ރައީސް ނަޝީދުގެ ލޮބުވެތި މަންމާފުޅާއި ބައްޕާފުޅު ދިރިއުޅުއްވާ ގ.ކެނެރީގެ އަށް ފުލުހުން ފޮނުވައި ބަލައި ފާސްކޮށް ފުރައްސާރަކުރި މައްސަލަ ކުށްވެރިކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ އާއިލީ ގެކޮޅު، ގ.ކެނެރީގެއަށް ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުގެ އަމުރަށް ފުލުހުން ފޮނުވައި، އެ ގެކޮޅު ބަލައި ފާސްކުރި މައްސަލަ އެމް.ޑީ.ޕީ އިން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ރޭގެ ވަގުތެއްގައި ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުގެ އަމުރަށް ކްރިމިނަލް ކޯޓުގެ ލިޔުމެއް ހޯދައިގެން ގ.ކެނެރީގެއަށް ފުލުހުން ފޮނުވައި އެ ގެކޮޅު ބަލައި ފާސްކޮށްފައިވަނީ ރައީސް މުޙައްމަދު ނަޝީދު ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށްކަން ފާހަގަކުރަމެވެ. މިކަން މިހެން އޮތްއިރު އެގެކޮޅަށް ފުލުހުން ފޮނުވާފައިވަނީ ރައީސް ޢަބްދުﷲ ޔާމިނުގެ ސަރުކާރު ބަލިކަށިވެ ގޮތްހުސްވަމުން ދާދިއުމުގެ ސަބަބުންނެވެ. ހަމަ އެފަދައިން ސަރުކާރުން މިގޮތަށް ޢަމަލުކުރަމުން ދަނީ ރައީސް މުޙައްމަދު ނަޝީދަކީ ރައީސް ޢަބްދުﷲ ޔާމިންގެ ސިޔާސީ ވާދަވެރިއަކަށްވާތީއާއި، ރައީސް މުޙައްމަދު ނަޝީދަށް ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންފައިވާ ތާއީދާއި ލޯބި، ރައީސް ޢަބްދުﷲ ޔާމިނަށް ލިބިވަޑައިގަންނަމުން ނުދާތީ، ރައީސް މުޙައްމަދު ނަޝީދަށް ރައްދުކުރައްވަމުން ގެންދަވާ ހަސަދައާއި ރުޅިވެރިކަން އެމަނިކުފާނުގެ ލޮބުވެތި މަންމާފުޅާ ބައްޕާފުޅާއި އާއިލާއަށް ރައްދުކުރެއްވުމުގެ ބޭނުންފުޅުގައިކަމަށް ދެކެމެވެ. މިއީ ރައްޔިތުންގެ ތާއީދެއް ނެތް ވެރިއެއް ހިންގި ވަރަށް ދަށުދަރަޖައިގެ ޢަމަލެއްގެ ގޮތުގައި ސިފަކުރަމެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ލޮބުވެތި މަންމާފުޅާ ބައްޕާފުޅު ދިރިއުޅުއްވާ ގ.ކެނެރީގެ ރޭ ފުލުހުން ބަލައި ފާސްކޮށްފައިވާއިރު ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން ކުރަމުންދާ އެއްވެސް ތުޙުމަތަކާ ގުޅުންހުރި ހެއްކެއް ނުވަތަ ޤަރީނާއެއް ފެނިފައިނުވާކަން ފާހަގަކުރަމެވެ. އެހެންކަމުން މިބާވަތުގެ ދަށުދަރަޖައިގެ ފުރައްސާރަކުރުން ވަގުތުން ހުއްޓާލުމަށް ރައީސް ޢަބްދުﷲ ޔާމިނުގެ ސަރުކާރަށް ގޮވާލަމެވެ.

ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 1 ސެޕްޓެމްބަރ 2016