އިލެކްޝަންސް ކޮމިޝަނުން އެމް.ޑީ.ޕީ ޕީޖީ ލީޑަރ އިބްރާޙިމް މުޙައްމަދު ޞާލިޙާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ ޢަބްދުﷲ އެމް.ޑީ.ޕީގެ މެމްބަރުކަމުން ވަކިކުރިކުރުން ހަރު އަޑުން ކުށްވެރިކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ޕާރލަމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ހިންނަވަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އިބްރާޙިމް މުޙައްމަދު ޞާލިޙާއި ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އީވާ ޢަބްދުﷲ އަކީ އެމް.ޑީ.ޕީގެ މެމްބަރުން ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި މި ޕާރޓީގެ މެމްބަރުކަމުން އެ ދެބޭފުޅުން ވަކިކޮށް އެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާތީ، މި ޕާރޓީން އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހާއި އިލެކްޝަންސް ކޮމިޝަނާއި ރާއްޖޭގެ ކޯޓުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ޕާރޓީތައް ހިނގަންޖެހޭ ގޮތުގެ ނިޒާމް ހަލާކުކޮށްލުމުގެ މަސައްކަތުގެ ތެރެއިން އެކިއެކި ސިޔާސީ ޕާރޓީތަކުން އެތަކެއް ހާސް މެމްބަރުން ގަދަކަމުން ވަކިކުރުމުގެ ތެރެއިން އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ހިންނަވަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އިބްރާޙިމް މުޙައްމަދު ޞާލިޙާއި ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އީވާ ޢަބްދުﷲ މި ޕާރޓީގެ މެމްބަރުންގެ ގޮތުގައި ދެމިތިއްބަވަނިކޮށް އިލެކްޝަންސް ކޮމިޝަނުން އެ ދެބޭފުޅުން ވެސް މި ޕާރޓީން ވަކިކޮށްފައިވެއެވެ. އަދި އެކަން ރައްޔިތުންގެ މަޖިލީހަށް އަންގައި އެ ދެބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގައި އެމް.ޑީ.ޕީ ތަމްސީލުކުރައްވާ މެމްބަރުން ނޫންކަމަށް ގަދަކަމުން ހެދުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

އިބްރާޙިމް މުޙައްމަދު ޞާލިޙަކީ މި ޕާރޓީގެ ފައުންޑިންގ މެމްބަރެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށްވާއިރު، އަދި މި ޕާރޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެން މި ޕާރޓީގެ ޕާރލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރައްވަމުންގެންދަވާ، މި ޕާރޓީގެ ލީޑަރޝިޕުގެ އެންމެ އިސް އެއް ބޭފުޅެއްކަމަށްވުމާއި، މި ޕާރޓީގެ ޤައުމީ މަޖިލީހާއި ޤައުމީ ހިންގާ ކޮމެޓީގެ ވެސް މެމްބަރެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާއިރު، އެމަނިކުފާނަށާއި އަދި އެމަނިކުފާނު ތަމްސީލުކުރައްވާ މި ޕާރޓީއަށް އެނގުމަކާ ނުލައި އެމަނިކުފާނު މި ޕާރޓީގެ މެމްބަރުކަމުން ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން އެނގެނީ އެނިންމުމަކީ މޮޔަކަމުން ފުރިގެންވާ ނިންމުމެއްކަމެވެ.

އިބްރާޙިމް މުޙައްމަދު ޞާލިޙާއި އީވާ ޢަބްދުﷲ ވަނީ މި ޕާރޓީގެ މެމްބަރަކަށްވެވަޑައިގަތުމަށް ޤާނޫނާއި ޤަވާޢިދުން ލާޒިމުކުރާ އެންމެހައި ކަންކަން ފުރިހަމަކުރައްވާފައެވެ. އަދި އެ ދެބޭފުޅުންނަކީ މި ޕާރޓީ އުފެއްދެވުމުގައާއި އަދި އޭގެ ފަހުން މިހާތަނަށް ވެސް މި ޕާރޓީގައި ސާބިތުކަމާއެކު ދެމިތިއްބެވި ދެ މެމްބަރުންކަމަށްވާއިރު، ދެން ވެސް އެ ދެބޭފުޅުން ދެމި ތިއްބަވާނީ މި ޕާރޓީގެ ފަޚުރުވެރި ދެ މެމްބަރުންގެ ގޮތުގައިކަމުގެ ޔަޤީންކަން މި ޕާރޓީގެ މެމްބަރުންނަށާއި ރައްޔިތުންނަށް އަރުވަމެވެ.

ހަމައެފަދައިން، އީވާ ޢަބްދުﷲ އަކީ ވެސް އެމް.ޑީ.ޕީ ރާއްޖެއިން ބޭރުގައި އުފެދުނީއްސުރެ މި ޕާރޓީގެ މެމްބަރެއްކަމަށްވާއިރު، އަދި މި ޕާރޓީގެ އެންމެ ފުރަތަމަ ވަލީ ކޮމެޓީގެ މެމްބަރެއްގެ ގޮތުގައި ހިމެނިވަޑައިގަތް ބޭފުޅަކަށްވާއިރު އަދި މި ޕާރޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާއަށް ހޮވިވަޑައިގެން ރައްޔިތުންގެ މަޖިލީހުގައި މި ޕާރޓީ ތަމްސީލުކުރައްވަމުން ގެންދަވާ ބޭފުޅެއްކަމަށްވުމާއި އަދި މި ޕާރޓީގެ ޤައުމީ މަޖިލީހާއި ޤައުމީ ހިންގާ ކޮމެޓީގެ ވެސް މެމްބަރެއްކަމަށްވާއިރު އިލެކްޝަންސް ކޮމިޝަނުން އެ ބޭފުޅާ ވެސް ވަކިކޮށްފައިވަނީ ހަމަ އެބީދާއިންކަން ފާހަގަކުރަމެވެ.

އެމް.ޑީ.ޕީ އަކީ ދިވެހިރާއްޖޭގެ އުފެއްދި އެންމެ ފުރަތަމަ ސިޔާސީ ޕާރޓީކަމަށްވުމާއި ސިޔާސީ ޕާރޓީތަކަށް މެމްބަރުން ވަނުމުގައި ކަނޑައެޅިފައިވާ ޤަވާޢިދާއި އުސޫލުތަކާ އެއްގޮތަށް މި ޕާރޓީއަށް މެމްބަރުންވަދެ، ރާއްޖޭގެ އެންމެ މަޤުބޫލު އަދި އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާރޓީކަމަށްވެފައިވީއިރު، އޭގެ ފަހުން ހަދާ ޤާނޫނަކުން ކުރިން ޕާރޓީއަށް ޤަވާޢިދުން ވަދެފައިވާ މެމްބަރުން ވަކިވާގޮތް ހެދުމަކީ އެއްވެސް ޤާނޫނީ ހަމައެއް ނޫންކަން ފާހަގަކުރަމެވެ. ފަހުން ހެދި ޤާނޫނަކުން ކުރިން ޕާރޓީތަކަށް ވަދެފައިވާ މެމްބަރުންގެ އިނގިލީގެ ނިޝާން ޖެހުމަށް ލާޒިމުކޮށްފައިވާއިރު، އިލެކްޝަންސް ކޮމިޝަނަކީ އިނގިލީގި ނިޝާން ވެރިފައިކުރުމުގެ ޤާބިލުކަން ލިބިފައިވާ ކޮމިޝަނެއް ނޫންކަން ވެސް ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

އިލެކްޝަންސް ކޮމިޝަނުން ގަދަކަމުން ސިޔާސީ ޕާރޓީތަކުން މެމްބަރުން ވަކިކުރުމުގެ ތެރެއިން އެމް.ޑީ.ޕީ އިން 18 ހާހަށްވުރެ ގިނަ މެމްބަރުން ގަދަކަމުން ވަކިކޮށްފައިވެއެވެ. މިކަމަކީ ސިޔާސީ މައިދާނުގައި ރައީސް ޢަބްދުﷲ ޔާމިން ގެ މަޤުބޫލުކަން ކުޑަކަމުންނާއި، އެމް.ޑީ.ޕީގެ މެމްބަރުންގެ އަދަދު ގިނަކަމުންނާއި މި ޕާރޓީއަށް އޮތް ތާޢީދުގެ ބޮޑުކަމުން އެމަނިކުފާނުގެ އޮތް ނަފުރަތެއްގެ ސަބަބުން އެމަނިކުފާނު ހިންގަވާ ނާތަހުޒީބު ފިނޑި ޢަމަލެކެވެ. ހަމައެފަދައިން އެއީ ގިނަ ޕާރޓީ އެކުލެވޭ ސިޔާސީ ނިޒާމާއި ޑިމޮކްރެސީ ހަލާކުކޮށްލެއްވުމުގެ ނިޔަތުގައި އެމަނިކުފާނުގެ އެންގެވުމުގެ މަތިން ރޭވި އިންތިޒާމުވެގެން ހިންގަވާ ބޮޑު ޖަރީމާއެކެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 26 އޮކްޓޯބަރ 2016