ސައޫދީ ސަރުކާރުން މިއަހަރު ރާއްޖެއަށް ދޫކޮށްފައިވާ 1000 ޙައްޖު ކޯޓާގެ ތެރެއިން 50 ކޯޓާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ޙަވާލުކޮށް އެ 50 ކޯޓާގެ ދަށުން މިއަހަރު ޙައްޖަށް ދާނެ ފަރާތްތަށްވެސް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފަށް ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދީދީ ހަމަޖެއްސެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާތީ އެންޓި ކޮރަޕްޝަން ކޮމިޝަނުން މި މައްސަލަ ބައްލަވައިދެއްވުމަށް އެދި އެމް.ޑީޕީން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އަދި މި ރަމަޟާންމަހު ދިވެހި ރައްޔިތުންނާށް ކަދުރު ބެހުމަށްޓަކައި ސައޫދި ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 50 ޓަނު ކަދުރުގެ ތެރެއިން 10 ޓަނު ކަދުރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް ދީދީގެ މަސްލަހަތު އޮންނަ ޖަމިއްޔާއެއް ކަމުގައިވާ ‘ސަދަޤާތު ފައުންޑޭޝަން’ އާއި ހަވާލުކޮށްފައިވާތީ އެކަމަކީ މާލިޔަތު ޤާނޫނާއި މާލިއްޔަތު ގަވައިދާއި ހިލާފަށް ބޭރުގެ ފަރާތަކުން ސަރުކާރަށް ހަދިޔާކޮށްފައިވާ މުދަލެއް ދޫކޮށްފައިވާ މައްސަލައެއްކަމުން މި މައްސަލަވެސް ބަލައިދިނުމަށް އެމް.ޑީ.ޕީން މިއަދު ވަނީ އޭ.ސީ.ސީއަށް ހުށަހަޅައިފައެވެ.