ޤާނޫނީ ވަކީލު އަލްއުސްތާޛު އަޙްމަދު ނާޡިމް ޢަބްދުއްސައްތާރު 6 މަސް ދުވަހަށް ސަސްޕެންޑް ކުރިކުރުމާ މެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރުން

ކްރިމިނަލް ކޯޓުން 6 އޮކްޓޯބަރ 2016 ގައި ޤާނޫނީ ވަކީލު އަލްއުސްތާޛު އަޙްމަދު ނާޡިމް ޢަބްދުއްސައްތާރު 6 މަސް ދުވަހަށް ސަސްޕެންޑް ކުރައްވާފައިވަނީ އާންމުންގެ މެދުގައި ކްރިމިނަލް ކޯޓާއި ކްރިމިނަލް ކޯޓުގެ ޤާޟީންނާ މެދު ނުބައި ތަޞައްވަރެއްދީ، ކޯޓާއި ކޯޓުގެ ޤާޟީންގެ އަގުވައްޓާލައި ޝަރުޢީ ދާއިރާއާ މެދު ޢާންމުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ތަފާތު އެކިފަހަރުމަތިން މަސައްކަތްކޮށްފައިވާކަމަށް ވިދާޅުވެއެވެ.

އަލްއުސްތާޛު އަޙްމަދު ނާޡިމް ޢަބްދުއްސައްތާރު 6 މަސް ދުވަހަށް ސަސްޕެންޑްކުރައްވާފައިވަނީ ފުލުހުން ހައްޔަރުކޮށްފައިވާ މީހެއްގެ ވަކީލެއްގެ ގޮތުގައި ފުލުހުންގެ ތަޙުޤީޤުގައި އޭނާ ހަމަޖައްސައި އައްޔަނުކުރެވުމާ ގުޅިގެން މުވައްކިލު ތަމްސީލުކުރައްވަމުން ގެންދަވަނިކޮށެވެ. އަދި ކްރިމިނަލް ކޯޓުގެ “މައްސަލައާ ގުޅޭ ލިޔުންތައް ހޯދުމަށް އެދޭ ފޯމު) އިން ވެސް ވަކީލުގެ މަޢުލޫމާތު ކޯޓަށް ލިބިވަޑައިގެންފައި ވަނިކޮށެވެ. އަލްއުސްތާޛު އަޙްމަދު ނާޡިމް ޢަބްދުއްސައްތާރު ސަސްޕެންޑުކުރައްވާފައިވަނީ، މިދެންނެވި މަޢުލޫމާތު ކޯޓަށް ލިބިވަޑައިގެންފައިވީ ނަމަވެސް ވަކީލަކާ ނުލައި މުޅި ޝަރީޢަތް ނިމެންދެން މިފަދައިން ބަންދުގައި މީހަކު ބެހެއްޓެވުން ފަދަ ބޮޑު ނިންމެވުމެއް ނިންމެވުމަކީ ބަންދުގައިވާ މީހާގެ ޙައްޤު ގެއްލިދާ އަދި ޤާނޫނު އަސާސީއާ ޚިލާފު ކަމެއްކަމަށް ޤާބޫލުކުރެއްވޭތީ އެ ޝަކުވާ ޖުޑިޝަލް ސަރިވިސް ކޮމިޝަނަށް އޭނާ ހުށަހެޅުއްވި ހިނދުގައެވެ. ޤާނޫނީ ވަކީލެއްގެ ޙާޟިރުގައި ނޫންގޮތަށް ނުވަތަ ވަކީލެއްގެ އެހީތެރިކަން ނުލިބޭގޮތަށް މީހުންގެ މިނިވަންކަން ނަގާލައި ހައްޔަރުގައި ބަހައްޓަން ނިންމުންތައް ނިންމާ ނަމަ އެކަމަކީ މި ޕާރޓީން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. އެފަދައިން ރައްޔިތުންގެ ޙައްޤުތައް ނަންގަވާ ނުލެއްވުމަށާއި ވަކީލުންނާ މެދު ނާއިންސާފުން ފިޔަވަޅު ނޭޅުއްވުމަށް މި ޕާރޓީން އިލްތިމާސް ކުރަމެވެ.

އަލްއުސްތާޛު އަޙްމަދު ނާޡިމް ޢަބްދުއްސައްތާރަކީ މި ސަރުކާރުން ހިންގާ ނޭއްގާނީ ބޮޑެތި މައްސަލަތަކާ ގުޅިގެންނާއި، މަދަނީ އަދި އިންސާނީ ޙައްޤުތައް ހޯދުމަށް އިޙްތިޖާޖުކުރާ ވަރަށް ގިނަ ފަރާތްތަކެއްގެ ޙައްޤުގައި ވަކާލާތުކޮށްދެއްވަމުން ގެންދަވާ ހުނަރުވެރި ވަކީލެކެވެ.

ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމާއި ފަނޑިޔާރުގެއާ މެދު ވަރަށް ގިނަ ދިވެހިރައްޔިތުންނާއި އަދި ބައިނަލްއަޤުވާމީ ފަރާތްތަކުން ގެންދަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ ޝަރުޢީ ނިޒާމް ވަގުތުން އިސްލާޙުކުރުމަށް ގޮވާލަމުންނެވެ. މިގޮތން ފަނޑިޔާރުންނާއި ވަކީލުންނާ ބެހޭ އދ. ގެ ޚާއްޞަ މުޝީރު ވެސް މީގެ ކުރިން ވަނީ ރާއްޖެވަޑައިގެން ދިރާސާކުރެއްވުމަށްފަހު ރާއްޖޭގެ ވަކީލުން ސަސްޕެންޑްކުރާ ކުރުމާއި، އަދި ޝަރުޢީ ނިޒާމު އޮތް ޙާލަތާމެދު ބޮޑެތި ކަންބޮޑުވުންތައް އެކުލެވޭ ރިޕޯރޓެއް ނެރުއްވާފައެވެ. މީގެ އިތުރުން އދ. ގެ ހިޔުމަން ރައިޓްސް ކޮމިޝަނާއި، ކޮމެންވެލްތާއި، ޔޫރަޕިއަން ޔޫނިއަން އާއި އެކިއެކި ޑިމޮކްރެޓިކް ޤައުމުތަކުންނާއި ދުނިޔޭގެ ބޮޑެތި ޖަމިއްޔާ ޖަމާޢަތްތަކުން ވެސް ރާއްޖޭގެ ޝަރުޢީ ނިޒާމާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް އެކަންކަން ވަގުތުން އިސްލާޙުކުރެއްވުމަށް ގެންދަނީ ގޮވާލަމުންނެވެ.

7 އޮކްޓޯބަރ 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް