އެމް.ޑީ.ޕީގެ ޗެއަރޕާސަން ޢަލީ ވަޙީދުގެ މައްޗަށް ރައީސް ޔާމީންގެ ސަރުކާރުން ޓެރަރިޒަމްގެ ދަޢުވާ ކުރިކުރުން ކުށްވެރި ކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ޗެއަރޕާސަން ޢަލީ ވަޙީދުގެ މައްޗަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުން ޓެރަރިޒަމްގެ ކުށުގެ ދަޢުވާ އުފުލާފައިވާތީ އެމް.ޑީ.ޕީ އިން އެކަން އެންމެ ހަރުއަޑުން ކުށްވެރި ކުރަމެވެ.
ޢަލީ ވަޙީދުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ ކޮށްފައިވަނީ ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މުޒާހަރާ ކަމުގައިވާ “މޭޑޭ މުޒާހަރާ” އާއި ގުޅިގެންނެވެ. އެމުޒާހަރާއަކީ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގަމުންދާ ބޮޑެތި ވައްކަންތަކާއި ޖަރީމާތަކާއި ދެކޮޅަށް އަޑުއުފުލުމަށް ބޭއްވުނު ސުލްޙަވެރި މުޒާހަރާއެކެވެ. އަދި އެމުޒާހަރާ އާއި ގުޅިގެން އެމަނިކުފާނު ހައްޔަރުކޮށް ޖަލަށްލާފައި ވެއެވެ.
ސަރުކާރުން އެމަނިކުފާނު ޖަލަށްލައި، އަދި މިހާރު ޓެރަރިޒަމްގެ ދަޢުވާ އުފުލާފައިވަނީ ސަރުކާރާއި ދެކޮޅަށް މޭޑޭގައި އެހާގިނަ ރައްޔިތުން އަޑުއުފުލުމަށް ނެރުއްވުމުގައި އެމަނިކުފާނު އަދާކުރެއްވި އިސް ދައުރުގެ ސަބަބުން ސަރުކާރު ޖެހިލުންވެ، ކަންބޮޑުވުމުންނެވެ.
ޓެރަރިޒަމްގެ ޤާނޫނުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ސިޔާސީ ލީޑަރުންގެ މައްޗަށް މިފަދަ ނުޙައްޤު ދަޢުވާތަކާއި ޙުކުމްތައް ތަކުރާރުކޮށް ކުރަމުންދާތީ ރާއްޖޭގެ ރައްޔިތުންނާއި ބައިނަލް އަޤުވާމީ މުޖުތަމަޢު އިން އެކަން އިންތިހާއަށް ކުށްވެރި ކުރަމުންދާކަން ފާހަގަކުރަމެވެ. އަދި ސަރުކާރުން މިކަންކަން މިގޮތަށް ކުރަމުންދަނީ ސަރުކާރުން އިދިކޮޅު ސިޔާސީ ލީޑަރުން ދެކެ ޖެހިލުންވެ، ގޮތްހުސްވެ ދިއުމުގެ ސަބަބުންނެވެ.
18 އޮކްޓޯބަރ 2016

ބަޔާން ނެރުނީ އެމް.ޑީ.ޕީގެ ސެކްރެޓޭރިއެޓް