ރައީސް ޢަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ބޮޑެތި ޖިނާޢީ ކުށްތަކުގައި އެމަނިކުފާނު ޙައްޔަރުކޮށްގެން މެނުވީ އެމަނިކުފާނަށް ބިރަކަށްވާ އެއްވެސް ފަރާތެއްގެ މައްޗަށް ހިންގޭ ތަޙްޤީޤެއް އަދި ޝަރީޢަތެއް ރަނގަޅުގޮތުގައި ހިންގުމަކީ މުސްތަޙީލުކަމެއްކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ދެކެމެވެ.
މިފަދައިން ތަޙްޤީޤެއް އަދި ޝަރީޢަތެއް ކުރެވިފައިވަނީ ފަނޑިޔާރެއްގެ މައްޗަށް ކަމުގައި ވިޔަސް، ދައުލަތުގެ ޕްރޮސިކިޔުޓަރ ޖެނެރަލްކަން ކުރެއްވި ފަރާތެއްގެ މައްޗަށްކަމުގައި ވިޔަސް އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރެއްވި ފަރާތެއްގެ މައްޗަށްކަމުގައި ވިޔަސް އެ ތަޙްޤީޤެއްގައި އަދި ޝަރީޢަތެއްގައި އިންސާފުވެރިކަމުގެ ސިފައެއް ނުފެންނާނެކަން އެންމެފަހުން ނިންމި މައްސަލަތަކުން ވެސް އެނގި ހާމަވެއެވެ.
މިގޮތުން އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙްމަދު ނިހާނާއި ކުރީގެ ޕްރޮސިކިޔުޓަރ ޖެނެރަލް މުހުތާޒު މުޙުސިނުގެ މައްޗަށް، ރައީސް ޢަބްދުﷲ ޔާމިން ހައްޔަރުކުރައްވަން ޤާނޫނާ ޚިލާފަށް ސައްހަނޫން ކޯޓު އަމުރެއް ނެރުއްވިކަމަށް ބުނާ މައްސަލާގައި އެ ދެބޭފުޅުން 17 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވަނީ އިންސާފުވެރި ޝަރީޢަތެއްގައި ހުންނަންޖެހޭ އަސާސްތަކާއި މިންގަނޑުތަކުން ބޭރުން ޝަރީޢަތްކޮށްގެންކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.
ސައްޙަކަން ނެތް ކޯޓު ޢަމުރުތައް އާންމުކޮށް ނެރެގެން ރާއްޖޭގެ އާންމު ރައްޔިތުންނާއި ސިޔާސީ ކަންކަމުގައި ބައިވެރިވާ ފަރާތްތައް ޙައްޔަރުކޮށް މިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމުން ރައްޔިތުންނަށް އަނިޔާވެރިވަމުންދާއިރު، އަދި އެއިން އެއްވެސް ފަހަރަކު ފަނޑިޔާރު ޙައްޔަރުކުރުމެއް ނޯންނައިރު، އެއާ ޚިލާފަށް ރައީސް ޢަބްދުﷲ ޔާމިން ހައްރުކުރުމަށް އަމުރެއް ނެރުނުކަމުގެ ތުޙުމަތެއް ކޮށްފިނަމަ، އެގޮތުން ނެރުނުކަމަށް ބުނާ އަމުރާއި އެ އަމުރެއް ނެރުނުކަމަށް ބުނާ ފަނޑިޔާރަކު ވެސް “ސައްޙަނޫން” ކަމަށް ކަނޑައަޅައި ޖަލަށްލާލުމަކީ ހަމަހަމަކަމާއި އިންސާފުނެތްކަމާއި ރައީސް ޢަބްދުﷲ ޔާމިން ޖިނާޢީ ޢަދުލުގެ ނިޒާމަށާއި ކޯޓުތަކަށް ނުފޫޒުފޯރުއްވާފައިވާކަން ހާމަވާ އެއްކަމެވެ. އަދި ކޯޓު އަމުރެއްގެ މައްސަލައެއްކަމުގައި ވިޔަސް ޓެރަރިޒަމުގެ ދަޢުވާ ނައިސް ނުދާކަމާއި ދިގު މުއްދަތަކަށް ޙުކުމްނުކޮށް ނުދާކަމީ ރާއްޖޭގެ ކޯޓުތަކާމެދު ފާޑުކިޔުން އިތުރުވެފައިވާކަމެކެވެ.
އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙްމަދު ނިހާނާއި ކުރީގެ ޕްރޮސިކިޔުޓަރ ޖެނެރަލް މުހުތާޒު މުޙުސިނާއި ކުރީގެ ނައިބް ރައީސް ޢަހްމަދު އަދީބުގެ މައްޗަށް ޝަރީޢަތްތައް ހިންގުމުގައި، ކުރިން އެ މައްސަލަތަކާ ޙަވާލުވި ފަނޑިޔާރުންގެ އަތުން އެ މައްސަލަތައް ނަގައި، ބެންޗް ބަދަލުކޮށް އެކޯޓުގެ ފަނޑިޔާރު ޢަބްދުލްބާރީ ޔޫސުފު ކުއްލިގޮތަކަށް އެ މައްސަލަތަކާ ޙަވާލުވިގޮތާއި، އެ މައްސަލަތައް އަވަހަށް ނިންމުމަށް ރައީސް ޢަބްދުﷲ ޔާމިން ގޮވާލެއްވުމުން އެކަމުގައި އަވަސްއަރުވާލިގޮތާއި، ދިފާއީ ހެކި ހުށަހެޅުމަށް ފުރުސަތު ނުދިން ނުދިނުމާއި، ދިފާއީ ވަކީލުންނަށް އެކަށީގެންވާ ވަގުތު ނުދިނުމާއި، ސިއްރުން ހެކިބަސް ނެގުމާއި، ޢާންމުންނަށާއި ނޫސްވެރިންނަށް ނުވަދެވޭގޮތަށް ޝަރީޢަތުގެ އަޑުއެހުންތައް ސިއްރުކުރުކޮށް ރޭގަނޑުގެ ވަގުތުތަކުގައި ޝާރީޢަތްކޮށް މިގޮތްގޮތުން އިންސާފުވެރި ޝަރީޢަތެއްގައި ހުންނަންޖެހޭ އެންމެހައި އަސާސްތަކާއި މިންގަނޑުތަކެއް އެއްކިބާކޮށް ނާއިންސާފުން ޝަރީޢަތްތައް ހިންގާފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. މިއީ ރައީސް ޢަބްދުﷲ ޔާމިން ޖިނާޢީ ޢަދުލުގެ ނިޒާމަށާއި ކޯޓުތަކަށް އަތްބާނުއްވައި ނުފޫޒުފޯރުއްވައިގެން ވެރިކަން ދިފާޢުކުރެއްވުމަށް ކުރައްވަމުންގެންދަވާކަންތައްތަކެކެވެ.
12 ޖޫން 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް