ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން އާންމު ޖަލްސާއެއް ބޭވުމަށް އާރޓިފިޝަލް ބީޗް ހޯދުމަށް ހައުސިންގ މިނިސްޓްރީއަށް ސިޓީއެއް މިއަދު ފޮނުވައިފިއެވެ. އެމް.ޑީޕީގެ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 2 ޖޫން ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00ގައެވެ.
މީގެ ކުރިންވެސް ހައުސިންގ މިނިސްޓްރީއަށް އެމް.ޑީ.ޕީގެ ފަރާތުން ވަނީ އާންމު ޖަލްސާއެއް ބޭއްވުމަށް ތަނެއް ހޯދުމަށް އެދި ސިޓީ ފޮނުވާފައެވެ. އެގޮތުން 11 މެއި ވީ ބުދަ ދުވަހުގައި ޕާޓީގެ ޖަލްސާއެއް ޖޫން 2 ގައި ދަރުބާރުގޭގައި ބޭއްވުމަށް ހައުސިންގ މިނިސްޓްރީއަށް ފޮނުވި ސިޓީގެ ޖަވާބުގައި ބުނެފައި ވަނީ ދަރުބާރުގެ ހުސްކޮށް އޮތްކަމަށާއި ، ޖަލްސާ ބޭއްވުމަށް އެދޭ ހުއްދަ ފޯމް ހުށަހެޅުމަށެވެ. ނަމަވެސް އެމް.ޑީ.ޕީން ފޯމް ހުށަހެޅުމަށްފަހު ހައުސިންގ މިނިސްޓްރީގެ ޖަވާބަކަށް ދަންނަވާފައިވަނީ ސަރުކާރުގެ ބޭނުމަކަށް ދަރުބާރުގެ ނަގާފައިވާ ކަމަށެވެ.
އެމް.ޑީޕީގެ އާންމު ޖަލްސާއެއް މި ހަފްތާގެ 2 ޖޫން ވާ ބުރާސްފަތި ދުވަހުގެ ރޭ އާރޓިފިޝަލް ބީޗްގައި ހައުސިންގ މިނިސްޓްރީގެ ހުއްދައާއިއެކު ބޭއްވުމަށް ޕާޓީގެ ފަރާތުން މިދަނީ މަސައްކަތްކުރަމުންނެވެ.