އެމް.ޑީ.ޕީ ގެ 11 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މަރުޙަބާ ދެންނެވުން

މިއަދަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ 11 ވަނަ އަހަރީ ދުވަހަހެވެ. މި އުފާވެރި މުނާސަބަތުގައި އެމް.ޑީ.ޕީ ގެ އެންމެހައި މެމްބަރުންނަށާއި މި ޕާރޓީއަށް ތާއީދުކުރައްވާ އެންމެހައި ފަރާތްތަކަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ.

ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުގައި އުފެއްދި އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމްޑީޕީ) ވުޖޫދުވެފައިވަނީ 11 ޖޫން 2005 ގައެވެ. މިވޭތިވެދިޔަ 11 އަހަރުގެ ތެރޭގައި އެމްޑީޕީން ދިވެހި ރައްޔިތުންގެ ޙައްޤުގައި ޢަދަދުނުކުރެވޭހާ ގިނަ މަސައްކަތްތަކެއްކޮށް ފަޚުރުވެރި ކާމިޔާބީތަކެއް ވަނީ ހޯދާފައެއެވެ.

ދިވެހިރާއްޖޭގައި ސިޔާސީ ޕާރޓީ އުފެއްދުން މަނާވެގެންވަނިކޮށް ގިނަ ޕާރޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގެ މުޙިއްމުކަމަށް ވަކާލާތުކޮށް އެތައް ރައްޔިތުން ތަކެއް ޤުރުބާންވެ، އަމިއްލަ ނަފުސުތައް ރާއްޖެއިން ބޭރަށް އަރުވާލެވިގެން ތިބެ، އެމް.ޑީ.ޕީ އުފެއްދުމަށްފަހު އެންމެ ފުރަތަމަ ރާއްޖޭގައި އުފެދުނު ސިޔާސީ ޕާރޓީގެ ގޮތުގައި މި ޕާރޓީ ވަނީ ރަޖިސްޓްރީ ކުރެވިފައެވެ.

އެމް.ޑީ.ޕީ އުފެއްދުމުގައާއި އަދި ކުރިއަށްދިއުމުގައި ދައްކާދީފައިވާ ސާބިތުކަމާއި ހިތްވަރާއި ޖޯޝަކީ ރާއްޖޭގެ އެހެން އެއްވެސް ސިޔާސީ ބަޔަކަށް ދެއްކިފައި ނުވާވަރުގެ ސާބިތުކަމަކާއި ހިތްވަރާއި ޖޯޝެކެވެ. އަދި މި ޕާރޓީ ދެމިއޮވެފައިވަނީ އިސްލާމީ މަތިވެރި އުސޫލުތަކާއި ރައްޔިތުންގެ ބާރުވެރިކަން ދެމެހެއްޓުމުގައާއި، ޑިމޮކްރެސީއާއި، އިންސާނީ ޙައްޤުތަކާއި، ފަރުދީ މިނިވަންކަމާއި، ޢަދުލު އިންސާފާއި ޤާނޫނުގެ ވެރިކަން ކުރިއަރުވައި ދިފާޢުކުރުމުގައެވެ. ހަމަ އެފަދައިން އެމް.ޑީ.ޕީ އަކީ ރާއްޖޭގައި އޮތް އެންމެ އެތެރޭގެ ޑިމޮކްރެސީ ވަރުގަދަ އަދި އެންމެ އިންތިޒާމުވެގެން ހިނގާ އެންމެ މަގުބޫލު އަދި އެންމެ ބޮޑު ސިޔާސީ ޕާރޓީ ކަން ފަޚުރުވެރިކަމާއެކު ފާހަގަކުރަމެވެ.

ރާއްޖޭގައި ފުރަތަމަފަހަރަށް ބޭއްވުނު ގިނަ ޕާރޓީ އެކުލެވޭ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކް ވެރިކަމެއް ކުރައްވާފައިވަނީ މި ޕާރޓީގެ ލީޑަރ ރައީސް މުޙައްމަދު ނަޝީދުކަން އުފަލާއެކު ފާހަގަކުރަމެވެ. އަދި އެމް.ޑީ.ޕީގެ ވެރިކަމުގައި ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ ރައްޔިތުން މިނިވަންކޮށް، ރައްޔިތުން ބާރުވެރިކޮށް ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށް، ޓެކްސްގެ ނިޒާމު ތަޢާރަފުކޮށް، ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ލިބޭނޭ އާސަންދަ ތަޢާރަފުކޮށް، އުމުރުން ދުވަސްވީ މީހުންނަށާއި އެކަނިވެރި މައިންނަށް އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ޤާއިމުކޮށް، ބޯހިޔާވެހިކަން ފޯރުކޮށްދީ، ދަތުރުފަތުރުގެ ނިޒާމުން ރައްތައް ގުޅުވާލައި، ޒުވާނުންނަށް ދެވަނަ ފުރުސަތުގެ ޕްރޮގްރާމްތައް ހިންގުން ފަދަ އެތަކެއް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެސްފައިވެއެވެ. އަދި ތިމާވެއްޓާއި މޫސުމަށް ދިމާވަމުންދާ މައްސަލަތަކުގައި ރައީސް މުޙައްމަދު ނަޝީދު ދުނިޔޭގައި އިސް ލީޑަރޝިޕެއް ދައްކުވައިދެއްވައި ތިމާވެށީގެ މައްސަލާގައި ދުނިޔޭގައި ނަން ހިނގާ ޤައުމަކަށް ދިވެހިރާއްޖެ ހައްދަވައިދެއްވާފައިވާކަން ފަޚުރުވެރިކަމާއެކު ފާހަގަކުރަމެވެ.

އެމް.ޑީ.ޕީ ގެ 11 ވަނަ އަހަރީ ދުވަސް ރަމަޟާން މަހުގެ ފަހު ދިހައާ ދިމާވުމުގެ ސަބަބުން އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުން މިއަންނަ ޖުލައި މަހު 11 ވާ ހޯމަދުވަހުގައި ބޭއްވުމަށް މިހާރުވަނީ ހަމަޖެހިފައެވެ. އަދި އެދުވަހު މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުގައި އެމް.ޑީ.ޕީގެ ކުލަގަދަ ޕެރޭޑެއް ބޭއްވިގެންދާނެއެވެ. އެހެންކަމުން މި ތާރީޚީ މުނާސަބަތު ފާހަގަކުރުމަށްޓައި ފަސޭހައިގައްޔާއި، އުނދަގުލުގައި އަދި މިނިވަންވެ ތިބެގެންނާއި، ހައްޔަރުގައި ތިބެގެންމެ، ދިވެހި ޤައުމަށާއި ރައްޔިތުންގެ ޚިދުމަތުގައި މިޕާޓީއިން ކޮށްފައިހުރި އަދި ކުރަމުންދާ މަސައްކަތުގެ ހަނދާން އައުކުރުމުގެ ގޮތުން އެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް މިޕާޓީގެ އެނެމެހައި ލޮބުވެތި މެންބަރުންނާއި، ހެޔޮ އެދިވަޑައިގަންނަވާ ފަރާތްތަކަށް ދަންނަވަމެވެ.
26 ޖޫން 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް