ހައިކޯޓުގެ އިސްތިޢުނާފު މަރުޙަލާގައި ތަދައްޚުލުވުމުގެ ފުރުސަތު ނުދިނުމާމެދު ކަންބޮޑުވުން ފާޅުކުރުން

ގިނަ ޕާރޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގެ ތެރެއިން ހުރިހާ ސިޔާސީ ޕާރޓީތަކެއްގެ އެތެރޭގެ ހިންގުމުގެ މިނިވަންކަމުގެ ތެރެއަށް ކޯޓުން ބާރު ފޯރުވުމުގެ ނުރައްކާ އޮތްކަން ފެންނަގޮތަށް، އަދި އެ ނިޒާމު ހަލާކުވެދާނޭގޮތަށް މަދަނީ ކޯޓުން ދާދި ފަހުން ނިންމެވި، ޕްރޮގްރެސިވް ޕާރޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އެތެރޭގެ ކަންކަމާ ގުޅޭ މައްސަލައިގެ އިސްތިޢުނާފު މަރުޙަލާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އާއި އަދާލަތު ޕާރޓީއަށް ތަދައްޚުލުވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ހައިކޯޓުން ދެއްވާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމެވެ.

ރާއްޖޭގެ ރައްޔިތުން ބަލައިގަނެފައިވާ ގިނަ ޕާރޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ތެރެއިން އުފައްދާފައިވާ ކޮންމެ ސިޔާސީ ޕާރޓީއަކީ އެޕާރޓީއެއް ހިންގުމުގެ އަސާސީ ޤަވާޢިދާއި ކަނޑައެޅިފައިވާ އުސޫލުތަކާއި އަދި ޤާނޫނުގެ ތެރެއިން އެޕާރޓީއެއްގެ އެތެރޭގެ ނިންމުންތައް ނިންމައި އަދި ޕާރޓީ ހިންގުމުގެ ބާރާއި އިޚްތިޔާރު އެ ޕާރޓީއަކަށް ލިބިފައިވާ ޤާނޫނީ ވަކި ޝަޚުޞަކަށްވާއިރު، ޕާރޓީގެ އެތެރޭގެ ހިންގުމުގެ ތެރެއަށް މަދަނީ ކޯޓުން ވަދެވަޑައިގެން ޕީ.ޕީ.އެމް އާ ގުޅޭގޮތުން އެ ކޯޓުން ނިންމެވި ނިންމެވުމަކީ އެހެން ހުރިހާ ސިޔާސީ ޕާރޓީތަކަކަށް ވެސް އެކަން ރައްދުވާނޭ ނުރައްކާ އޮތް ނިންމެވުމެއްކަމަށް އެމް.ޑީ.ޕީ އިން ދެކެމެވެ. އަދި އަމިއްލަ ފަރުދަކު އެ މައްސަލަ ހައިކޯޓަށް އިސްތިޢުނާފަށް ހުށަހެޅުމުން އެމް.ޑީ.ޕީ އާއި އަދާލަތު ޕާރޓީ ތަދައްޚުލުވުމަށް ބޭނުންވިހިނދު، އެ މައްސަލައަކީ އެމް.ޑީ.ޕީ އާއި އަދާލަތު ޕާރޓީގެ މަސްލަޙަތު އޮތް މައްސަލައެއް ނޫންކަމަށް ވިދާޅުވެ، ތަދައްޚުލުވުމުގެ ފުރުސަތު ހައިކޯޓުން ދެއްވާފައި ނުވުމަކީ މި ޕާރޓީން އިންތިހާއަށް ކަންބޮޑުވާކަމެކެވެ.

މަދަނީ ކޯޓުން މި މައްސަލަ ނިންމެވި ގޮތުގެ އިތުރުން، އަމިއްލަ ފަރުދަކު ހައިކޯޓަށް މި މައްސަލަ ހުށަހެޅުމުން ހައިކޯޓުން މި މައްސަލައިގެ އަޑުއެހުންތައް ތާވަލުކޮށް ހިންގަވަމުންދާ ގޮތަކީ ވެސް އާދަޔާ ޚިލާފު ގޮތްތަކެއްކަން ފާހަގަކުރަމެވެ. މިގޮތުން އެ މައްސަލަ ހައިކޯޓަށް ވެއްދުމާއެކު ކުއްލިއަކަށް ބުރާސްފަތި ދުވަހުގައި ޝަރީޢަތުގެ އަޑުއެހުން ދެފަހަރު ބާއްވަވައި، އަދި ޖެހިގެން އަންނަ ހޮނިހިރު ދުވަހު އެހެން އަޑުއެހުމެއް ބާއްވަވޭނޭކަމަށް ހައިކޯޓުން ވިދާޅުވުމަކީ މި މައްސަލައާ މެދު ކަންބޮޑުވާންޖެހޭ އަދި ސުވާލު އުފެދޭ ކަންކަމެވެ.

ޕާރޓީތަކުގެ އިޚްތިޞާސްގެ ތެރެއަށް ނުވަތަ ޕާރޓީގެ އެތެރޭގެ ހިންގުމުގެ ތެރެއަށް، އެ ޕާރޓީއެއްގެ އަސާސީ ޤަވާޢިދާ ޚިލާފަށް ކޯޓުތަކުންނާއި އަދި އެއްވެސް މުވައްސަސާއަކުން ވަދެވިގެން ނުވާނޭކަމަށް މި ޕާރޓީން ދެކެމެވެ. އަދި އެކަމަކީ ސިޔާސީ ޕާރޓީތައް ހިނގަންޖެހޭ ގޮތުގެ ނިޒާމާ ކަނޑައެޅިގެން ޚިލާފު، އަދި އެ ނިޒާމު ހަލާކުވެގެންދާނޭ ނުރައްކާތެރި ޢަމަލެކެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 20 އޮކްޓޯބަރ 2016