ވައްކަމާއި ފަސާދަ ހިންގުމުގެ ބޮޑު ލައްގަނޑެއް ޖެހިފައިވާ ރައީސް ޔާމިންގެ ސަރުކާރުން ބިޑަކާނުލައި ރަށްތައް ވިއްކުމަށް އިޢުލާނުކޮށްފައިވާތީ އެކަން ހަރުއަޑުން ކުށްވެރިކުރުން

ޓުއަރިޒަމާ ގުޅިގެން ދިވެހިރާއްޖޭގައި އެންމެ ބޮޑު ވައްކަމާއި ފަސާދަ ހިންގުމުގެ ބޮޑު ލައްގަނޑެއް ޖެހިފައިވާ ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން އަނެއްކާވެސް ބޮޑު ވައްކަމެއް ހިންގާކަމަށް ބެލެވޭގޮތަށް ބިޑަކާނުލައި، އަދި ދެފުށްފެންނަ އުސޫލުން ނޫންގޮތަށް ރާއްޖޭގެ ރަށްތަކަކާއި ފަޅުތަކެއް ވިއްކާލުމަށް އިޢުލާނުކޮށްފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށް އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

މިގޮތުން ވިއްކާލުމަށްޓަކައި 11 ރަށަކާއި ފަޅެއްގެ ނަން، ޓުއަރިޒަމް މިނިސްޓްރީން އިޢުލާނުކޮށްފައި ވެއެވެ. މީގެ ތެރޭގައި ފޭދޫ ފިނޮޅު ވެސް ހިމެނޭކަން ފާހަގަކުރަމެވެ. ފޭދޫ ފިނޮޅަކީ ފުލުހުންގެ ބޭނުމަށްޓަކައި މިހާރު ބޭނުންކުރެވޭ ރަށެކެވެ. އަދި މީގެ ކުރިން އެ ރަށަކީ އެޑިޔުކޭޝަން މިނިސްޓްރީއާއި ކިޔަވާ ދަރިވަރުންގެ ބައިވެރިވުމާއެކު ތަރައްޤީކުރެވި، ބޭނުންކުރެވެމުންދިއަ، އެކުދިންގެ ކެޑޭޓާއި ސްކައުޓާއި ގާރލް ގައިޑްގެ ޙަރަކާތްތައް ފަދަ އެންމެހައި ޙަރަކާތްތަކަކަށް ވަރަށް މުޙިއްމުވި ރަށެކެވެ. އަދި އޭގެ ފަހުން ދުވަސްކޮޅަކަށް އެ ރަށް ފުލުހުންނާ ޙަވާލުކުރެވުނީ މާލެތެރޭގައި އުޅޭ އެކިއެކި މައްސަލަތައް ޖެހިފައިވާ ބައެއް ޒުވާން ކުދިންގެ ޚާއްޞަ ޑިސިޕްލިނެރީ ޕްރޮގްރާމެއް ހިންގުމަށްޓަކައި ވަގުތީގޮތުންނެވެ. މިކަން މިހެންކުރެވުނު އިރު، ސްކޫލް ކުދިންގެ ޙަރަކާތްތައް ހިންގުމަށް ބުރޫނާރާނޭ ގޮތަށް، އާރަށް ހަމަޖައްސައިދީފައިވެއެވެ. ނަމަވެސް މި ސަރުކާރު އައުމަށްފަހު ފޭދޫ ފިނޮޅު ވެސް އަދި އާރަށް ވެސް އެކުދިންނަށް ލިބޭނޭގޮތް ނުވެ، ފޭދޫ ފިނޮޅު މިހާރު އެވަނީ ބިޑަކާ ނުލައި ވިއްކާލުމުގެ މަގުމަތީގައެވެ.

ފުށިދިއްގަރުފަޅު ބިޑަކާނުލައި ސަރުކާރުން ވިއްކާލުމަށް ހަމަޖައްސާފައިވާއިރު ފުށިދިއްގަރުފަޅާ މެދު މީގެ ކުރިން 2013 ވަނަ އަހަރު ސަރުކާރުން އެހެން ފަރާތަކާއެކު އެއްބަސްވުމެއް ހަދައި މުޢާމަލާތް ކުރެވިފައިވެއެވެ. އަދި އެ އެއްބަސްވުމަށް ވީގޮތެއް އޮޅުން ނުފިލާވާއިރު، އަނެއްކާ އަލުން ފުށިދިއްގަރުފަޅު ވިއްކާލުމަށް އިޢުލާނުކުރި ކުރުމުން ވެސް ސަރުކާރުން ތަކުރާރުކޮށް ޢަމަލުކުރަމުންދަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށްކަން ހާމަވެއެވެ.

ރައީސް ޢަބްދުﷲ ޔާމިން ޗެއަރކުރައްވާ އިކޮނޮމިކް ކައުންސިލުގެ ދަށުން އެމް.އެމް.ޕީ.އާރ..ސީ. އިން ޓްއަރިޒަމުގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކުރުމުގައި މީގެކުރިން ވެފައިވާ އެތައް ބިލިޔަން ރުފިޔާގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން މިހާތަނަށް އެއްވެސް އަދަދެއް ހޯދައި، ރައްޔިތުންގެ ޚަޒާނާގެ ތެރެއަށް އަލުން ވައްދާފައި ނުވާއިރު، މި މުޖުރިމު ސަރުކާރުން ހިންގާ މިފަދަ މުޢާމަލާތްތަކުގައި ވައްކަމާއި ޚިޔާނާތް ދެންވެސް އެކުލެވިގެން ނުވާނޭކަމަށް، ނުވަތަ ރައްޔިތުންނަށް ބޮޑު ގެއްލުމެއް ނުދޭނޭކަމަށް ރައްޔިތުން ނުދުށުމަށް އެމް.ޑީ.ޕީ އިން ގޮވާލަމެވެ.

ރައްޔިތުންގެ ތާޢީދު ނެތް، އެކަހެރިވެ، ބަލިކަށިވަމުން އަންނަ ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން ވައްކަމާއި ޚިޔާނާތަށް މަގުފަހިވާގޮތަށް ބިޑުކުރުމެއް ނެތި، އަދި ދެފުށްފެންނަ އުސޫލުން ނޫންގޮތަށް ރާއްޖޭގެ ރަށްތަކާއި ފަޅުތައް އެހެން ފަރާތްތަކަށް މިލްކުކޮށް ވިއްކުމުގައި ޢަމަލުކޮށްފައިވާ ގޮތް، މި ސަރުކާރު ބަދަލުކުރުމަށްފަހު އުފައްދާ ސަރުކާރަކުން ބޮޑު ތަޙްޤީޤެއް ހިންގައި ބަލާނޭކަމަށާއި، އަދި ޚިޔާނާތް އެކުލެވިގެން މުޢާމަލާތްކޮށް ހަރު މުދަލެއް ވިއްކާލާފައިވާނަމަ އެ މުޢާމަލާތެއް ބާތިލުކޮށް އެ މުދަލެއް އަތުލެވޭނޭކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވަމެވެ.

ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 1 ނޮވެމްބަރ 2016