މިހާރު ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ޔޫރަޕިއަން އިއްތިހާދުގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ވެރިންނާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ)އާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ މިއަދު ސިޔާސީ ޙާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނެވެ. އެގޮތުން ކުރިއަށް އޮންނަ އިންތިޚާބުތަކުގައި އިލެކްޓްރޯނިކް ވޯޓިންގެ ނިޒާމު ބޭނުންކުރުމާއި، އިލެކްޝަންސް ކޮމިޝަނާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އިލެކްޓްރޯނިކް ވޯޓިންގެ ނިޒާމު ތަޢާރަފް ކުރުމާ ގުޅޭ ގޮތުން އެމް.ޑީ.ޕީގެ ފަރާތުން ކަންބޮޑުވާ ކަންކަން މިޝަންތަކުގެ ވެރިންނާ ހިއްސާ ކުރިއެވެ. އަދި އިލެކްޓްރޯނިކް ވޯޓިންގެ ނިޒާމަކީ ދިވެހިރާއްޖެއަށް ބޭނުންތެރި ނިޒާމެއް ނޫންކަމަށާއި މި ނިޒާމް ތަޢާރަފް ކުރުމަށް އެމް.ޑީ.ޕީން އެއްގޮތަކަށްވެސް ނޭދޭ ކަމުގައި ހިއްސާކުރިއެވެ.
ރާއްޖޭގެ ރައްޔިތުން އިލެކްޝަންސް ކޮމިޝަނަށާއި މިނިވަން މުވައްސަސާތަކަށް ކުރާ އިތުބާރު ކުޑަވެފައިވާ މިދަނޑިވަޅުގައި އިލެކްޓްރޯނިކް ވޯޓިންގެ ނިޒާމް ތަޢާރަފްކުރުމުން ރައްޔިތުން އިންތިޚާބުތަކަށް ކުރާ އިތުބާރު ކުޑަވެގެންދާނެކަމަށް އެމް.ޑީ.ޕީން ދެކޭ ކަމުގައި މަޝްވަރާގައި ހިއްސާ ކުރެވުނެވެ. އަދި މިހާރު ކަންކަން ހިނގަމުންދާ ގޮތަށް ބަލައި 2018 ވަނަ އަހަރު ބޭއްވޭ ރިޔާސީ އިންތިޚާބުވެސް މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެދުމާ މެދު މަޝްވަރާ ކުރެވުނެވެ.
މިއަދު ހަވީރު އެމް.ޑީ.ޕީގެ މައި އޮފީހުގައ ބޭއްވެވި ބައްދަލުވުމުގައި ޞުލްޙަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ސަރުކާރުން އިސްނަންގަވައިގެން ހުރަސްއަޅުއްވާކަމަށާއި ސިޔާސީ ޕާޓީތަކުގެ ދަފްތަރުން މެމްބަރުން އުނިކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާއި، ސިޔާސީ ޕާޓީތަކަށް ތާޢީދުކުރާ ރައްޔިތުން ރަށްރަށުގައި ހަދާފައިވާ ޖަގަހަތައް ޤާނޫނު އަސާސީއާއި ޤާނޫނާ ޚިލާފަށް ރޫޅާލައި އެތަންތަން ހަލާކުރަމުން ގެންދާ ކަންކަމާމެދު ކަންބޮޑުވުން ފާޅުކުރިއެވެ.