ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަން ނައްތާލުމުގެ ނިޔަތުގައި ހުށަހެޅި ބިލަށް ކުރިން ނިންމި ގޮތާ ޚިލާފަށް ރައްޔިތުންގެ ޚިޔާލު ނުހޯދުމަށް ނިންމި ނިންމުން ކުށްވެރިކުރުން

“އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު” ގެ ނަމުގައި، ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަން ނައްތާލުމުގެ ނިޔަތުގައި މިހާރު ހުށަހަޅާފައިވާ ބިލު ދިރާސާކުރުމަށް ހޮވާފައިވާ ކޮމެޓީން ކުރިން ނިންމިގޮތާ ކަނޑައެޅިގެން ޚިލާފަށް ރައްޔިތުންގެ ޚިޔާލު ބަލައި ނުގަތުމަށާއި އިތުރު އެއްވެސް ފަރާތެއް އެ ކޮމެޓީއަށް ހާޒިރުނުކުރުމަށް ކުއްލިގޮތަކަށް އެ ކޮމެޓީން ނިންމި ނިންމުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

އެ ބިލަކީ ދޭދޭ ފަރުދުންގެ މެދުގައި ދެކެވޭ ވާހަކައަކުން ވިޔަސް، ފޭސްބުކާއި ޓްވީޓް ފަދަ އެއްޗެއްގައި ލިޔާ ބަހަކުން ވިޔަސް، ކުރެހެންތެރިއަކު ކުރަހާ ކުރެހުމަކުން ވިޔަސް، ޅެންވެރިޔަކު ހަދާ ޅެމަކުން ވިޔަސް، ލަވަކިޔުންތެރިއަކު ކިޔާ ލަވަޔަކުން ވިޔަސް، ފިލްމު ހަދާ ފަންނާނަކު ހަދާ ފިލްމަކުން ވިޔަސް، ފޮޓޯގްރާފަރަކު ނަގާ ފޮޓޯއަކުން ވިޔަސް، ސީދާ ގޮތުންނާއި ނުސީދާގޮތުން ވިޔަސް ފާޅުކުރާ ޝުޢޫރަކުން ނުވަތަ ކުރާ އިޝާރާތަކުން މަދުވެގެން 50 ހާސް ރުފިޔާއިން ފެށިގެން 2 މިލިޔަން ރުފިޔާއާ ހަމައަށް ރައްޔިތު މީހާގެ އަތުން ސަރުކާރަށް ޖޫރިމަނާ ނަގައި، 6 މަސް ދުވަހަށް ޖަލަށް ލެވޭގޮތަށް ސަރުކާރުން ފަރުމާކޮށްފައިވާ ބިލެކެވެ.

ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަނެ، އެއްވެސް ރައްޔިތަކަށް ކުޅަދާނަވެގެންނުވާ އަދަދުތަކުން ޖޫރިމަނާކޮށް ދިގު މުއްދަތަކަށް ޖަލަށްލެވޭގޮތަށް ހަދާފައިވާ މިފަދަ ނުރައްކާތެރި ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ ޚިޔާލަށް ހުށަހެޅުމަކާނުލައިކަން ފާހަގަކުރަމެވެ. އަދި އެ ބިލަށް ޚިޔާލުތަކާއި އިސްލާޙު ހުށަހެޅުމަށް އެ ބިލު ދިރާސާކުރުމަށް މަޖިލީހުން ހޮވި ކޮމެޓީން އާންމުންނަށް ފުރުސަތު ހުޅުވާލަން މީގެކުރިން ނިންމައި އިޢުލާނުކުރުމަށްފަހު ކުއްލިގޮތަކަށް އެ ނިންމުން އަނބުރާ ގެންގޮސް ރައްޔިތުންގެ ޚިޔާލު ހުށަނޭޅޭނެގޮތަށް ނިންމި ނިންމުމަކީ ވަރަށް ޚުދުމުހުތާރު ނިންމުމެކެވެ. މިކަމުން އެނގެނީ ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަންނަ ޤާނޫނުތައް ހަދައި، ރައްޔިތުންނަށް ބިރުވެރި މާޙައުލެއް ޤާއިމުކުރުމަށް ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރު ކެތްމަދުވެފައިވާ މިންވަރެވެ.

ޤާނޫނު ހަދާ މަޖިލީހެއްގައި ހުންނަންޖެހޭ އެންމެހައި ޕްރޮސީޖަރ ތަކާއި ޑިމޮކްރެޓިކް ހަމަތަކެއް ނައްތާލައި ޚުދުމުހުތާރު ގޮތްތައް އިސްކޮށް، އެފަދަ ޤާނޫނުތައް ހަދައި ރައްޔިތުން ޤުރުބާންކުރަމުން އެގެންދަނީ ސިދާ ރައީސް ޢަބްދުﷲ ޔާމިނުގެ ބޭނުންފުޅަށް، އެމަނިކުފާނުގެ ވެރިކަން ދިފާޢުކުރެއްވުމަށްޓަކައެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވާގޮތަށް އެފަދަ ބިލުތައް ފާސްކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތަކީ ސަރުކާރުގެ މެމްބަރުންނަށް ވެސް ބިރުދެއްކެވުމާއި ބްލެކްމޭލުކުރުމެވެ.

އެހެންކަމުން ރާއްޖޭގެ އެންމެހައި ރައްޔިތުންނާއި ނޫސްވެރިންނާއި ސިޔާސީ ފަރާތްތަކާއި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކަށް ވެސް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ލިބެން އޮތީ ދިވެހިރާއްޖޭގެ ވެރިކަމުން ރައީސް ޢަބްދުﷲ ޔާމިން ބޭރުކޮށްގެން ކަމަށްވާތީ، އެމަގަށް އެންމެހައި ފަރާތްތަކުން މަސައްކަތްކުރުން އިތުރުކުރުމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
6 އޯގަސްޓް 2016