ރާއްޖޭގެ އަދި ޚާއްޞަކޮށް މާލޭގެ އަމަން ބެލެހެއްޓުމަށް ރައީސް ޢަބްދުﷲ ޔާމިން ގެ ސަރުކާރު ނުކުޅެދި، މީހުން މެރުމާއި މާރާމާރީ ގިނަވެފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމެވެ.
މިގޮތުން ރައީސް ޢަބްދުﷲ ޔާމިން ވެރިކަމާ ޙަވާލުވެވަޑައިގަތް ފަހުން ޒުވާނުންނާއި އަދި އެނޫން ވެސް އުމުރު ފުރައިގެ މީހުން ގަތުލުކުރުމުގެ ހާދިސާތައް ގިނަވެފައިވަނިކޮށް، އެންމެ ފަހުން ރާއްޖޭގެ ރައްޔިތުން ސިއްސުވާލި ޚަބަރަކީ މިދިއަ ހުކުރު ދުވަހާއި އެދުވަހުގެރޭ އުމުރުން 14 އަހަރުގެ ދެ ކުދިން މަރާލި ހާދިސާތަކެވެ. މި ކުޑަ ދިވެހިރާއްޖޭގެ އެއް ރަށެއްގައި، އެއް ރެއެއްގައި ދެ ގަތުލު ހިންގައި އަދި އޭގެ އަނެއްދުވަހު ތޫނު އެއްޗަކަކުން ހަމަލާދީ އެހެން މީހަކު ޒަޙަމްކޮށްލައި ހާދިސާ ހިނގިތާ 48 ގަޑިއިރުވެގެންދާއިރުވެސް މައްސަލައިގައި އެއްވެސް ފަރާތެއް ހައްޔަރުކޮށްފައިނުވާކަމީ ރާއްޖޭގެ ރައްޔިތުންގެ ހަށިފުރާނައިގެ ރައްކާތެރިކަން ނެތް މިންވަރާއި އަމާންކަން ނެތް މިންވަރު ހާމަކޮށްދޭ ވަރުގަދަ ދަލީލެކެވެ.
އުމުރުން 14 އަހަރުގެ ކުޑަ ދެކުދިން ނުރައްކާތެރި މާރާމާރީއެއްގައި އަނިޔާވެރިގޮތަކަށް ގަތުލު ކުރުމުން މުޅި ދައުލަތް ވަނީ ފެއިލްވެފައެވެ. ސްކޫލްތަކާއި، މިފަދަ ކަންކަން ޙައްލުކުރުމަށް އުފައްދާފައިވާ ވުޒާރާތަކާއި، ފުލުހުންގެ ޒިންމާ އެއްވެސް މިންވަރަކަށް އަދާކުރެވިފައިނުވާކަން ހާމަވެއެވެ. އަދި މި ހިތާމަވެރި ހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވާ ކަމަކީ ރާއްޖޭގައި މިއަދު އާންމުވެފައިވާ ނުރައްކާތެރި މާރާމާރީގެ މައްސަލަތަކަށް އެއްގޮތަކަށްވެސް ހައްލެއް ލިބޭނެ ކަމެއް ކަމުގައި ނުދެކެމެވެ.
މީހުން ގަތުލުކުރުމުގެ މިފަދަ ނުރައްކާތެރި ހާދިސާތަކާއި ނުރައްކާތެރި މާރާމާރީ ހިންގުން ގިނަވަމުން ދާއިރު މިކަމާމެދު ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނުދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި މިއިން އެއް ޙާދިސާ ހިނގީ ގެއެއްގެ ތެރޭގައި ކަމަށްވާއިރު ގެދޮރުގެ ރައްކާތެރިކަން އިންތިހާއަށް ގެއްލިފައިވާކަންވެސް ފާހަގަ ކުރަމެވެ. ނުރައްކާތެރި މިފަދަ ގަތުލުގެ ހާދިސާއެއް ނުވަތަ މާރާމާރީއެއް ހިންގުމުން އެވަގުތު މަގު މައްޗަށް ފުލުހުންނާއި ކުއްތާ ނެރެ ހަރަކާތްތަކެއް ދައްކާލުމަކުން މުޖުތަމަޢުގެ އަމާންކަމަށް ދިމާވެފައި މިވާ ބޮޑު މައްސަލައަށް ޙަޤީޤީ ޙައްލެއް ލިބެމުން ނުދާކަން ފާހަގަވެއެވެ. އަދި މިފަދައިން ފުލުހުން ދައްކާ ގިނަ ހަރަކާތްތަކުގެ ތެރެއިން ގިނަފަހަރު ހައްޔަރުކުރެވިފައިވަނީ އެޙާދިސާއަކާ ގުޅުމެއް ނުވާ ފަރާތްތައްކަން ވެސް ފާހަގަވެއެވެ.
ހަށިފުރާނައިގެ ރައްކާތެރިކަމާއި އަމާންކަން ގެއްލިފައިވާ ޙާލަތުގައި މުޖުތަމަޢު ބޭއްވުމާއި، އާއިލާތަކާއި ރައްޔިތުން އެކަމުގެ ހާސްކަމުގައި ބޭތިއްބުމަކީ ޚުދުމުޚުތާރު ވެރިން ވެރިކަމުގައި ތިބުމަށް މުހިއްމުވާ ކަންކަންކަމުގައި އެފަދަ ވެރިން ދެކޭކަންކަމެވެ. ޖިނާޢީ ޢަދުލުގެ ނިޒާމާއި ކޯޓުތައް އިސްލާޙްކޮށްގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި މުޖުތަމަޢުގެ އަމާންކަން ކަށަވަރުކޮށްދިނުމުގެ ބަދަލުގައި ޚުދުމުޚުތާރު ސަރުކާރުތަކުން ދައުލަތުގެ މުވައްސަސާތަކުގެ އެންމެހައި ވަގުތުތަކާއި ވަސީލަތްތަކެއްގެ ބޭނުން ހިފަމުން ގެންދާނީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް އަމާޒުކުރެވޭ ހަތިޔާރެއްގެ ގޮތުގައެވެ. ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި މުޖުތަމަޢުގެ އަމާންކަން ކަށަވަރުނުކޮށްދެވި އެވަނީ ރައީސް ޢަބްދުﷲ ޔާމިންގެ ޚުދުމުޚުތާރު ސަރުކާރުގެ މި ސިޔާސަތުގެ ސަބަބުންނެވެ.
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 5 ޖޫން 2016