“މިހާރު” ނޫހުގެ ނޫސްވެރިން ވަޒީފާ އަދާކުރުން މަނާކޮށް އެނޫސްވެރިންގެ ޙައްޤުތަކަށް ފާޅުގައި އަރައިގަނެ ސިވިލް ކޯޓުން އިއްވި ޙުކުމާމެދު ކަންބޮޑުވުން ފާޅުކުރުން

“މިހާރު” ނޫހުގެ ނޫސްވެރިން ވަޒީފާ އަދާކުރުން މަނާކޮށް އެނޫސްވެރިންގެ ޙައްޤުތަކަށް ފާޅުގައި އަރައިގަނެ، އަނެއްކާ ވެސް ހައިރާންކުރުވަނިވި ޙުކުމެއް ރާއްޖޭގެ ސްޕީރީއާ ކޯޓެއްކަމުގައިވާ ސިވިލް ކޯޓުން އާދީއްތަ ދުވަހު އިއްވާފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށް އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ސިވިލް ކޯޓުން އާދިއްތަ ދުވަހު އިއްވި ޙުކުމުގައި، މީގެ ކުރިން ހާވީރު ނޫހުގައި މަސައްކަތްކުރި ނޫސްވެރިން އެހެން އެއްވެސް ނޫހެއްގައި ނުވަތަ މީޑިއާއެއްގައި ނުވަތަ މީޑިއާ އާ ގުޅުންހުރި ވިޔަފާރީއެއްގައި، 3 ފެބްރުއަރީ 2016 އިން ފެށިގެން 2 އަހަރު ދުވަސް ވަންދެން ބައިވެރިވެ މަސައްކަތްކުރުން މަނާކޮށް، އަދި އެ ޙުކުމާ ޚިލާފުވެއްޖެ ނަމަ ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްފައިވެއެވެ. އެހެންކަމުން “ހަވީރު” ނޫހުގައި މަސައްކަތްކުރަމުން ދަނިކޮށް ކޯޓުގެ ޙުކުމަކުން “ހަވީރު” ނޫސް ހުއްޓާލަންޖެހުމުން “މިހާރު” ނަމަކަށް ކިއައިގެން އަލުން ނޫހެއް ހިންގަންފެށި ނޫސްވެރިންގެ ކިބައިން “މިހާރު” ނޫސް ހިންގުމުގެ ޙައްޤާއި އަދި އެނޫން ވެސް ނޫހެއް ހިންގައި ނުވަތަ ނޫސްވެރިކަން ކުރުމުގެ ޙައްޤު ނިގުޅައިގަނެވޭކަމާއި، ނޫސްވެރިކަމާ ގުޅުންހުރި އެއްވެސް ވިޔަފާރިއެއް ކުރުމުގެ ޙައްޤު ވެސް ނިގުޅައިގަނެވޭކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. މިކަމަކީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އަދި ބައިނަލްއަޤުވާމީ މިންގަނޑުތަކާއި މުއާހަދާތަކާ ކަނޑައެޅިގެން ޚިލާފުކަމެކެވެ.

އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ޙައްޤާއި، ވަޒީފާއިން ވަކިވުމުގެ ޙައްޤަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ޙައްޤަކަށްވާއިރު، އަދި ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާގައާއި އަދި ވަޒީފައިގެ އެއްބަސްވުމުގައި ވެސް ނުހިމެނޭ ކަމެއްގެ މައްޗަށް އެކޯޓުން އަމިއްލައަށް ގޮތްތައް ނިންމައި “މިހާރު” ނޫހުގެ ނޫސްވެރިންނަށް އެނގުމަކާނުލައި އެނޫސްވެރިންނަށް ވަޒީފާ އަދާކުރެވޭނޭތަނަކާއި ވަޒީފާ އަދާނުކުރެވޭނޭ ތަނެއް ކަނޑައަޅައި އެނޫސްވެރިންގެ މައްޗަށް އެފަދަ ޙުކުމެއް އިއްވާފައިވުމަކީ ޢަދުލު އިންސާފަށް ކުރި ވަރަށް ބޮޑު ފުރައްސާރައެއްކަމަށް ދެކެމެވެ. އަދި އެއީ ޝަރުޢީ ނިޒާމުގެ ނަމުގައި ބައެއްގެ ޙައްޤުތަކަކަށް ފާޅުގައި އަރައިގަތް އަރައިގަތުމެކެވެ. ހަމައެފަދައިން އެއީ ނޫސްވެރިންނާއި ވަޒީފާ އަދާކުރާ ފަރާތްތަކާއި އެނޫން ވެސް ރައްޔިތުންގެ ޙައްޤުތައް މިރާއްޖޭގެ ކޯޓުތަކުން ނުނެގެހެއްޓޭކަމާއި، ޤާނޫނު އަސާސީގައި ރައްޔިތުންނަށް ޙައްޤުވާ އިންސާފުކަމަށް ބަޔާންކުރާ އިންސާފު ނުލިބޭކަން ހާމަވާކަމެކެވެ.

ނޫސްވެރިންގެ ޙައްޤުތަކާއި އަދި ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަންނަމުންދާ މިފަދަ ޙުކުމްތައް ކޯޓުތަކުން އިއްވުން ޢާންމުވެ، މިފަދަ ދަށުދަރަޖައަށް ރާއްޖޭގެ ޝަރުޢީ ނިޒާމު ގެނބިގެން ގޮސްފައިވަނީ ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން އެކަމަށް ތަރުޙީބުދޭތީއާއި ޝަރުޢީ ނިޒާމު މިނިވަންކޮށް އިސްލާޙުކުރުމަށް ސަރުކާރު ހުރަހަކަށްވެފައިވާތީކަމުގައި ދެކެމެވެ.

4 ޖުލައި 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް