އެމް.ޑީ.ޕީގެ ޤައުމީ މަޖިލީހުގެ 3 މެމްބަރުން ކަމަށްވާ ޢަހްމަދު ޢީސާ، މުޙައްމަދު ވަޙީދު އަދި އައްސަދު ޢަލީ ވަގުތުން މިނިވަންކުރުމަށް ގޮވާލައި ނެރޭ ނޫސްބަޔާން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޤައުމީ މަޖިލީހުގެ 3 މެމްބަރުންކަމަށްވާ ޢަހްމަދު ޢީސާއާއި މުޙައްމަދު ވަޙީދާއި އަދި އައްސަދު ޢަލީ ނާއިންސާފުން ޖަލުގައި ޙައްޔަރުކޮށްގެން އަނިޔާވެރިވަމުންދާތީ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ އެ ޢަމަލު އެންމެ ހަރުއަޑުން ކުށްވެރިކުރާހިނދު ޢަހްމަދު ޢީސާއާއި މުޙައްމަދު ވަޙީދާއި އަދި އައްސަދު ޢަލީ ވަގުތުން މިނިވަންކުރުމަށް ގޮވައިލަމެވެ.

ޢަހްމަދު ޢީސާއާއި މުޙައްމަދު ވަޙީދާއި އަދި އައްސަދު ޢަލީ ހައްޔަރުކޮށްފައިވަނީ އަލްޖަޒީރާއިން ގެނެސްދިން “ސްޓީލިންގ ޕެރެޑައިސް” ޑޮކިޔުމެންޓްރީން ސަރުކާރުގެ ވެރިންގެ ބޮޑެތި ޚިޔާނާތާއި، ބައިނަލްއަޤުވާމީ ޖަރީމާތައް ކަމަށްވާ މަނީ ލޯންޑަރިންގ އާއި ސަރުކާރު އަޑީގައި އޮވެގެން ހިންގާ ޓެރަރިޒަމުގެ ޖަރީމާތައް ފަދަ ބޮޑެތި ޖަރީމާތައް ސާފު ހެއްކާއެކު ދުނިޔެއަށް ފަޅާއަރުވާލުމުން އެކަމުގެ ރުޅިވެރިކަން ރައްޔިތުންނަށާއި އިދިކޮޅު ސިޔާސީ ފަރާތްތަކަށް ރައްދުކުރުމުގެ ގޮތުންނެވެ.

ސަރުކާރު ވައްޓާލަން އުޅޭކަމަށް ބުނެ، އެއްވެސް ހެއްކެއް ޤަރީނާއެއްގެ މައްޗަށް ބިނާކުރުމެއްނެތި ޢަބްދުﷲ ޔާމިނުގެ ސަރުކާރުން ފުލުހުން މެދުވެރިކޮށް އެމް.ޑީ.ޕީގެ ޤައުމީ މަޖިލީހުގެ މި 3 މެމްބަރުން ހައްޔަރުކޮށް ޙުކުމަކާ ނުލައި ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ޖެހި މުއްދަތުގެ ގޮތުގައި ވެސް 13 ދުވަސް ޖަހައި، އެ 3 މެމްބަރުން ޖަލަށްލާފައިވެއެވެ. މިއީ ބޮޑެތި ޖަރީމާތައް ހިންގުމަށްފަހު ގޮތްހުސްވެ ބަލިކަށިވަމުންދާ ސަރުކާރެއްގެ ފިނޑި ޢަމަލެކެވެ.

ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ ތާއީދު ގެއްލި، ދިވެހިރައްޔިތުންނާއި މުޅި ދުނިޔޭގެ ކުރިމަތީގައި އަގުވެއްޓި، ފަލީޙަތްވަމުންދާ މިންވަރު އިތުރުވަމުންދާ ވަރަކަށް ސިޔާސީ ފަރާތްތަކާއި ރައްޔިތުން ހައްޔަރުކުރަމުންދާ މިންވަރު އިތުރުވަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. މިގޮތުން ކޯޓު އަމުރު ހޯދައިގެންނާއި އަދި ކޯޓު އަމުރު ނެތި ސިޔާސީ ފަރާތްތަކަށާއި ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވާ މީހުންނަށް ޓާގެޓުކޮށްގެން، ނިސްބަތުން މުޅި ދުނިޔެއިން ވެސް އެންމެ ގިނަ ރައްޔިތުން އެންމެ ކުރު މުއްދަތެއްގައި ޙައްޔަރުކުރި ސަރުކާރުގެ ގޮތުގައި ޢަބްދުﷲ ޔާމިނުގެ ސަރުކާރު ވެގެން ގޮސްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ޢަބްދުﷲ ޔާމިނު ހުންނަވައިގެން ދިވެހި ރައްޔިތުންނަށާއި ރައްޔިތުންގެ ޚަޒާނާއަށާއި މުޅި ދައުލަތަށް ކުރިމަތިކުރައްވަމުންދާ ބޮޑެތި ގެއްލުންތަކުން މި ދައުލަތް ސަލާމަތްކުރެވެން އޮތީ އެމަނިކުފާނުގެ މައްޗަށްކުރެވޭ މިފަދަ ބޮޑެތި ތުޙުމަތުތަކުގައި އެމަނިކުފާނު ޙައްޔަރުކޮށްގެން ކަމަށްވާތީ އެމަނިކުފާނު ޙައްޔަރުކުރުމަށް ގޮވާލާ ގޮވާލުން ތަކުރާރުކުރަމެވެ.

13 ސެޕްޓެމްބަރ 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް