ސަރުކާރާއި ސިޔާސީ ޕާރޓީތަކާ ދެމެދު ވާހަކަތައް ދެއްކުމަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން ޢަމަލުކުރަމުންދާދިއުމާމެދު ކަންބޮޑުވުންފާޅުކުރުން

ސަރުކާރާއި ސިޔާސީ ޕާރޓީތަކާ ދެމެދު ވާހަކަތައް ދެއްކުމަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން ތަކުރާރުކޮށް ޢަމަލުކުރައްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އިންތިހާއަށް ފާޅުކުރަމެވެ. އަދި އދ. މެދުވެރިކޮށް ސަރުކާރާއި ސިޔާސީ ޕާރޓީތަކާ ދެމެދު ވާހަކަތައް ދެއްކުން ކުރިއަށް ދިއުމުގައި ހުރަސްއެޅޭ ގޮތްތަކަށް ސަރުކާރުން ޢަމަލުނުކުރެއްވުމަށް މި ޕާރޓީން ސަރުކާރަށް ގޮވާލަމެވެ.

ސެޕްޓެމްބަރ މަހުގައި ބޭއްވުނު ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ބައްދަލުވުމުގައި ދިވެހިރާއްޖެ ސީމެގް ގެ ރަސްމީ އެޖެންޑާގައި ހިމަނައި، އަދި ރާއްޖެއާމެދު ފިޔަވަޅުއެޅުމުގެ އިންޒާރުދިނުމާއެކު، ސަރުކާރާއި ސިޔާސީ ޕާރޓީތަކާ ދެމެދު ވާހަކަތައް ދެއްކުމަށް ސީމެގުން ގޮވާލި ގޮވާލުމާ އެއްގޮތަށް، ރާއްޖޭގެ ސިޔާސީ މަސްރަޙަށާއި ރާއްޖޭގެ ޙާލަތަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދުމަށް ސަރުކާރާއި ސިޔާސީ ޕާރޓީތަކާ ދެމެދު ވަގުތުން ވާހަކަތައް ދެއްކުމަށް މި ޕާރޓީން ސަރުކާރަށް ވަނީ ގޮވާލާފައެވެ.

އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މެންޑޭޓުން ބޭރުން، މި ޕާރޓީގެ އެތެރޭގެ ކަންކަން ކުރަންޖެހޭނޭ ގޮތްތައް އަންގަވައި، ތަފާތު ގިނަ ބަހަނާތައް ދައްކަވައި އަދި ޝަރުތުތައް ކުރިމަތިކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ޕާރޓީއަށް ސިޓީތައް ފޮނުއްވަވަމުން ގެންދަވާކަން ފާހަގަކުރަމެވެ.

ސަރުކާރާއި ސިޔާސީ ޕާރޓީތަކާ ދެމެދު ވާހަކަތައް ދެއްކުމުގައި އެމް.ޑީ.ޕީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނޭ ފަރާތްތަކެއްގެ ނަންފުޅުތައް ހުށަނޭޅެނީސް، އެ ނަންފުޅުތައް ހުށަހެޅުމުގައި ޕާރޓީގެ އެތެރެއިން ޢަމަލުކުރަންޖެހޭ ގޮތްތައް ސަރުކާރުން ވިދާޅުވުމަކީ ސަރުކާރުގެ މެންޑޭޓުން ބޭރުން މި ޕާރޓީގެ އެތެރޭގެ ކަންކަމާ ނަހަމަ ގޮތުގައި ބެހިވަޑައިގަތުމެވެ. އަދި ކުރިން ޝަރުތުތައް ކުރިމަތިކުރުމެއް ނެތި ވާހަކަތައް ފެށުމަށް ސީމެގުން ގޮވާލުމުން، ސަރުކާރުން ޝަރުތުތައް ކުރިމަތިނުކުރައްވާނޭކަމަށް ވިދާޅުވުމަށްފަހު، މިހާރު އެކި ޒާތްޒާތަށް ޝަރުތުތައް ކުރިމަތިކުރައްވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.
މިކަމަކީ ސަރުކާރާއި ސިޔާސީ ޕާރޓީތަކާ ދެމެދު ވާހަކަތައް ދެއްކުން ކުރިއަށް ދިއުން ޚަރާބުކުރެއްވުމުގެ ނިޔަތުގައި ސަރުކާރުން ގަސްދުގައި ކުރައްވާކަމެއްގެ ގޮތުގައި މި ޕާރޓީން ދެކެމެވެ.

ދެފަރާތުން ދޫދީގެން ވާހަކަތައް ދެއްކުން ފެށުމަށް މަގުފަހިވާނޭ ގޮތްތަކަށް ޢަމަލުކުރެއްވުމުގެ ބަދަލުގައި، ސަރުކާރުން ވާހަކަތައް ދެއްކުން ފެށުމަށް ހުރަސްއެޅޭ ގޮތްތަކަށް ޢަމަލުކުރައްވަމުން ގެންދަވާކަން ފާހަގަކުރަމެވެ. އަދި މިފަދަ ގޮތްތައް ދޫކުރައްވައި، ރާއްޖޭގެ ސިޔާސީ މަސްރަޙަށާއި ރާއްޖޭގެ ޙާލަތަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް ވަގުތުން މަސައްކަތްކުރެއްވުމަށާއި، ކޮމަންވެލްތުން ދިވެހިރާއްޖެ ސަސްޕެންޑްކޮށް ރާއްޖެއާ މެދު އަޅައިފާނެ ފިޔަވަޅުތަކަކުން ސަލާމަތްވުމަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރެއްވުމަށް ސަރުކާރަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 10 އޮކްޓޯބަރ 2016