ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލަރުންގެ އަދަދަށް ގެނެވުނު ބަދަލާއިއެކު 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޙާބުގެ ރަށު ކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް އިންތިޙާބުގައި އެމް.ޑީ.ޕީގެ ޓިކެޓް ހޯދުމަށް ވާދަކުރާ ކެންޑިޑޭޓުން އިންތިޙާބުކުރުމަށް ބާއްވާ ޕްރައިމެރީ ގައި ވާދަކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އެމް.ޑީ.ޕީއިން ހުޅުވާލައިފިއެވެ.
ކައުންސިލް އިންތިޚާބުގައި ރާއްޖޭގެ އެކި އެކި ދާއިރާތަކަށް ވާދަކުރެއްވުމަށް ބޭނުންފުޅުވާ ޕާޓީގެ މެމްބަރުން އެބޭފުޅަކު ކުރިމަތިލައްވަން ބޭނުންފުޅުވާ ދާއިރާއަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކޮށް ފޯމާއިއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއިއެކު ފޯމް ޕާޓީގެ ސެކްރެޓޭރިއަޓްއަށް ހުށައެޅުމުގެ ސުންގަޑިއަކީ 20 އޮކްޓޫބަރު 2016 ވާ ބުރާސްފަތި ދުވަހުގެ 12.00 އެވެ.ކުރިމަތި ލުމަށް އެދޭ ފޯމް އަދި އިތުރު މައުލޫމާތު އެމް.ޑީ.ޕީގެ ވެބްސައިޓުގައިވަނީ ޝާއިރުކުރެވިފައެވެ. އަދި ޕްރައިމަރީ ބާއްވާ ތާރީޙްތަކަކީ ނޮވެމްބަރު 17، 18، 19 އެވެ.
ޕާޓީގެ ޕްރައިމެރީ އިން 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޙާބަށް މިފަހަރު ހުޅުވާލަނީ ޖުމްލަ 77%ގެ ގޮނޑިއަށެވެ. އަދި ބާކީ %23 ގޮނޑި މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ކުރިމަތި ލުމަށް ދެ ޕާޓީންވަނީ އެއްބަސްވެފައެވެ.. މިގޮތުން މިފަހަރުގެ ކައުންސިލް އިންތިޚާބްގައި އެމް.ޑީ.ޕީ ގެ ފަރާތުން 435 ރަށުކައުންސިލް ގޮޑި، 51 އަތޮޅުކައުންސިލް ގޮނޑި އަދި 20 ސިޓީ ކައުންސިލް ގޮނޑި އާއި އެކު ޖުމްލަ 506 ގޮނޑިއަށް ވާދަކުރުމަށްވަނީ ނިންމާފާވެއެވެ. ލޯކަލް ކައުންސިލްގެ ޤާނޫނަށް ގެނެވުނު ބަދަލާއކު މިފަހަރު ކައުންސިލް އިންތިޚާބުގައި އިންތިޚާބްކުރާ ކައުންސިލަރުންގެ އަދަދަކީ 655 އެވެ، ކައުންސިލް އިންތިޚާބް ބާއްވާނެކަމަށް އިލެކްޝަންސް ކޮމިޝަންއިން އިއުލާންކޮށްފައިވާ ތާރީޚަކީ 14 ޖެނުއަރީ 2017 އެވެ.