އެމް.ޑީ.ޕީގެ ޗެއަރޕާސަން ޢަލީ ވަޙީދުގެ ޕާސްޕޯރޓް، އިމިގްރޭޝަނުން ކެންސަލުކުރި މައްސަލާގައި ނެރޭ ނޫސްބަޔާން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޗެއަރޕާސަން ޢަލީ ވަޙީދުގެ ޕާސްޕޯޓް، މޯލްޑިވްސް އިމިގްރޭޝަނުން ކެންސަލްކޮށްފައިވާކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވާތީއާއި، އަދި އެބޭފުޅާގެ މައްޗަށް ޓެރަރިޒަމުގެ ދަޢުވާކޮށްފައިވާކަމަށް މިހާރު މަޢުލޫމާތު ލިބިފައިވާތީ، ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ އެ ނޭއްގާނީ ޢަމަލު އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

އެމް.ޑީ.ޕީ ގެ ޗެއަރޕާސަން ޢަލީ ވަޙީދުގެ ޕާސްޕޯޓް، މޯލްޑިވްސް އިމިގްރޭޝަނުން ކެންސަލްކޮށްފައިވަނީ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ހިންގަމުންދާ ބޮޑެތި ވައްކަންތަކާއި ފަސާދައާއި ބައިނަލްއަޤުވާމީ ޖަރީމާތައް ހެކިތަކާއެކު ދިވެހި ރައްޔިތުންނަށާއި ދުނިޔެއަށް ހާމަކުރައްވަމުން ގެންދަވާތީ އެކަމުގެ ސަބަބުން ޢަބްދުﷲ ޔާމިންގެ ސަރުކާރު ކަންބޮޑުވެ، ގޮތްހުސްވަމުންދާތީއެވެ.

ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މުޒާހަރާ ކަމުގައިވާ “މޭޑޭ މުޒާހަރާ” އާގުޅިގެން ޗެއަރޕާސަން ޢަލީ ވަޙީދު ޙައްޔަރުކޮށް ޖަލަށްލާފައިވަނީ ވެސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން ހިންގަމުންދާ ވައްކަންތަކާއި ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލުމަށް އެހާ ގިނަ އަދަދެއްގެ ރައްޔިތުން ނެރުއްވުމުގައި އެބޭފުޅާ އަދާކުރެއްވި އިސް ދައުރުގެ ސަބަބުން ސަރުކާރު ޖެހިލުންވެ، ކަންބޮޑުވެފައިވުމުންނެވެ.

އެމް.ޑީ.ޕީ ގެ ޗެއަރޕާސަން ޢަލީ ވަޙީދުގެ ޕާސްޕޯޓް، މޯލްޑިވްސް އިމިގްރޭޝަނުން ކެންސަލްކޮށްފައިވާއިރު، މީގެ ކުރިން އިމިގްރޭޝަނުން ވަނީ އެމް.ޑީ.ޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރަޢީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމް.ޔޫ.އޯ)ގެ ލީޑަރ އަދި ރާއްޖޭގެ ކުރީގެ ނައިބް ރައީސް ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙްމަދާއި، އެމް.ޔޫ.އޯގެ ޝެޑޯ ކެބިނެޓް މިނިސްޓަރ އަދި އެމް.ޑީ.ޕީ ސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރ ޢަހްމަދު ނަސީމާއި، އެމް.ޑީ.ޕީ ގެ މާލޭ ދާއިރާގެ ރައީސް އަކުރަމް ކަމާލުއްދީނުގެ ޕާސްޕޯޓު ކެންސަލްކޮށްފައެވެ.

ޢަބްދުﷲ ޔާމިނުގެ ސަރުކާރުގެ މިފަދަ ނޭއްގާނީ އަދި ފިނޑި އަމަލުތަކަކީ ސަރުކާރުގެ ބޮޑެތި ވައްކަންތަކާއި ޖަރީމާތައް ބޭޒާރުކޮށް ސަރުކާރާ ދެކޮޅަށް އިދިކޮޅު ލީޑަރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފަހަތަށް ޖެއްސޭނޭ ކަމެއް ނޫނެވެ.

22 ސެޕްޓެމްބަރ 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް