ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙައްމަދު ނާޒިމް ވަގުތުން މިނިވަންކުރުމަށް ގޮވާލުން

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ މައްޗަށް ހަތިޔާރު ގެންގުޅުއްވިކަމުގައި ޓެރަރިޒަމްގެ ދަޢުވާ އުފުލައި 11 އަހަރު ދުވަހަށް ޖަލަށް ޙުކުމްކޮށްފައި ވަނިކޮށް ރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސުން ހާމަކުރި މަޢުލޫމާތާގުޅިގެން އެމަނިކުފާނު ވަގުތުން މިނިވަންކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ސަރުކާރަށް ގޮވާލަމެވެ.

ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ހައްޔަރުކޮށް ޖަލަށްލާފައިވާ މައްސަލައަކީ ފްރޭމްކޮށްފައިވާ މައްސަލައެއްކަމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނިކޮށް، އަދި އެމަނިކުފާނު އުޅުއްވާ އެޕާރޓްމެންޓުން ފެނުނުކަމަށް ބުނާ ހަތިޔާރާ އެމަނިކުފާނާ ގުޅުވޭނޭ އެއްވެސް ގޮތެއް ނެތްކަމާއި، އެކަން ކުރި ބަޔެއް ފޮރެންސިކް ތަޙްލީލުން ޔަޤީންވާނޭކަމަށާއި އެހެންކަމުން އެކަން ބަލައިދިނުމަށް އެމަނިކުފާނު ތަކުރާރުކޮށް އެދިވަޑައިގެންފައިވެއެވެ. އަދި މުޅި އެދަޢުވާގެ ދިފާޢު ބިނާކޮށްފައިވަނީ ފްރޭމްކޮށްފައިވާކަމުގެ މައްޗަށް ކަމަށް ވީނަމަވެސް ފޮރެންސިކް ތަޙްލީލުކުރުމެއް ނެތި، އެމަނިކުފާނުގެ މައްޗަށް ދަޢުވާކޮށް އަދި ދަޢުވާ އުފުލިގޮތަށް ސާބިތުކޮށް 11 އަހަރަށް ޖަލަށް ޙުކުމްކޮށްފައިވާކަން ފާހަގަކުރަމެވެ. މިގޮތަށް ޙުކުމްކުރިތާ ދޮޅުއަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން، އަދި ކޯޓުތަކުން 3 މަރުޙަލާ ކަޑަތުކުރެއްވުމުގެ ތެރޭގައި ވަނިކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސުން ރޭގައި ކުއްލިގޮތަކަށް ހާމަކުރި މަޢުލޫމާތުން ކާނަލް މުޙައްމަދު ނާޒިމް ފްރޭމްކޮށްފައިވާކަން އިތުރަށް ކަށަވަރުވެއެވެ. އަދި ސަރުކާރުންނާއި ދައުލަތުން ބޭނުންވި ދައުވާއެއް ކާނަލް މުޙައްމަދު ނާޒިމްގެ މައްޗަށް އުފުލައި، ބޭނުންވިގޮތަށް ބޮޑު ޙުކުމެއް އިއްވައި، އިތުރު ތުޙުމަތެއްކޮށްފައިނުވުމުން އިތުރަށް ހިންގަންޖެހޭ ތަޙްޤީޤެއް އޮވެގެން ނުވާނޭއިރު، ދޮޅުއަހަރު ފާއިތުވިފަހުން ތަޙްޤީޤު ނުނިމޭކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ރޭގައި ބުނުމަކީ ފުލުހުންގެ މުވައްސަސާއަކުން ބުނެވޭނޭ އެންމެ ދަށްފެންވަރުގެ ވާހަކައެވެ. އަދި މިއީ ރައީސް ޢަބްދުﷲ ޔާމިންގެ މުޖުރިމު ސަރުކާރުން ރާއްޖޭގެ މުޅި ޖިނާޢީ ޢަދުލުގެ ނިޒާމް ހައިޖެކުކޮށް “މުޖުރިމު ވިއުގައަކަށް” ބަދަލުކޮށްފައިވާކަން އިތުރަށް ހާމަވެގެންދިއަ ކަމެކެވެ.

މިފަދަ މުޖުރިމު ވިއުގައެއްގެ ގޮތުގައި ރައީސް ޢަބްދުﷲ ޔާމިނުގެ ސަރުކާރުން ޖިނާޢީ ޢަދުލުގެ ނިޒާމު ބާއްވައިގެން ރައްޔިތުންގެ މައްޗަށް ތަޙްޤީޤުތައްކުރުމާއި، ދަޢުވާތައް އުފުލުމާއި އަދި ޙުކުމްތައް އިއްވުމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޢަދުލު އިންސާފުން ރައްޔިތުން މަހުރޫމުކުރުމެވެ. މިއީ ޖިނާޢީ ޢަދުލުގެ ނިޒާމުގެ ދާއިރާގައި ހެޔޮ ނިޔަތުގައި ރަނގަޅަށް މަސައްކަތްކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ވެސް ކުރިމަތިވެފައިވާ ބޮޑު ހުރަހެކެވެ.

ކާނަލް މުޙައްމަދު ނާޒިމްގެ މައްޗަށް ދަޢުވާކޮށް 11 އަހަރަށް ޖަލަށްލުމަށް ޙުކުމްކުރި މައްސަލައިން ވެސް ޔަޤީންވަނީ ރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމު ގެނބިގެން ގޮސްފައިވާ ދަށުދަރަޖައެވެ. އަދި ރާއްޖޭގޭ ޖިނާޢީ ޢަދުލުގެ ނިޒާމް މިނިވަންކޮށް ޢަދުލު އިންސާފު ޤާއިމުކުރެވޭނީ ރައީސް ޢަބްދުﷲ ޔާމިންގެ މުޖުރިމު ސަރުކާރުގެ ކިބައިން ޖިނާޢީ ޢަދުލުގެ ނިޒާމް މިނިވަންކޮށްގެންނެވެ.
22 ޖޫން 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް