އެމް.ޑީ.ޕީން މިއަދު އިލެކްޝަންސް ކޮމިޝަންގެ ރައީސް ރައީސް އަލްފާޟިލް އަޙްމަދު ސުލައިމާނަށް ފޮނުވި ސިޓީގައި ދަންނަވާފައިވަނީ މިއަހަރު ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވީ ނަމަވެސް މި އަހަރުގެ މިހާތަނަށްވެސް އެ ފައިސާ ދޫކޮށްފައިނުވާކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ އަކީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ޅ) ގެ ދަށުން ދައުލަތުގެ ބަޖެޓު ނިސްބަތްވާ އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ޙަވާލުކުރަންވާނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ލިބެންޖެހޭ ފައިސާ ޤާނޫނާ ޚިލާފަށް ހިފަހައްޓަމުންދާކަމަށާއި އެ ފައިސާ ހޯދުމަށް އިލްކްޝަންސް ކޮމިޝަނުގެ މައްޗަށް ދަޢުވާކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން ނިންމައިފައިވާކަމަށެވެ.
މީގެ ކުރިންވެސް ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދިނުމަށް ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން ފައިސާ ނުދީ ހިފެހެއްޓުމުގެ ޤާނޫނީ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންނުވާކަމަށާއި އެ ފައިސާ އެ ޕާޓީތަކަށް ދިނުމަށް ސިވިލް ކޯޓުން އެކޯޓުގެ 411/Cv-C/2011 އަދި 1053/Cv-C/2014 ނަންބަރު ޤަޟިއްޔާތަކުން ކަނޑައަޅާފައިވާކަމުގައި ސިޓީގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތިރުން ސިޓީގައި މި ދެންނެވުނު ދެ ޤަޟިއްޔާއަކީ މަތީ މަރުޙަލާގެ އެއްވެސް ކޯޓަކުން މި ދެ ޤަޟިއްޔާގެ ޙުކުމަށް އެއްވެސް ބަދަލެއް އަސްފައިނުވާ ޤާއިމުވެގެންވާ ނިހާއީ ޙުކުމްތަކެއްކަމުގައިވީހިނދު، ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ ފައިސާ ނުދީ ހިފެހެއްޓުމަކީ ޝަރުޢީ ކޯޓުތަކުން ކޮށްފައިވާ މިފަދަ ޙުކުމްތަކަށާއި ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އާ ޚިލާފަށް ކުރާ ކަމެއްކަމުގައި އިލެކްޝަންސް ކޮމިޝަނަށް ވަނީ ދަންނަވާފައެވެ.