ސިޔާސީ މަޤްސަދެއްގައި ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިޔާ އަދި އެމް.ޑީ.ޕީ ގެ ޤައުމީ މަޖިލީހުގެ މެމްބަރު އައްސަދު ޢަލީ، ޤައުމީ ޓީމުން ބާކީކުރިކުރުން ކުށްވެރިކުރުން

ޤާނޫނު އަސާސީން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްޔިތުންގެ ޙައްޤުގައި ބޭނުން ހިފުމުގެ ސަބަބުން، ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ މައްޝޫރު ކުޅުންތެރިއާ، އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޤައުމީ މަޖިލީހުގެ މެމްބަރު އައްސަދު ޢަލީ، ޤައުމީ ޓީމުން ބާކީ ކުރިކުރުން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

އައްސަދު ޢަލީ ޤައުމީ ފުޓުބޯޅަ ޓީމުން ބާކީކޮށްފައިވަނީ ސަރުކާރުގެ ސިޔާސީ ނުފޫޒުންނެވެ. އަދި މިކަމަކީ ބިރުދެއްކުމުގެ ގޮތުން ސަރުކާރުން ހިންގި ވަރަށް ދަށުދަރަޖައިގެ ފިނޑި އަމަލެކެވެ.

މިއިން ޒަމާނަކު ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން ސިޔާސީ ނުވާ މިންވަރަށް ސިޔާސީވެ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޯޑަރަށް ސަރުކާރުގެ ނުފޫޒުން 2 އެފް.އޭ.އެމް ގެ ވެރިން ބަޣާވާތްކޮށް ބޭރުކޮށްލާފައިވެއެވެ. އަދި ފުޓުބޯޅަ މަތިން ރައްޔިތުން ފޫހިވާ މިންވަރަށް ރާއްޖޭގެ ފުޓުބޯޅަ ބޮއްސުންލާފައިވެއެވެ. މި ދަނޑިވަޅުގައި، ރާއްޖޭގެ އުއްމީދީ ގޯލްކީޕަރު މުޙައްމަދު ލަބާން ވެސް ޖަލަށް ލާފައިވާތާ މިހާރު އެއް އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެ ގޮސްފައި ވެއެވެ.

ސަރުކާރުން ކުޅިވަރު އެސޯސިއޭޝަންތަކަށް އަތް ނުބޭނުމަށާއި، ކުޅުންތެރިންނަށް ބިރު ނުދެއްކުމަށާއި ކުޅުންތެރިންނަށް ނިސްބަތްވާގޮތަށް ޒާތީ ނިންމުންތައް ނިންމަމުންދާ ދިއުމުން އެއްކިބާވުމަށް މި ޕާރޓީން ސަރުކާރަށް އިލްތިމާސް ކުރަމެވެ.
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް:3 އޮކްޓޯބަރ 2016