އެމް.ޑީ.ޕީގެ މާހެފުން ބޭއްވުމަށް ހުއްދަ ނުހޯދާކަމަށް ބުނާ ފުލުހުންގެ ދޮގު ވާހަކަތައް ކުށްވެރިކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން އިންތިޒާމްކޮށްގެން ހުކުރު ދުވަހުގެރޭ ބޭއްވި މާހެފުން އެއްވެސް ހަމައެއް ލަމައެއް ނެތި ފުލުހުން ރޫޅާލައި، އެތަނަށް ގެންދިޔަ ކާބޯތަކެތި ބިންމައްޗަށް އުކާލައި، މޭޒުފަދަ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެއަށްފަހު އެކަން އެގޮތަށް ކުރީ ހުއްދަ ނުހޯދައި މާހެފުން ބޭއްވުމުން ކަމަށް ފުލުހުން ބުނުމަކީ ކަނޑައެޅިގެން ހަގީގަތީ ޚިލާފް ވާހަަކައެކެވެ.

އެމް.ޑީ.ޕީގެ ފަރާތުން ހުކުރު ދުވަހުގެރޭ މާހެފުން ބޭއްވުމަށް ރޭގަނޑު 8:00 ން 11:30 އަށް ސޯސަންމަގުގައި ހުންނަ އެމް.ޑީ.ޕީ އޮފީސް ކުރިމަތި މަގު ބަންދުކޮށްގެން ބޭނުންކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރަށް ސިޓީއަކުން ވަނީ އެދިފައެވެ. މެއި 29 ވަނަ ދުވަހު ހައުސިން މިނިސްޓްރީއަށް ފޮނުވި މި ސިޓީ މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށާއި، އިލެކްޝަންސް ކޮމިޝަނަށާއި، ހިޔުމަން ރައިޓްސް ކޮމިޝަނަށްވެސް ވަނީ ކޮޕީކޮށް މި މައުލޫމާތު އެފަރާތްތަކާވެސް ވަނީ ހިއްސާކޮށްފައެވެ.

އެތައް ބައެއްގެ އެހީތެރިކަމާއި ބުރަ މަސައްކަތާއެކު ކާބޯތަކެތި ތައްޔާރުކޮށް ރަމްޟާން މަހުގެ މާތްވެގެންވާ އަޅުކަމަށް ކުރިމަތިލުމުގެ އުފަލުގައި މި ޕާޓީގެ މެމްބަރުން އިންތިޒާމް ކުރި މާހެފުން ރޫޅާލީ އަނިޔާވެރިކަމާ، ޚުދުމުހުތާރުކަމާއެކު އެއްވެސް އިހްތިރާމެއް ނެތިއެވެ. އެހެންކަމުން މިކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

އެމް.ޑީ.ޕީގެ މާހެފުން ރޫޅާލުމަށް 50 އަށްވުރެ ގިނަ ފުލުހުން ސޯސަން މަގުގައި ހަރަކާތްތެރިވަމުން ދިޔައިރު ދިވެހިރާއްޖޭގައި ދުވަހަކުވެސް ހިނގާފައިނުވާފަދަ ގޮތަކަށް އެއްރެއެއްގައި ހިތާމަވެރި މާރާމާރީތަކެއް ހިނގައި ކުޑަ 2 ކުދިން ރަޙުމެއް ނެތް ގޮތުގައި މަރާލި ހިނދުވެސް އެކަންކަން ހުއްޓުވުމަށް ފުލުހުންގެ މުވައްސަސާގެ ވަޞީލަތްތައް ބޭނުންނުކޮށް މާހެފުން ރޫޅާލުމަށް އިސްކަންދީ މުޅި މުވައްސަސާގެ ވަސީލަތްތައް މާހެފުން ރޫޅާލުމަށް ބޭނުންކުރުމުން ސިފަވަނީ ފުލުހުންގެ މުވައްސަސާއަކީ އްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރާ ތަނެއްގެ ބަދަލުގައި ޚުދުމުހުތާރުވެރިކަން ދެމެހެއްޓުމަށް ޙާްއްސަ ކުރެވިފައިވާ ތަނެއްގެ ގޮތުގައެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކެޓޭރިއެޓް
ތާރީޚް: 5 ޖޫން 2016