ދިވެހިރާއްޖޭގެ އިންތިޚާބާ ބެހޭ މިނިވަން މުވައްސަސާ، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ރާއްޖޭގައި ކުރިއަށް އޮތް އަހަރުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިލެކްޓްރޯނިކް ވޯޓިންގެ ނިޒާމް ބޭނުން ކުރުމަށް ނިންމަވާފައިވާތީ އެކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން އެދުމުން އެކަމާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ދެއްވާފައިނުވާތީ އެނިޒާމް ތަޢާރަފް ކުރުމާ ގުޅޭ ގޮތުން އެމް.ޑީ.ޕީގެ ކަންބޮޑުވުންތަކާއި އީ-ވޯޓިންގެ ނިޒާމާ ގުޅޭ ގޮތުން އެކޮމިޝަނުން ނިންމަވާފައިވާކަން އެމް.ޑީ.ޕީއަށް އަންގަވައިދެއްވުމަށް އެދި އިލެކްޝަންސް ކޮމިޝަަަނަށް މިއަދު ސިޓީއެއް ފޮނުވައިފިއެވެ.
އިލެކްޝަންސް ކޮމިޝަންއިން އީ-ވޯޓިންގެ ނިޒާމް ބޭނުން ކުރެއްވުމަށް ނިންމަވާފައިވާކަމަށް މީޑިޔާގެ އެކިފަރާތްތަކުން ރިޕޯޓުކުރަމުން ގެންދާތީ އެފަދަ އެއްވެސް ނިންމެވުމެއް ނިންމަވާފައިވާނަމަ އެމް.ޑީ.ޕީއަށް އެކަން އަންގަވައިދެއްވުމަށް އެދި 2 މެއި 2016 ގައި ސިޓީއަކުން އެދުނެވެ. އެ ސިޓީގައި އެދިފައިވާ މައުލޫމާތު ހިއްސާކުރެއްވުމުގެ ބަދަލުގައި 3 މެއި 2016 ގައި އިލެކްޝަންސް ކޮމިޝަނުން އެމް.ޑީ.ޕީއަށް ސިޓީއަަކުން ދެންނެވީ “ކުރިއަރަމުންދާ ދުނިޔޭގައި، ފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު މި ކޮމިޝަނުގެ މަސައްކަތްތައް ތަރައްޤީ ކުރުމަށް ކުރަންޖެހޭ ކަންކަން މި ކޮމިޝަނުން ދަނީ ކުރަމުންނެވެ. މިގޮތުން އިލެކްޓްރޯނިކް ވޯޓިން ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމުގައި ދެންނެވީމެވެ.”
މިއަދު އެމް.ޑީ.ޕީން އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީގައި އީ-ވޯޓިންގެ ނިޒާމު ރާއްޖެއަށް ތަޢާރަފް ކުރުމާ ގުޅޭ ގޮތުން އެމް.ޑީ.ޕީގެ ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ދިވެހިރާއްޖެއަކީ އާބާދީ ކުޑަ ޤައުމަކަށްވެފައި މަދު ގަޑިއިރުތަކެއްގެ ތެރޭގައި ވޮޓު ފޮށިތަކުގެ ނަތީޖާތައް އިއުލާންކުރެވޭހިނދު އީ-ވޯޓިންގެ ނިޒާމަށް ކުއްލިގޮތަކަށް ބަދަލުކުރަން ޖެހޭ ސަބަބާމެދު ސުވާލު އުފެދޭކަމުގައި ސިޓީގައިވެއެވެ. އަދި އެމް.ޑީ.ޕީއަކީ ދިވެހިރާއްޖޭގައި އެންމެ ބޮޑު ސިޔާސީ ޕާޓީއަށްވެފައި، އެއް ޕާޓީއަކުން އެންމެ ގިނަ ވޯޓުވެސް ހޯދާފައިވާ ޕާޓީއަށްވެ އިންތިޚާބުތަކުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ޕާޓީއަށްވީނަމަވެސް މިކަމާ ގުޅޭގޮތުން އެމް.ޑީ.ޕީއާއި މަޝްވަރާނުކޮށް މިފަދަ ބޮޑު ބަދަލެއް ގެނައުމަކީ އެމް.ޑީ.ޕީއަށް ޤަބޫލުނުކުރެވޭނެ ކަމެއް ކަމުގައިވެސްވެއެވެ. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނަކީ ސިޔާސީ ނުފޫޒު ފޯރާފައިވާ ތަނެއް ކަމުން އެ ކޮމިޝަނުގެ މިނިވަންކަމާ މެދު ސުވާލުއުފެދޭ ކަމުގައިވެސް ސިޓީގައިވަނީ ބަޔާންކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އީ-ވޯޓިން ތަޢާރަފް ކުރުމަށް ނިންމެވިކަން މީޑޔާތަކުގައި އިއުލާން ކުރެއްވުމުން އެކަމާމެދު އެމް.ޑީ.ޕީން ވަނީ މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.