ގިނަ ޕާރޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ދައުލަތުގެ މުވައްސަސާތަކުން ގޮންޖެހުންތައް ކުރިމަތިކުރުވައި، ބޮޑު ނުރައްކަލެއްގެ ތެރެއަށް އެ ނިޒާމް ވައްޓާލަމުންދާތީ ކަންބޮޑުވުންފާޅުކުރުން

ގިނަ ޕާރޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ދައުލަތުގެ މުވައްސަސާތަކުން ގޮންޖެހުންތައް ކުރިމަތިކުރުވައި، ބޮޑު ނުރައްކަލެއްގެ ތެރެއަށް އެ ނިޒާމް ވައްޓާލަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ރާއްޖޭގެ ރައްޔިތުން ބަލައިގަނެފައިވާ ގިނަ ޕާރޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ތެރެއިން އުފައްދާފައިވާ ކޮންމެ ސިޔާސީ ޕާރޓީއަކީ އެޕާރޓީއެއް ހިންގުމުގެ އަސާސީ ޤަވާޢިދާއި ކަނޑައެޅިފައިވާ އުސޫލުތަކާއި އަދި ޤާނޫނުގެ ތެރެއިން އެޕާރޓީއެއްގެ އެތެރޭގެ ނިންމުންތައް ނިންމައި އަދި ޕާރޓީ ހިންގުމުގެ ބާރާއި އިޚްތިޔާރު އެ ޕާރޓީއަކަށް ލިބިފައިވާ ޤާނޫނީ ވަކި ޝަޚުޞަކަށްވާއިރު، ޕާރޓީގެ އެތެރޭގެ ހިންގުމުގެ ތެރެއަށް ކޯޓުތަކުންނާއި އިލެކްޝަންސް ކޮމިޝަނުން ވަނުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ.

ޕާރޓީގެ އޮނިގަނޑު އެކުލެވިގެންވާގޮތާއި، ޕާރޓީގެ މަޤާމުތަކާއި، އެ މަޤާމުތައް ޙަވާލުކުރެވިފައިވާ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކާއި، އެ މަސްއޫލިއްޔަތުތަކުގެ ދާއިރާއާއި، ބާރުތަކާއި އިޚްތިޔާރުތަކާއި މިފަދަ އެންމެހައި ކަންކަމެއް އެކުލެވިގެން އަސާސީ ޤާވާޢިދު އޮންނައިރު، އަސާސީ ޤަވާޢިދުގައި ކަނޑައެޅިގެން ނުކުރެވޭނޭ ކަންކަން ކުރުމަށް އަސާސީ ޤަވާޢިދާ ޚިލާފަށް ކޯޓުތަކުން ޕާރޓީތަކުގެ މައްޗަށް ޙުކުމްތައް އިއްވައި، އެންގުންތައް އަންގައި، އަދި އިލެކްޝަންސް ކޮމިޝަނުން ވެސް އެ ޒާތުގެ ނިންމުންތަކާއި އެންގުންތައް ތަކުރާރުކޮށް އަންގަމުންދިއުން ވާނީ ޕާރޓީތަކުގެ އިޚްތިޞާސްގެ ތެރެއަށް ޕާރޓީތަކުގެ އަސާސީ ޤަވާޢިދާ ޚިލާފަށް ވަނުންކަމުގައެވެ. ނުވަތަ އެހެން ފަރާތަކުން ޕާރޓީގެ އެތެރޭގެ ހިންގުމުގެ ތެރެއަށް އަސާސީ ޤަވާޢިދާ ޚިލާފަށް ވަނުންކަމުގައެވެ. ހަމަ އެފަދައިން، ސިޔާސީ ޕާރޓީތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަކީ ސިޔާސީ ޕާރޓީތައް ހިންގުމަށް ހުރަސްއެޅުންކަމާއި އަދި އެކަމަކީ އިލެކްޝަންސް ކޮމިޝަނުން ހިންގާ ކަނޑައެޅިގެން ޤާނޫނާ ޚިލާފު ޢަމަލެކެވެ. މިއީ ސިޔާސީ ޕާރޓީތައް ހިނގަންޖެހޭ ގޮތުގެ ނިޒާމާ ކަނޑައެޅިގެން ޚިލާފު، އަދި އެ ނިޒާމު ހަލާކުވެގެންދާނޭ ނުރައްކާތެރި ޢަމަލުތަކެކެވެ. އަދި މިކަމުގެ ކަންބޮޑުވުން އެމެރިކާ ފަދަ ބޮޑެތި ޑިމޮކްރެސީތަކުން ވެސް ފާޅުކުރަމުންދާކަން ފާހަގަކުރަމެވެ.

މިކަން މިހެން އޮތް އިރު، ރާއްޖޭގެ ކުރީގެ ރައީސްކަން ކުރެއްވި ބޭބޭފުޅުންނަށް ޤާނޫނު އަސާސީންނާއި ޤާނޫނުން ކަނޑައަޅާފައިވާ އިނާޔަތާއި ރައްކާތެރިކަމާއި ޝަރަފު، ސަރުކާރުން އެކިގޮތްގޮތަށް ނިގުޅައިގަންނަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި ސަރުކާރުން މިގޮތްގޮތަށް ޢަމަލުކުރަމުންދަނީ ވެސް ސިޔާސީ ލީޑަރުންނަށް ފުރައްސާރަކުރުމުގެ ގޮތުންނާއި އެފަރާތްތައް ބަލިކަށިކުރުމުގެ ގޮތުންކަމުގައި ދެކެމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 17 އޮކްޓޯބަރ 2016