އިނގިރޭސިވިލާތުން ދިވެހި ސަރުކާރުގެ ވެރިންނާއި ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުމަށް ވިސްނަމުންދާކަން ހާމަކޮށްފައިވާތީ އެކަމަށް މަރުޙަބާ ކިޔުން

އިނގިރޭސި ވިލާތުގެ ސަރުކާރުން ދިވެހި ސަރުކާރުގެ ވެރިންނާއި ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނާމެދު ފިޔަވަޅުއަޅައި އިނގިރޭސި ވިލާތަށް ދަތުރުފަތުރުކުރުން މަނާކުރުމާމެދު ވިސްނަމުންދާކަން ހާމަކޮށްފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން އެކަމަށް މަރުޙަބާ ކިޔަމެވެ.

އިނގިރޭސި ސަރުކާރުގެ ފަރާތުން މިފަދައިން ހާމަކޮށްފައިވަނީ އިނގިރޭސި ސަރުކާރުގެ ޚާރިޖީ އަދި ކޮމަންވެލްތްގެ ކަންކަމާ ބެހޭ ވަޒީރު، ރައިޓް ހޮނަރަބްލް ހޫގޯ ސްވައިއާ، އަށް އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގައި ރާއްޖޭގެ ޙާލަތާމެދު ދެންނެވުނު ސުވާލަށް ޖަވާބު ދެއްވުމުގައެވެ. ޚާރިޖީ އަދި ކޮމަންވެލްތްގެ ކަންކަމާ ބެހޭ ވަޒީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ވެރިކަމުގެ ބާރުން ރައްޔިތުންނަށް ކުރިމަތިކޮށްފައިވާ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުންދާކަމީ އިނގިރޭސި ސަރުކާރުން އިންތިހާއަށް ކަންބޮޑުވާކަމެއްކަމުގައެވެ. އަދި ކޮމަންވެލްތް މިނިސްޓީރިއެލް އެކްޝަން ގްރޫޕް (ސީމެގް) އިން އެންމެ ފަހުން ރާއްޖެއަށް އަންގާފައިވާ އެންގުންތަކަށް ފުރިހަމައަށް އަމަލުކޮށް، ރާއްޖޭގެ ސަރުކާރުން އދ. އާއި ކޮމަންވެލްތްގެ ޚާއްޞަ މަންދޫބުންނާ އެކު ހަރުދަނާ ގޮތުގައި ޝާމިލުވެ މަސައްކަތްކުރުމުގެ މުހިއްމުކަމާއި، ސެޕްޓެމްބަރ މަހުގައި އޮންނަ ސީމެގް ގެ ބައްދަލުވުމުގެ ކުރިން އެކަންކަމުގައި ރަނގަޅު ކުރިއެރުން ހޯދުމުގެ މުހިއްމުކަން ފާހަކުރައްވާކަމަށް ވިދާޅުވިއެވެ.

ދިވެހި ސަރުކާރުންނާއި ޖުޑިޝަރީގެ ފަރާތުން ޤާނޫނުން ބޭރުން ޢަމަލުކޮށް އިންސާނީ ޙައްޤުތަކަށް އަރައިގަނެ، އަނިޔާވެރިކަމާއި، ނާއިންސާފް އިސްކޮށް، އަދި ރާއްޖޭގެ ޑިމޮކްރެސީ ނެތިކޮށްލުމުގެ ޢަމަލުތައް ހިންގުން ދުވަހުން ދުވަހަށް އިތުރުވަމުންދާތީ، އެމަލުތައް ހިންގާ ވަކިވަކި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ ރާއްޖޭގެ ރައްޔިތުންނާއި ޑިމޮކްރެސީ ސަލާމަތްކޮށް ރައްކާތެރިކުރުމަށް މުހިއްމުކަމެއްކަމުގައި އެމް.ޑީ.ޕީ އިން ދެކެމެވެ.

14 ޖުލައި 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް