ރަޝިޔާގެ މަޝްހޫރު ކުރީގެ ރައީސް މިކައިލް ގޯރބަޗޯފް އެފިލިއޭޓްވެވަޑައިގަންނަވާ އެމެރިކާގެ ގްލޯބަލް ގްރީން ގެ ފަރާތުން ދޭ “ގްލޯބަލް ގްރީން” އިނާމު، މިއަހަރު ލިބިވަޑައިގަންނަވާ ފަރާތެއްގެ ގޮތުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ހިމެނިވަޑައިގެންފިއެވެ.
މިއަހަރު ފާހަގަކުރެވިގެން މިދަނީ ގްލޯބަލް ގްރީން އިނާމު ދިނުމުގެ 20 ވަނަ އަހަރުގެ ގޮތުގައެވެ. އަދި އެ ޙަފުލާ ބާއްވާފައިވަނީ ހުސްވި ސެޕްޓެމްބަރ މަހުގެ 29 ގައި އެމެރިކާގެ ގައެވެ.
މި އިނާމަކީ ތިމާވެއްޓާއި އިންސާނީ ޙައްޤުތަކާ ގުޅިގެން ބައިނަލްއަޤުވާމީގޮތުން އާދަޔާ ޚިލާފު ލީޑަރޝިޕު އަދާކުރައްވާ ފަރާތްތަކަށް އަރުވާ ޝަރަފުވެރި އިނާމެކެވެ.
މި އިނާމު މިއަހަރު ރައީސް މުޙައްމަދު ނަޝީދަށް އެރުވުމުގައި ގްލޯބަލް ގްރީން ގެ ފަރާތުން ފާހަގަކޮށްފައިވާގޮތުން ރައީސް މުޙައްމަދު ނަޝީދަކީ “ގްލޯބަލް ކްލައިމެޓް ޗެމްޕިއަން” އެއް ކަމަށާއި އަދި ޑިމޮކްރެސީއާއި އިންސާނީ ޙައްޤުތަކުގެ ރޮނގުގައި ދުނިޔެއިން ފާހަގަކޮށްލެވޭ ވަރުގަދަ ބާރެއްކަމަށެވެ. ކުޑަ ޤައުމަކަށް ނިސްބަތްވެވަޑައިގަތް ނަމަވެސް ރައީސް މުޙައްމަދު ނަޝީދަކީ އެ މަސައްކަތުގައި “ބިޔަ” ލީޑަރެއްކަމަށާއި ތިމާވެއްޓާއި މޫސުމާ ގުޅޭ ކަންކަމުގައާއި ސޯޝަލް ޖަސްޓިސްގެ ދާއިރާގައި ދުނިޔޭގައި ވެސް އެންމެ “އިންސްޕިރޭޝަނަލް ފިގަރހެޑް” އިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ލީޑަރެއްކަމަށެވެ. އަދި އެމަނިކުފާނަކީ “ދިވެހިރާއްޖޭގެ މަންޑޭލާ” ގެ ގޮތުގައި ފާހަގަކުރެވޭ ކަމަށެވެ.
ގްލޯބަލް ގްރީން އިނާމު ރައީސް މުޙައްމަދު ނަޝީދަށް މިއަހަރު ލިބިވަޑައިގެންފައިވާއިރު، އެމަނިކުފާނަށް އެރޮނގުން މީގެކުރިން ލިބިވަޑައިގެންފައިވާ ޝަރަފުވެރި އިނާމުތަކުގެ ތެރޭގައި އ.ދ. ގެ “ޗެމްޕިއަން އޮފް ދި އާރތް” ގެ އިނާމާއި ޓައިމް މެގެޒީންގެ ” ހީރޯ އޮފް ދި އެންވައިރަމެންޓް” ގެ އިނާމާއި “ސިލްވިއާ އާރލް ބްލޫ މިޝަން” ގެ އިނާމާއި “ޖޭމްސް ލޯސަން” ގެ އިނާމު ލިބިވަޑައިގެންފައިވެއެވެ.