ކަރަންޓުގެ ޚިދުމަތް ދިނުމުގަ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައި، ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ ގިނަ އަސަރުތަކެއް ކުރާނެ ގޮތަށް ސަރުކާރުން އަމަލުކުރަމުން ދާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރުން

ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގެ 23 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރެވިފައިވާ ފަދައިން، ކަރަންޓުގެ ޚިދުމަތަކީ ދިވެހި ކޮންމެ ރައްޔިތަކަށް ސަރުކާރުން ލިބިދޭންޖެހޭ ޚިދުމަތެކެވެ. ރައްޔިތުން ސަރުކާރެއް ހިންގުމަށް ބަޔަކާ ހަވާލުކުރަނީ މިފަދަ ޚިދުމަތްތައް އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދޭނެކަމާ، މިކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ފަހިކަމާ ފާގަތިކަމެއްކަމެއް ލިބިގެން ދާނެކަމުގެ ފޮނި އުންމީދުގައެވެ. އަދުގެ ޕީޕީއެމް އެމްޑީއޭ ސަރުކާރުން އަމަލުކުރަމުންދަނީ ކަރަންޓުފަދަ ޚިދުމަތް ދިނުމުގައި ރައްޔިތުންނަށް އޮޅުވާލާ އަދި ޤައުމުގެ އިޤްތިސާދަށް ނުހަނު ނޭދެވޭ އަސަރުތަކެއް ކުރާނެ ގޮތްތަކަކަށް ކަމަށްވާތީ މިކަން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ސިޔާސަތު މިކޮމިޓީން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރަމެވެ. ކަރަންޓުގެ އަގު ހެޔޮ ކުރާނެކަމަށާ ރައްޔިތުންގެ ޖީބަށް ލުއިވެގެން ދާނެ ކަމުގެ ޚަބަރުތަކެއްވަނީ ސަރުކާރުން އާއްމުންނަށް އިއްވާފައެވެ. ރައްޔިތުންގެ ކަރަންޓު ބިލްތައް ކުޑަވެގެންދަނީ ކަމަށް ހަޤީޤަތުގައިވެސް ޤަބޫލުކޮށް ގިނަ ބަޔަކުހިތްހަމަޖެހިގެންދިޔައެވެ.

ނަމަވެސް މިއަދު މިފެންނަ ހަޤީޤަތަކީ، މިވައުދުވެސް ސަރުކާރުގެ އެހެން ވައުދުތަކެކޭ އެއްފަދައިން ފުލުންދާތަނެވެ. މީހުން ދިރިއުޅޭ ގެތަކަށް ކަރަންޓް ފޯރުކޮށްދޭ އަގު ބޮޑުކުރިގޮތަށް އަދިވެސް ކުޑައެއްނުކުރެއެވެ. ކަންމިހެން އޮއްވާ ކުރީގައި ވިޔަފާރިތަކަށް ސަރުކާރުން ބިލް ކުރަމުން އައި ގޮތަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުުން 3000 ޔުނިޓަށް ވުރެ އިތުރަށް ކަރަންޓް ބޭނުންކުރާ ފަރާތްތަކުގެ ކަރަންޓު އަގުކުރެވޭ ރޭޓް އިތުރުކުރެވިފައިވެއެވެ. މިހެން ހެދުމުން، ކަރަންޓު ގިނައިން ބޭނުންކުރާ ފަރާތްތަކުގެ ބިލް %23 ނުވަތަ އެއަށްވުރެ އިތުރުވެގެންދާކަމަށް ހިސާބުތަކުންދައްކައެވެ. އާއްމުކޮށް ކަރަންޓު ބޭނުންކުރުން އިތުރުވެގެންދާނީ ވިޔަފާރިކުރާ ތަންތަނުގައި ކަމަށްވާތީ މިއީ ވިޔަފާރިކުރާ ފަރާތްތަކަށް ހުރި ބޮޑު ގޮންޖެހުމެއްކަމުގައި ދެކެމެވެ. ޚާޢްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކެތްކޮށްލަން އުނދަގޫވާފަދަ ހާލަތަށް މިކަމުގެ ސަބުބުން ދާނެކަމަށް ބެލެވެއެވެ. ވިޔަފާރިކުރާ ފަރާތްތަކަށް މިފަދަ ދަތިތަކާ ކުރިމަތިވުމުން މިކަމުގެ ސީދާ ގެއްލުން ރައްޔިތުމީހާއަށް ކުރެއެވެ. ވިޔަފާރިއަށް ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި މުދަލާ ޚިދުމަތްތަކުގެ އަގު ބޮޑުކުރުމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގުތައް އަތްނުފޯރާ ފަށަށްދާކަމާ، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދެރަވަމުންދާތަން މިހާރު ފެންނަކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ހަމައެއާއެކު، ގިނަ މީހުން އެއްގެއެއްގައި އުޅޭ ކަމުގައިވާނަމަ އެގޭގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ ބިލް ބޮޑުވެގެންދާނެއެވެ. ރާޢްޖޭގެ އިޤްތިސާދީ އަދި އިޖްތިމާއީ ހާލަތު ހުރި ގޮތުން، ގިނަ ފަހަރު ގިނަ މީހުން އެއް ކޮޓަރިއެެއްގައި ނުވަތަ ގެއެއްގައި އުޅެން މެދުވެރިވަނީ ތަންކޮޅެއް ފޯރުންތެރިކަން ކުޑަ އާއިލާތަކުގައެވެ. ކަރަންޓުގެ ޚިދުމަތަށް މިގެނެވުނު ބަދަލުގެ ސަބަބުން ގިނަ އާއިލާތައް ދިރިއުޅޭ ގެތަކުގެ ބިލްވެސް ވަރަށް ބޮޑުތަން އިތުރުވެެގޮސްފައިވާކަން ހިތާމައާއެކު ފާހަގަކުރަމެވެ. އަދި މިފަދަ ނިންމުންތައް ނިންމާއިރު، މީގެ ސަބަބުން ގިނަ ކަރަންޓު ބިލްތަކަކަށް ބަދަލު އައުމަށް ސަރުކާރުން ބަލާފައިވާނެ ކަމާ، އެހެންނޫންނަމަ މިފަދަ ބަދަލެއް ނުގެންނާނެކަަމަށް ޔަޤީންކުރެވެއެވެ. އަދި މިބަދަލު ގެނެސްފައިވަނީ ރައްޔިތުންނަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް އެކަމަށް ސަމާލުކަމެއް ނުދީ ސަރުކާރަށް ލިބޭ ފައިސާ އިތުރުކުރުމަށްކަންވެސް ޤަބޫލުކުރެވެއެވެ.

މީގެ އިތުރުން ސަރުކާރުން ކަރަންޓު ފޯރުކޮށްދޭ އަގު ބޮޑުކޮށްފައިވާއިރު ރައްޔިތުންނަށް ކުރިންވެސް ކަރަންޓް ބިލް ބޮޑުވާތީ ލުޔެއްދިނުމުގެގޮތުން 2010 ވަނަ އަހަރުން ފެށިގެން ދެމުންގެންދިޔަ ކަރަންޓް ސަބްސިޑީވެސް ކަނޑާލާފައިވުމަކީ ރައްޔިތުންނަށް ހެޔޮ އެދޭ އޯގާވެރި ސަރުކާރަކުން އަމަލު ކުރާނެ ގޮތެއް ނޫންކަން ފާހަގަކުރަމެވެ. މިގޮތަށް ކަރަންޓު ސަބްސިޑީގެ ގޮތުގައި ދެވޭ ފައިސާ ދިނުން ހުއްޓާލުމުން ސަރުކާރަށް 700 މިލިއަން ރުފިޔާ 2016 ވަނަ އަހަރު ލިބިގެންދާނެއެވެ. ނަމަވެސް މީ ރައްޔިތުންގެ ހައްގެއް ނިގުޅައިފަތުމަށްފަހު ރައްޔިތުންގެ އަތުން ސަރުކާރަށްމިއަހަރު ތެރޭގައި އިތުރަށް ނަގާނެ ފައިސާއެވެ. ކަރަންޓު ބިލް ބޮޑުކޮށްފައި، ސަބްސިޑީ ކަނޑާލުމުން ރައްޔިތުންގެ ޖީބުން 1.5 ބިލިއަން ރުފިޔާ އިތުރަށް ނަގާނެކަންވެސް ފާހަގަކުރަމެވެ.

މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ފަދަ ކަމެއްނޫނެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވާއިރު، އަދި ތެލުގެ އަގަށް އައި ހެޔޮ ބަދަލާއެކު ސަރުކާރުން ކަރަންޓު އަގު ހެޔޮ ކޮށްދޭނެކަމަށް ކަމަށް ބުނެފައިވީނަމަވެސް އަދިވެސް މިކަން ކުރެވިފައެއް ނެތެވެ. އޭގެ ބަދަލުގައި ވިޔަފާރިތަކަށް ބޮޑެތި ގެއްލުން ލިބޭ ގޮތަށް ބިލްކުރުމުގެ މިންގަނޑަށް ބަދަލުގެނައުމުން ސަރުކާރުގެ އިޙްލާސްތެރިކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގަލިބެއެވެ. އަދި ކަރަންޓުގެ ޚިދުމްތްދެވެނީ އެއްވެސް ދުރުވިސްނޭ ދެމެހެއްޓެނިވި ރޭވުމެއްގެ ދަށުންތޯ ސުވާލުއުފެދެއެވެ. އަދި މިކަމުގައި ސަރުކާރުގެ އަމާޒު ވިއްސިވިހާޅިވެފައިވާކަމާ، ހަރުދަނާ ސިޔާސަތެއް ނެތްކަން ވަރަށް ބޮޑަށް ފާހަގަވެއެވެ. މިފަދަ ކުއްލި ބަދަލުތައް އައުމުން ވިޔަފާރިތަކަށްވާނެ ދަތިތަކާ، އެވިޔަފާރިތަކުން ހަދާފައިވާ ޕްލޭންތަކަށް ބުރޫ އަރާނެ މިންވަރާމެދު ސަރުކާރުން ނުވިސްނާކަން ސާފުވާކަމާ، މިއީ އިޤްތިސާދީ މާހިރުން ކަންކުރައްވާނެ ގޮތް ނޫންކަން ފާހަގަކުރަމެވެ.

ދިވެހި ރައްޔިތުން ދަލާ ލޭ އޮހޮރައިގެން ކުރާ ބުރަ މަސައްކަތުން ލިބޭ ފައިސާ މިސަރުކާރުން އޮޅުވާލުމާ މަކަރާ ހީލަތުގެ ތެރެއިން އަތުލާ އަދި ކޮރަޕްޝަންގެ އަމަލުތަކުން މިފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާތީ މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށް، ކަރަންޓު ބިލް ބޮޑު ނުކުރުމަށާ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުންނަ އަގުގެ ނިސްބަތުން އަތްފޯރާ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށާ، ސަބްސިޑީ ކަނޑާނުލުމަށް ހަރު އަޑުން ގޮވާލަމެވެ.