން ތަކުރާރުކޮށް ޢަމަލުކުރަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. މިގޮތުން ސިޔާސީ ޕާރޓީތަކަށް ދޭންޖެހޭ ފައިސާ ނުދީ ޤާނޫނާ ޚިލާފަށް އެ ފައިސާ ހިފަހައްޓަމުންދާކަމާއި، ސިޔާސީ ޕާރޓީތަކުގެ އެތެރޭގެ ހިންގުމުގެ ކަންކަމާ އެ ކޮމިޝަނުގެ އިޙްތިޞާސުން ބޭރުން ބެހިހަދަމުންދާކަމާއި، ސިޔާސީ ޕާރޓީތަކުގެ މެމްބަރުންގެ ގޮތުގައި ތިއްބައި، އެ މެމްބަރުންނަށާއި އެ ޕާރޓީތަކަށް ވެސް ނޭގި އެ ކޮމިޝަނުގެ ތަފުތަރުން މެމްބަރުން ވަކިކުރަމުން ދިއުމާއި، އަދި ޕާރޓީތަކުން ވަކިކުރާ މީހުން އެ އެކޮމިޝަނުގެ ދަފުތަރުގައި ހިމަނައިގެން އުޅުމާއި މިފަދަ ގިނަ ގުނަ ކަންތައްތަކެއް ޤާނޫނާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. މިކަމަކީ ސަރުކާރުން ބޭނުންވެގެން އިލެކްޝަންސް ކޮމިޝަނުން ޤާނޫނާ ޚިލާފަށް ހިންގަމުންދާ ޖަރީމާތަކެކެވެ. އަދި އެއީ ރާއްޖޭގެ ގިނަ ޕާރޓީ އެކުލެވޭ ސިޔާސީ ނިޒާމަށާއި ޑިމޮކްރެސީއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމަކާއި ނުރައްކަލެކެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 6 ނޮވެމްބަރ 2016